ޚަބަރު
ޗައިނާއާ އެކު އަސްކަރީ އެއްބަސްވުމެއްގައި ސޮއިކޮށްފި
ރާއްޖެއަށް ހިލޭ އަސްކަރީ އެހީތެރިކަން ދިނުމަށް ޗައިނާ އިން ރާއްޖެއާއެކު އެއްބަސް ވުމެއް ގާއިމު ކުރުން
ޗާއިނާއާ އެކު އަސްކަރީ އެއްބަސްވުމެއްގައި ރާއްޖޭން މިއަދު ސޮއިކޮށްފި އެވެ.

ޑިފެންސް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓުގައި ބުނީ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާއި ޗައިނާގެ އިންޓަނޭޝަނަލް މިލިޓަރީ ކޯޕަރޭޝަނުގެ ޑެޕިއުޓީ ޑިރެކްޓާ މޭޖާ ޖެނަރަލް، ޒަން ބެއެކުންއާ އަސްކަރީ އެހީގެ އެއްބަސްވުމެއްގައި ސޮއިކުރައްވާފައިވާ ކަމަށެވެ.

އެ އެއްބަސްވުމުގެ ތަފްސީލު ހާމައެއް ނުކުރެ އެވެ. އެކަމަކު ބުނީ މި އެއްބަސްވުމުގެ ސަބަބުން ރާއްޖެ އާއީ ޗައިނާގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ޗައިނާއާއި ދިވެހި ސަރުކާރުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިކޮށްފަ އެވެ. މިސަރުކާރުގެ ބޮޑެތި ބިޔަ މަޝްރޫއުތައް ވެސް ޗައިނާގެ ކުންފުނިތަކަށް ދެނީ ދެމުންނެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ފުރަމާނަ ދަތުރުފުޅެއް ފުރަތަމަ ކުރެއްވެވީވެސް ޗައިނާ އަށެވެ. 


ރާއްޖެ-ޗައިނާ އަސްކަރީ އެއްބަސްވުމެއް ގާއިމު ކުރިއިރު ހުޅަނގުގެ މީޑިއާތަކާއި އިންޑިއާ ފަދަ ގައުމުތަކުން ދެކެނީ ރައީސް މުއިއްޒަކީ ޗައިނާގެ ވަރަށް ހާއްސަ އެކުވެރިއެއްގެ ގޮތުގައެވެ. ޗައިނާއާ ވަރަށް ގާތް ގުޅުމެއް މި ސަރުކާރުން ބާއްވާނެ ކަމަށް އެ ގައުމުތަކުން ދެކެ އެވެ.

މިދިޔަ ފަސް އަހަރު ރާއްޖެ-ޗައިނާ ގުޅުން އޮތީ އެންމެ ރަނގަޅު މަރުހަލާ ގައެއް ނޫނެވެ. އޭގެ ކުރީ ފަސް އަހަރު -- ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ގައި ޗައިނާއާ އޮތީ ވަރަށް ގާތް ވަރުގަދަ ގުޅުމެކެވެ. ރާއްޖޭގައި ހިންގުނު ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތަކަށް ދީލަތި ކަމާ އެކު ޗައިނާގެ އެހީތެރިކަން އޮތީ ދީފައެވެ. އެންމެ ހާއްސަ މަޝްރޫއު އަކީ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖެވެ. ވަރަށް ބޮޑު އިސްކަމެއް ދީގެން އެ ގައުމުން ވަނީ ކުރު މުއްދަތެއްގެ ތެރޭގައި ބްރިޖްގެ ބިޔަ މަޝްރޫއު ނިންމާފައެވެ.

ކުރިއަށް އޮތް ފަސް އަހަރު ވެސް ރާއްޖެ-ޗައިނާ ގުޅުން ބަދަހިވެ އެ ގައުމުގެ އެހީތެރިކަމުގައި ބޮޑެތި މަޝްރޫއުތައް ހިންގާނެ ކަމަށް ބެލެވެ އެވެ.
 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު