ޚަބަރު
ވެރިކަން ގެއްލުނީ ނަޝީދުގެ ޓީމު ވަކިވުމުން: ސޯލިހް
ރިޔާސީ އިންތިހާބުން ނާކާމިޔާބުވި މައިގަނޑު އެއް ސަބަބަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ ޓީމު ދުރަށް ދިޔުމުން ކަމަަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރު އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ފަށާފައިވާ ކެމްޕެއިން ގައި ނ. މަނަދުއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

ސޯލިހް ވިދާޅުވީ މަޖިލީސް އިންތިހާބުން ކާމިޔާބު ހޯދުމަކީ ވަރަށް މުހިންމު ކަމެެއް ކަމަށެވެ. އެކަމަށްޓަކައި ބަދަހިކޮށް ތިބުމުގެ މުހިންމު ކަން ފާހަަގަ ކުރެއްވި އެވެ.

ސޯލިހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ދީފި ނަމަ ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅައި، ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލާނެ ކަމަށެވެ.

އެމްޑީޕީގެ 12 މެމްބަރަކު ވެރިކަންކުރާ ޕީއެންސީއަށް ސޮއިކުރިކުރުމަށް އިޝާރާތްކުރައްވައި އެމަނިކުފާނު ވިދާޅުވީ އެއީ ސަރުކާރުން ހިންގި ކޮރަޕްޝަންގެ އަމަލެއް ކަމަށެވެ.

"އެކަން ކުރި ގޮތް ވަރަށް ސާފުކޮށް އެބަ އެނގޭ. މިތާ މި ތިއްބެވި ދެ ބޭފުޅުން. ފައިސާ ހުށަހެޅި. މި ދެ ބޭފުޅުންނަށް ވެސް ހުށަހެޅި. ފައިސާ ދީގެން 12 މެންބަރަކު އެ ތިބީ ގެންގޮސްފައި، އެއްޗެއް ހިތަށް ވެސް ނާރާ،" ސޯލިހު ވިދާޅުވި އެވެ.

ރިޝްވަތު ހުށަހެޅި ދެ މެމްބަރުންނަކީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ އާއި މަނަދޫ ދާއިރާގެ މެންބަރު އަހުމަދު ހާރޫނެވެ.

އެމަނިކުފާނު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ގެނެވުމުން ރައްޔިތުން މިއަދު ތިބީ މާޔޫސްވެފައި ކަމަށާއި ޕީއެންސީގެ މެމްބަރުން ވެސް މިއަދު ތިބީ މާޔޫސްވެފައި ކަމަށެވެ.

ސަރުކާރު ހަމަމަގަށް އެޅުވުމަށްޓަކައި މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް މުހިންމު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މެޖޯރިިޓީ މި ބޭނުންވަނީ ސަރުކާރަށް އުނދަގޫ ކުރާކަށް ނޫން. ޖެއްސުން ކުރާކަށް ނޫން. އެއްވެސް ރަށެއްގެ، އެއްވެސް ދާއިރާއެއްގެ ތަރައްގީ އަށް ހުށަހަޅާ ހުށަހެޅުމަކަށް އަޅުގަނޑުމެން ނޫނެކޭ ނުބުނާނަން،" ސޯލިހު ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ގައި ވާދަކުރީ ރައީސް ސޯލިހާއި ރައީސް ނަޝީދެވެ. ޕްރައިމަރީން ލިބުނު ނާކާމިޔާބީ އަށް ފަހު ނަޝީދު ވަނީ އެމްޑީޕީ ދޫކުރައްވާ ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަވާފަ އެވެ. ރިޔާސީ އިންތިހާބަށް ޑިމޮކްރެޓްސް އިން ކެންޑިޑޭޓަކު ނެރުނުއިރު އިންތިހާބުގެ ދެވަނަ ބުރުގައި ސޯލިހަށް ތާއީދުކުރަން ޑިމޮކްރެޓްސް އިން ވަނީ ދެކޮޅު ހަދާފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު