ޚަބަރު
މި ވަގުތު އިސްކަންދޭންވީ ޔާމީނާ އެކު، ޔުނައިޓެޑް ޑިމޮކްރަޓިކް ފްރޮންޓްގެ މަސައްކަތްތަކަށް: އިބޫ
މި ވަގުތު އިސްކަންދޭންވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ އެކު، އުފައްދާފައިވާ ޔުނައިޓެޑް ޑިމޮކްރަޓިކް ފްރޮންޓްގެ މަސައްކަތްތަކަށް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.  

ރައީސް ސޯލިހް މިހެން ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބުގައި ރައީސް ނަޝީދާ ވާދަކުރައްވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މީކާއިލް ނަސީމުގެ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ރައީސް ސޯލިހްގެ އުފަން ރަށް -- ޅ. ހިންނަވަރުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނާއި ރައީސް ނަޝީދާއި ރައީސް ޔާމީން ކުރައްވަންވީ ކަމަކީ ގައުމަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކަމަށެވެ. އެކަމަށްޓަކައި އުފައްދާފައިވާ ޔުނައިޓެޑް ޑިމޮކްރެޓިކް ފްރޮންޓުގެ ތެރެއިން މި ސަރުކާރު ބަދަލުކުރުމުގެ މަސައްކަތުގައި ތިން ރައީސުން ދެމިތިއްބެވުމަކީ މާ މުހިއްމު ކަމެއް ކަމަށް ވެސް ސޯލިހު ވިދާޅުވި އެވެ. 

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއީ އަކީ ރައީސް ނަޝީދު ވާދަކުރައްވަންވީ އިންތިހާބެއް ނޫން. މިއީ އެމަނިކުފާނު އަޅުގަނޑުމެންނާއެކު ގައުމު އިސްލާހުކުރުމަށްޓަކައި މިއަދު ކުރިމަތިވެފައި އޮތް މަސައްކަތްތައް ކުރުމަށްޓަކައި ޔުނައިޓެޑް ޑިމޮކްރެޓިކް ފްރޮންޓުގައި އަޅުގަނޑުމެން ތިން ރައީސުން ފެށި މަސައްކަތުގައި ދެމިހުންނަންވީ،"އެމަނިކުފާނު ވިދާޅުވި އެވެ. 

ޕާޓީއަށާއި ގައުމަށް ނަޝީދު ކުރައްވާފައިވާ މަސައްކަތަކަށް އިހުތިރާމް ކުރައްވާ ކަމަށާއި، ނަމަވެސް މި އިންތިހާބުގައި މީކާއީލް އަށް ތާއިދު ކުރައްވަން ނިންމެވީ  ސިޔާސީ ތަޖުރިބާގެ އަލީގައި ޕާޓީގެ މުސްތަގުބަލަށްޓަކައި ކަމަށް ސޯލިހު ވިދާޅުވި އެވެ. 

ނޫސްވެރިކަމުގެ މިނިވަންކަމަށާއި އެނޫންވެސް ބައެއް ކަންކަންމުގައި ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރު ޒިންމާދާރުކުރުމަށްޓަކައި ސޯލިހް ހިމެނޭހެން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ މިދިޔަ ހުކުރު ދުވަހު ބައްދަލުވުމެއް ބާއްވައިފަ އެވެ. އަދި އެ ބައްދަލުވުމަށް ފަހު އެ ގުޅުން ރަސްމީކޮށް، އެއްބަސްވުމަކަށް އާދެވުނުކަން ތިން ރައީސުން ހާމަ ކުރި އެވެ. 

ގައުމުގެ މިހާރުގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، ސަރުކާރުގެ ތެރޭގައި ހުރި ނުރަނގަޅު ކަންކަން އިސްލާހުކޮށް ގައުމު ހަމަމަގަށް އެޅުވުމަށް ތިން ރައީސުން އެ ރޭ ގޮވާލެއްވި އެވެ. 

އެ ތިން ބޭފުޅުން ސޮއިކުރެއްވި ކަރުދާހުގައި އެ ނޫނަސް މި ސަރުކާރުން ކުރަމުންދާ ކަންތައްތަކާ މެދު ކަންބޮޑުވުން ވަނީ ފާހަގަކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނޭ ކަންތައްތަކަކީ:

  • ގާނޫނުއަސާސީއިން ރައްޔިތުންނަށް ކަށަވަރުކޮށްދޭ އަސާސީ ހައްގުތަކަށް ފާޅުގައި އަރައިގަތުން

  • ޝަރުއީ ކޯޓުތަކަށް ނުފޫޒު ފޯރުވުން

  • ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވައިލުން

  • މިނިވަން މުއައްސަސާތަކުގެ މުސްތަގިއްލުކަން ގެއްލުވައިލުން

  • މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅުން

  • ނޫސްވެރިން ޖަލަށްލުން

  • އާންމު ދިރިއުޅުމުގެ ހާލަތު ދަށްވެ، އިގްތިސާދު ހީނަރުވެ، ތަކެތީގެ އަގު އެތައް ގުނައަކުން އުފުލި، ސަރުކާރުގެ އިސްރާފު އިންތިހާއަށް ބޮޑުވެ، ސަރުކާރުގެ ތެރޭގައި ނުރަނގަޅު އެތައް ކަމެއް އަށަގެންފައިވީ ނަމަވެސް އެކަންކަން އިސްލާހު ނުކުރުން

  • އެތައް ޒަމާނެއް ވަންދެން މަސައްކަތް ކޮށްގެން ދިވެހިން ހޯދި ޑިމޮކްރެސީގެ ހަމަތައް ރާއްޖެއިން ފޮހެވިގެންދިއުން

".... ގައުމު ހަމަ މަގަށް އެޅުވުމަށް އަޅުގަނޑުމެން ތިން މީހުން ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ވަނީ އެއްބަސްވެފަ އެވެ،" ތިން ބޭފުޅުން ސޮއިކުރައްވައި ނެރުއްވި ބަޔާނުގައިވެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު