އަމާޒަކީ އެމްޑީޕީއަށް 1 ލައްކަ މެންބަރުން ހަމަ ކުރުން ކަމަށް އެޕާޓީގެ ޗެއާޕާސަން ކަމަށް ވާދަ ކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ މަހު 12 ގައި ބާއްވާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާ ނަޝީދު އެކްސްގައި ޕޯސްޓުކުރެއްވި ވީޑީއޯއެއްގައި ވިދާޅުވީ އެ ޕާޓީން އެންމެ މެމްބަރަކު ވިޔަސް ވަކިވުމަކީ އެ މަނިކުފާނު އެދިވަޑައިގަންނަވާނެ ގޮތެއް ނޫން ކަމަށެވެ.
"އަޅުގަނޑު އެދެނީ ވީހާ ވެސް ގިނަ ބޭފުޅުން އެމްޑީޕީއާ ގުޅުމަށް. އަޅުގަނޑުގެ އަމާޒަކީ، އުއްމީދަކީ އެއް ލައްކައަށް ވުރެ ގިނަ މެމްބަރުން އެމްޑީޕީގައި ބޭތިއްބުން،" ނަޝީދު ވިދާޅުވި އެވެ. ނަޝީދު ވިދާޅުވި ގޮތުގައި ޗެއާޕާސަން އިންތިހާބުގެ ތެރޭގައި އަދި އިންތިހާބަށްފަހުވެސް، އެމްޑީޕީގެ މެމްބަރުންގެ އަދަދު މާ ބޮޑަށް އިތުރުވާނެ އެވެ.އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ދަފުތަރުގައިވާ ގޮތުން މިވަގުތު އެމްޑީޕީގައި ތިބީ 43،784 މެމްބަރުންނެވެ. މިވަގުތު އެންމެ ގިނަ މެމްބަރުން ތިބީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގަ އެވެ. އެއީ 74،048 މެމްބަރުންނެވެ.