
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ސިޔާސީ ޕާޓީއަކުން ވަކިކުރުމުންނާއި ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުގައި މިހާރު ދަނީ ކުރިއަށެވެ. މި މައްސަލައިގައި ބޭއްވި ފުރަތަމަ އަޑުއެހުމުގައި ދައުލަތުން ވަނީ އިޖުރާއީ ގޮތުން މި މައްސަލަ ބެލުމުގެ އިހުތިސާސް ސުޕްރީމް ކޯޓަށް ލިބިގެން ނުވާ ކަމަށާއި އަދި އެގޮތަށް ކަނޑައަޅައިދިނުމަށް އެދިފަ އެވެ.ސުޕްރީމް ކޯޓުން އިއްޔެ ވަނީ އެފަދަ ދުސްތޫރީ މައްސަލައެއް ބެލުމުގެ އިހުތިސޯސް އެ ކޯޓަށް ލިބިގެންވާ ކަމަށް ކަނޑައަޅައި، މައްސަލަ ކުރިއަށް ގެންދަން ނިންމާފަ އެވެ.އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ލަފާކުރެވިފައި އޮންނަނީ ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ބާރު އޮތީ މަޖިލީހަށް ކަމާއި އަދި ގާނޫނު އަސާސީ ބަދަލުކުރާނަމަ ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭ ކަމަށެވެ. އަދި ގާނޫނު އަސާސީ ބަދަލު ކުރުމުގެ ބާރު އޮންނާނީ ސީދާ ރައްޔިތުންނަށް ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.ނަޝީދު މިހެން ވިދާޅުވިއިރު އެމަނިކުފާނު އިސްވެ ހުންނަވައިގެން އުފެއްދެވި ދަ ޑިމޮކްރެޓްސް ޕާޓީން ވަނީ ގާނޫނުއަސާސީގެ އިސްލާހު ބާތިލް ކުރަން ހުށަހެޅި މައްސަލައިން ބޭރުވެފަ އެވެ. އެ އިސްލާހާ ދެކޮޅަށް ބަޔާން ނެރެ، އަދި ކޯޓުގައި އޮތް މައްސަލައަށް ތަދައްހުލުވުމަށް ފަހު، އެ ޕާޓީން މައްސަލައިން ބޭރުވީ ކުއްލިއަކަށެވެ.އެ ޕާޓީގެ އާ ރައީސް އިމްތިޔާޒު ފަހުމީ (އިންތި) ކުރިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ގާނޫނުއަސާސީ ހެދުމާއި އިސްލާހު ކުރުމުގެ ބާރު އޮތީ ރައްޔިތުން ތަމްސީލު ކުރާ ރައްޔިތުންގެ މަޖިލީހަށް އެކަނި ކަމަށެވެ.