ޚަބަރު
އީސީއަށް މެމްބަރުން އައްޔަންކުރުމުގެ ބާރު މަޖިލީހަށް ނަގަނީ
އީސީގެ ރައީސް ފުއާދު
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރު ކަމަށް ރައްޔިތުންގެ މަޖިލީހުން އިއުލާންކުރާ ގޮތް ހެދުމަށް އިލެކްޝަންސް ކޮމިޝަންގެ ގާނޫނު އިސްލާހުކުރަން ހުށަހަޅައިފި އެވެ.

ހޮޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ޔޫނުސް އަލީ އިލެކްޝަންސް ކޮމިޝަނުގެ ގާނޫނަށް އިސްލާހެއް ހުށަހެޅުއްވިީ އެ ކޮމިޝަނަށް މެމްބަރުން އައްޔަން ކުރުން ރައްޔިތުންގެ މަޖިލީހަށް އޮތުން މުހިންމު ކަމަށް ވިދާޅުވެ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ ދަށުން، އެ ކޮމިޝަނަށް މެމްބަރުން އައްޔަން ކުރުމުގެ ބާރު މިހާރު ދީފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އަށެވެ.

އެކަމަކު ގާނޫނު މިހާރު އޮންނަ ގޮތުން މެމްބަރު ކަމަށް އާންމުކޮށް އިއުލާނު ކޮށްގެން ހުށަހަޅާ ބޭފުޅުންގެ ނަންތައް މަޖިލީހަށް ފޮނުވައިގެން، ރައީސުލްޖުމްހޫރިއްޔާ އަށް މެމްބަރަކު އައްޔަން ކުރެއްވޭނީ މަޖިލީހުން ފާސްވުމުންނެވެ.

އީސީގެ މެންބަރު އައްޔަން ކުރުމުގެ ބާރު މަޖިލީހަށް އެއްކޮށް ގާނޫނުގެ ހަތަރު ވަނަ މާއްދާ އަށް ޔޫނުސް ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ، މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލުމާއި ކުރިމަތިލާ މީހުންގެ ނަންތައް ދިރާސާކޮށް، މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްކޮށްގެން، އީސީގެ މެމްބަރުން އައްޔަން ކުރުމުގެ ބާރު މަޖިލީހަށް ލިބެން ޖެހޭ ކަމަށެވެ.

އަދި އެ އިސްލާހުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ އަށް ދޭ ހަމައެކަނި ދައުރަކީ، އީސީގެ މެމްބަރުކަމަށް މަޖިލީހުން ފާސްކުރާ ބޭފުޅަކު މެމްބަރަކު ކަމަށް އައްޔަން ކުރެއްވުމެވެ.

ރައްޔިތުންގެ މަޖިލިހުގެ އަޣުލަބިއްޔަތު އޮންނަ އިދިކޮޅު އެމްޑީޕީގެ މެމްބަރަކު އެ އިސްލާހު ހުށަހެޅުއްވިއިރު، އީސީގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ހަބީބުގެ މަގާމުގެ މުއްދަތު ހަމަވުމުން، މެމްބަރުކަމަށް މިހާރުގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ އައްޔަން ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރައްޔިތުންގެ މަޖިލިހަށް ފޮނުއްވައިފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު