ދީން
އިޖުތިމާއީ ގުޅުން ވަރުގަދަކުރަން އީދު ހުތުބާގައި އެދެފި
އިޖުތިމާއީ ގުޅުން ވަރުގަދަކުރަން އީދު ހުތުބާގައި އެދެފި އެވެ.

ހުތުބާގައި ވަނީ ހެޔޮ ކަންކަން ކުރުމަށް ނަފްސު އާދަވެފައި ވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި އެ އީމާންކަން ދެމެހެއްޓުމަށް މަސައްކަތް ކުރަން ގޮވާލާފައެވެ. އެގޮތުން، ގިނަގިނައިން ސުންނަތް ނަމާދުކުރާ ބަޔަކަށް ވުމަށާއި، ފަތިސް ނަމާދުގެ އިހު ސުންނަތާއި، ޟުޙާ ނަމާދާއި، ރަވާތިބު ސުންނަތްތަކާއި، ވިޠުރިއާއި، ދަމު ނަމާދު ވީހާ ގިނައިން ކުރެވޭތޯ މަސައްކަތް ކުރުމަށް ވަނީ ނަސޭހަތްތެރިވެފަ އެވެ. 

ފިތުރު އީދުގެ މި އުފާވެރި ދުވަހު ގައި މުސްލިމުން އުފާފާޅު ކުރުމަކީ އެދެވިގެންވާ ކަމެއް ކަން ފާހަގަކޮށް ހައްދު ފަހަނައަޅައި ދިޔުމެއް ނެތި ކަމަށް ހުތުބާ ގައި ބުނެފައިވެ އެވެ.

"ހަމަކަށަވަރުން، ކޮންމެ ބަޔަކަށްވެސް އީދެއް ވެއެވެ. އަދި މިއީ އަހަރެމެން މުސްލިމުންގެ އީދެވެ." އިސްލާމްދީނަކީ ފިތުރަތުގެ ދީން ކަމަށާއި މުސްލިމުން އެމީހުންގެ އީދުގައި އުފާފާޅު ކުރަނީ، ﷲ ހުއްދަކުރެއްވި އިމުގެ ތެރެއިންކަން ބަޔާންކޮށް ނަބިއްޔާ ހަދީސް ކުރެއްވި ކަމަށް ހުތުބާ ގައި ބަޔާން ކޮށްފައިވެ އެވެ. 

ފިތުރު އީދުގައި އުފާފާޅުކޮށް ހަދިޔާ ބަދަލުކޮށް ސަލާން ކުރަމުން ގެންދާއިރު ފަލަސްތީންގައި އަނިޔާ ލިބެމުންދާ އަހުންނާއި އުހްތުންގެ މަތިން ހަނދާން ނައްތާ ނުލަން ހުތުބާގައި ގޮވާލި އެވެ. އެ މާތް ބިމުގައި އެ މީހުން ޖިހާދު ކުރަމުން އަންނަ ކަމަށާއި ނިމިގެން ދިޔަ ރޯދަ މަހު ވެސް އެ މީހުން އުޅުނީ ނިކަމެތި ހާލުގައި ކަމަށް ހުތުބާގައި ހަނދާން ކޮށްދިނެވެ.

މުސްލިމުންގެ މިސާލަކީ އެއް ހަށިގަނޑެއްގެ މިސާލުކަން ފާހަގަކުރައްވަމުން ހުތުބާގައި ވަނީ ފަލަސްތީނު ރައްޔިތުންނަކީ އަހަރަމެންގެ ހަށިގަނޑުގެ އެއްބައި ކަމަށް ބުނެފަ އެވެ.

"އެމީހުންނަށް ލިބޭ ކޮންމެ ނިކަމެތި ކަމަކީ، އަހަރަމެންނަށް ލިބޭ ނިކަމެތި ކަމެކެވެ. އަދި އެމީހުންނަށް ލިބޭ ކޮންމެ އިއްޒަތަކީ އަހަރަމެންނަށް ވެސް ލިބޭ އިއްޒަތެކެވެ،" ހުތުބާގައި ބުނެފައިވެ އެވެ.

ފިތުރު އީދުގެ އުފާ ރާއްޖޭގެ ކަންކޮޅުތަކުގައި ވެސް މިއަދު ފާހަގަކުރުން ފެށީ އީދު ނަމާދުންނެވެ. މާލެ އާއި އެކި ރަށްރަށުގައި މައިދާންތަކަށް ނުކުމެ އެތައް ހާސް ބަޔަކު ބޮޑު ޖަމާއަތުގައި ވަނީ އީދު ނަމާދުކޮށްފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު