ޚަބަރު
ޕީއެންސީ ކެންޑިޑޭޓަށް ވޯޓު ނުދޭނެ މީހުން ދަނީ ވަޒީފާތަކުން ވަކިކުރަމުން: އެމްޑީޕީ
ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ނުދޭނެ މީހުން ވަޒީފާއިން ވަކިކޮށް، ސަރުކާރު މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކަމުން އަންނަ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ޕީޕީއެމް/ޕީއެންސީން ދަނީ ވަރަށް ފާޅުކަން ބޮޑުކޮށް ފުޅާދާއިރާއެއްގައި ވަޒީފާގެ ބިރުދައްކާ އަދި ސަރުކާރުގެ ކުންފުނިތަކަށް އޮފީސްތަކަށް މުވައްޒަފުން ނެގުންވެސް ޕީއެންސީގެ ކެންޑިޑޭޓުންނަށް ދޫކޮށްލުމަށް ގޮވާލަމުން ކަމަށެވެ.

ސަރުކާރުން ހިންގާ މި އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެމްޑީޕީން ބުނީ މަޖިލިސް އިންތިހާބުގައި ހިންނަވަރު ދާއިރާއަށް ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓުގެ ކެމްޕެއިން ޖަލްސާއެއްގައި އެގޮތަށް ވާހަކަ ދައްކާފައިވާތީ، އެ މައްސަލަ ސީރިއަސްކޮށް ބަލައިދޭން އީސީއަށް ގޮވާލާ ކަމަށެވެ.

އެމްޑީޕީން ބުނީ މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް ސަރުކާރުން ދައުލަތުގެ ވަސީލަތްތައް ވަރަށް ފާޅުގަ ނަހަމަގޮތުގައި ބޭނުންކުރަމުން އަންނަ ކަމަށެވެ.

"މިކަމުންވެސް އެނގިގެންދަނީ ސަރުކާރުން ރައްޔިތުންނަށް ހެދި ދޮގާއި އޮޅުވާލުންތައް ފަޅާއަރަމުންދާތީ ރައްޔިތުން އެކަމާ ދެކޮޅަށް މި އިންތިހާބުގައި ވޯޓު ދޭނެތީ ރައްޔިތުންނަށް ބިރު ދެއްކުމަށް ކުރާ ކަމެއް ކަމެވެ،" އެ ބަޔަނުގައިވެ އެވެ.

ސަރުކާރުން އިންތިހާބަށް ނުފޫޒު ފޯރުވަން ކުރާ ކަންކަން ބަލައި ފިޔަވަޅު އެޅުމަށް އެމްޑީޕީން ވަނީ އިލެކްޝަންސް ކޮމިޝަނަށް ގޮވާލައިފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު