
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލާގައި ހައި ކޯޓުން ނިންމީ އެ މައްސަލާގައި ވަގުތީ އަމުރެއް ނުނެރެފި ނަމަ ތިމާވެށި ހަލާކުވުމުގެ ސަބަބުން މައްސަލަ ހުށަހެޅި ފަރާތާއި އާންމުންނާއި އަންނަން އޮތް ޖީލުތަކަށް އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބިދާނެ ކަމަށެވެ.އެ މަޝްރޫއު ހުއްޓާލުމުގެ ސަބަބުން ދައުލަތަށް ލިބޭނެ ކަމަށް ބެލެވޭ މާލީ ގެއްލުންތަކަށް ވުރެ މަޝްރޫއު ކުރިއަށް ގެންގޮސްފި ނަމަ ތިމާވެށްޓަށް ލިބިދާނެ ކަމަށް ބެލެވޭ ގެއްލުންތައް މާ ބޮޑު ކަމަށް ބުނެ ހައި ކޯޓުން އެކަން ހުއްޓުވި އެވެ. ނަމަވެސް، މަޝްރޫއު ހުއްޓާލުމުން ދައުލަތަށް ބޮޑެތި މާލީ ގެއްލުންތަކެއް ލިބެމުންދާ ކަމަށް ބުނެ ބަންޑާރަ ނައިބުގެ ފަރާތުން ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފުކުރި އެވެ.ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވީ އެ ހުކުމުގައި ފާހަގަކުރެއްވި ކަމަކީ ސުޕްރީމް ކޯޓުން އެ މައްސަލާގައި ބަލަން ޖެހޭނެ ހަމައެކަނި ކަމަކީ ވަގުތީ އަމުރު ހައި ކޯޓުން ނެރުނީ އޮންނަން ޖެހޭ އުސޫލުތަކާ އެއް ގޮތަށްތޯ ނުވަތަ ނޫންތޯ ބެލުމެވެ.މައުޟޫއީ މައްސަލާގައި ހިމެނޭ އެކި ނުކުތާތަކާ މެދު މި މަރުހަލާގައި އެ ކޯޓުން ބަލަން ޖެހޭނެ ކަމެއް ނޫން ކަމަށެވެ.ސުޕްރީމް ކޯޓުގެ ހުކުމުގައި މައިގަނޑު ގޮތެއްގައި ދެން ފާހަގަކޮށްފައިވަނީ ހައި ކޯޓުން ވަގުތީ އަމުރު ނެރުމުގައި، އެ މަޝްރޫއު މަޑުޖައްސާލުމުން ދައުލަތަށް އޭގެ ސަބަބުން ލިބޭ މާލީ ގެއްލުންތަކަށް ރިއާޔަތްކޮށްފައި ނެތް ކަމެވެ.ދައުލަތާއި އެ ކުންފުންޏާ ދެމެދު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން، މަޝްރޫއު ހުއްޓާލައިފިނަމަ އައިޑަލް ޗާޖަސްގެ ގޮތުގައި ގަޑިއިރަކަށް 15،300 ޔޫރޯ ދައްކަން ޖެހެ އެވެ. މަސް ދުވަހަށް ހުއްޓާލާފައި ބާއްވާނަމަ 11 މިލިއަން ޔޫރޯ ދައުލަތަށް ހަރަދުވާނެ އެވެ.މިދިޔަ ސަރުކާރުގެ ގެދޮރުވެރިކަމުގެ މަޝްރޫޢުގެ ދަށުން 2000 ގޯތި ދިނުމަށް ހަމަޖެހިފައިވަނީ ގުޅީފަޅުންނެވެ. އަދި މި ސަރަހައްދުން ފްލެޓްވެސް ދިނުމަށް ސަރުކާރުން އޭރު ވަނީ ނިންމާފަ އެވެ.މިމަޝްރޫޢޫ ހިންގުމަށް ހަވާލުކޮށްފައިވަނީ ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުންޏާއެވެ. އެ ކުންފުންޏާއި މިމަސައްކަތް ހަވާލުކޮށްފައިވަނީ 2 ބިލިއަން ރުފިޔާއަށެވެ.މި މައްސަލައަކީ ބޮސްކާލިސްއާ ހަވާލުކޮށް ބިން ހިއްކުމުގެ މަސައްކަތް ޖޫން 2020ގައި ފެށުމުން ހުށަހެޅި މައްސަލައެކެވެ. ސިވިލް ކޯޓުގައި ހިނގަމުން އަންނަ މި މައްސަލާގައި ހުމައިދާގެ ފަރާތުން ބުނެފައި ވަނީ އެ މަޝްރޫއުގެ ސަަބަބުން ވިލިމާލެ ހުޅަނގު ދެކުނު ފަރާތުގެ ފަޅަށާއި ވަށައިގެންވާ ސަރަހައްދާއި ހިމާޔަތްކޮށްފައިވާ ކަނޑުއަޑީގެ ބައެއް ތަންތަނަށް އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބޭނެ ކަމަށެވެ.ސުޕްރީމް ކޯޓުން ހައި ކޯޓުގެ އަމުރު ބާތިލްކުރިއިރު، އެ ކޯޓުން މީގެ ކުރިން ވަނީ ހައި ކޯޓުގެ ހުކުމަށް އަމަލުނުކޮށް، ގުޅިފަޅު މަޝްރޫއު ކުރިއަށް ގެންދެވޭނެ ގޮތަށް ވަގުތީ އަމުރެއް ވެސް ނެރެދީފަ އެވެ. އެ އަމުރުގެ ދަށުން ގުޅިފަޅު ހިއްކުމުގެ މަސައްކަތް މިހާރު ވަނީ ނިންމައިފަ އެވެ.