ޚަބަރު
އެމްޑީޕީން އުޅެނީ ވެރިކަން ނިންމާލަން: ގާސިމް
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ގާސިމް ވާހަކަދައްކަވަނީ -- ފޮޓޯ: މަޖިލިސް
އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުން ރާއްޖެއަށް ވަނުން މަނާކުރަން ގާނޫނު އިސްލާހުކުރަން އެމްޑީޕީން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން އެމްޑީޕީން އުޅެނީ ވެރިކަން ނިންމާލަން ކަމަށް މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު އޮތް ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ހަތަރުވަނަ ޖަލްސާގައި އޮތީ އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ދެކޮޅު ހެދުމުގެ ގޮތުން، އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުން ރާއްޖެއަށް ވަނުން މަނާކުރުމަށް ގާނޫނު އިސްލާހުކުރަން ހުށަހެޅި ބިލު އެޖެންޑާކޮށްފައެވެ.

މި ބިލު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ، އިދިކޮޅު އެމްޑީޕީގެ މެންބަރު މީކާއީލް ނަސީމެވެ.

ބިލަށް ބަހުސް ކުރައްވަމުން ގާސިމް ވިދާޅުވީ، އުމްރާ އަށް ދާ ތިން ހަރަމުގެ ތެރެއިން އެއް ހަރަމު ހުންނަ ބިމެއްގައި ދިރިއުޅޭ މީހުންނާއި ޔަހޫދީންނަށް ރާއްޖެ އަށް ނާދެވޭ ގޮތް ހެދުމުގެ ކުރިން ވަރަށް ބޮޑަށް ވިސްނާލަން ޖެހޭ ކަމަށެވެ.

އިޒްރޭލު ޕާސްޕޯޓް މަނާކުރުމުގެ މާނައަކީ ރާއްޖެއަށް ޔަހޫދީން އައުން މަނާކުރުން ކަމަށް ސިފަކުރައްވައި، އެއީ "ފުންކޮށް ވިސްނައިލަން ޖެހޭ" ކަމެއް ކަމަށް ގާސިމް ވިދާޅުވި އެވެ. 

"އިޒްރޭލުގެ ނެޝަނަލިޓީ އޮތް މީހަކު ރާއްޖެއަށް ނާދެވޭ ގޮތަށް އަޅުގަނޑުމެން ނިންމައިލާއިރު އޭގެ މާނައަކީ ޔަހޫދީންނަށް ނާދެވޭ ގޮތަށް ނިންމާ ވާހަކަަ އެ ވިދާޅުވެވެނީ ކުރުގޮތެއްގައި ބުނާކަމަށް ވަންޏާ. އެހެންވީމާ ﷲ ބާވާލައްވާފައިވާ ދީނެއްގައި ރަސޫލުންނަށް އީމާން ވެފައި ތިބި ބަަޔަކަށް ވާހިނދު އަޅުގަނޑުމެންނަށް އެފަދަ ކަމެއް ކުރުމުގެ ފުރުސަތާ މެދު ވަރަށް ފުންކޮށް، އަޅުގަނޑުމެން އެ ނަޒަރިއްޔާއިން ވިސްނައިލަން ޖެހޭނެ، އެކަމާ މެދު ވަރަށް ފިކުރުވެރިކަމާ އެކު ވިސްނައިލަން ޖެހޭނެ،" ރާއްޖޭގެ ޓޫރިޒަމް ވިޔަފާރީގައި އެންމެ ބޮޑު އެއް ދިވެހި ވިޔަފާރިވެރިޔާ ގާސިމް ވިދާޅުވި އެވެ. 

ގާސިމް ވިދާޅުވީ ދިވެހިން ސަލާމަތުން ނެތް ނަމަ އެއްވެސް ކަމެއް ނެތް ކަމަށާއި މި ނިންމުން ނިންމަން ޖެހޭނީ ކެތްތެރިކަމާއެކު ޖަޒުބާތުގައި ނުޖެހި ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޕިއެންސީގެ ވެރިކަން ނިންމާލުމަށް ގަސްތުގައި ރައްޔިތުންގެ ހިތުގައި ނަފުރަތު އުފެއްދުމަށް ހުށަހަޅާފައިވާ މައްސަލައެއް މި މައްސަލައަކީ. މި ބަހުސަކީ ވަރަށް ޖަޒުބާތީ އަދި ވަރަށް ދީނީ އަދި ގައުމީވަންތަކަން ލިބިފައިވާ މައްސަލައެއް،" ގާސިމް ވިދާޅުވި އެވެ. 


ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު