ޚަބަރު
ފަސްޓްލޭޑީ ސާޖިދާ، ޔުނިސެފްގެ މަންދޫބާ ބައްދަލު ކުރައްވައިފި
ދަ ޔުނައިޓަޑް ނޭޝަންސް ޗިލްޑްރަންސް ފަންޑް (ޔުނިސެފް) އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓެޓިވް، ޑރ. އެޑްވަރޑް އަޑާއި، ރައީސްގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ ގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލީއާގޭގަ އެވެ.

ޔުނިސެފްގެ ރެޕްރެޒެންޓެޓިވް ދެއްކެވި ވާހަކަފުޅުގައި ރައީސްގެ އަނބިކަނބަލުން ޔުނިސެފްގެ ކަންކަމަށް ދެއްވާ އަހައްމިޔަތާއި އެއްބާރުލުން ފާހަގަކުރައްވައި އަދި އެކަމަނާގެ ހިންގުންތެރިކަމަށް ތަޢުރީފު ކުރެއްވި އެވެ. މީގެ އިތުރުން ޔުނިސެފްގެ ނިއުޓްރިޝަން ޕްރޮގްރާމުގައި ރައީސްގެ އަނބިކަނބަލުންގެ ބައިވެރިވެވަޑައިގެންނެވުން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވައި، އިޖުތިމާޢީ ޚިދުމަތްތަކަށާއި އިގްތިސާދީ އިސްލާހީ ބަދަލުތައް ގެނައުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް ޔުނިސެފްގެ ރެޕްރެޒެންޓެޓިވް ތައުރީފު ކުރެއްވި އެވެ.

މިދިޔަ 20023 ވަނަ އަހަރުގެ ނޮވެންބަރ 24 ވަނަ ދުވަހު ބޭއްވި "ވަރލްޑް ޗިލްޑްރެންސް ޑޭ- އާޓް އެގްޒިބިޝަން"ގައި ރައީސްގެ އަނބިކަނބަލުންގެ ބައިވެރިވެވަޑައިގެންނެވުން ފާހަގަކުރައްވައި އެ މުބާރާތުގެ ޑިޖިޓަލް ކޮޕީއެއް މި ބައްދަލުކުރެއްވުމުގެ ތެރެއިން އެކަމަނާއަށް އެރުވި އެވެ. 

ރައީސްގެ އަނބިކަނބަލުންނާއި ޔުނިސެފްގެ ރެޕްރެޒެންޓެޓިވް މައިގަނޑުގޮތެއްގައި މަޝްވަރާކުރައްވާފައި ވަނީ ކުޑަކުދިންގެ ރައްކާތެރިކަމައި އެކުދިންގެ ހައްގުތައް ރައްކާތެރިކުރުމާއި އެކުދިންގެ ތަރައްގީއާ ގުޅޭ އިޖުތިމާއީ އެކިއެކި މައްސަލަތަކާ ގުޅޭގޮތުންނެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސްގެ އަނބިކަނބަލުންނާއި ޔުނިސެފްގެ ރެޕްރެޒެންޓެޓިވް ވަނީ ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ގާއިމުކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމުގައި ވިދާޅުވެފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު