ޚަބަރު
ޔާމީންގެ ލީޑާޝިޕުގައި ފެނުނީ ބައިނަލްއަގުވާމީ ދުނިޔެއިން ރާއްޖެ ބާކީވިތަން: މިނިސްޓަރު ތޯރިގް
ގައުމުތަކުގެ މައްސަލަތަކާއި ގޮންޖެހުންތައް ހައްލުކުރުމަށް ގެންގުޅޭ ޑިޕްލޮމަސީ އުސޫލުތަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނު އަބްދުލް ގައްޔޫމް އަހަންމިއްޔަތުކަން ނުދެއްވާކަމަށް އެންވާރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ތޯރިޤު މިހެން ވިދާޅުވީ ޔޫއެންޖީއޭގައި ބައިވެރިވެވަދައިގަތުމަށް ރައީސް ޑރ.މުއިއްޒު ވަޑައިގެންނެވި ފަހުން ޔާމީންގެ ފާޑުކިޔުންތައް އިތުރުވުމާއި ގުޅިގެންނެވެ. ޔާމީން ވިދާޅުވީ މޫސުމީ ބަދަލުތަކަކީ ހަގީގަތް ކަން ގަބޫލުކުރެވިގެން ފަހުން ވާހަކަ ދެއްކި ނަމަވެސް 10 މަސް ދުވަހުގެ ތެރޭގައި ރައީސްގެރާގު ބަދަލުވިކަން އަމިއްލައަށް މުޅި ދުނިޔެއެއް ދެއްކުވީ ކަމަށެވެ.

"ޑިޕްލޮމެޓުން އަޅުގަނޑުމެންނަށް މަލާމަތް ކުރާނެ. މި ދުނިޔޭގެ ގައުމުތަކުގެ އާދަކާދަ ވެސް ނޭނގޭ މީހެކޭ ބުނާނީ. އަޅުގަނޑުމެން މި ދަނީ ކިޔަވައިދެވޭކަށް ނޫން. އެކަމަކު އެ ކަން ކުރަން ގޮސް ވެސް ބެކްގްރައުންޑް ނޭނގެއޭ،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ރައީސް އދ. އަށް ފާޑުކިޔުމުގެ ނަތީޖާއިން ރާއްޖެއަށާއި ދިވެހިންނަށް ފައިދާއެއް ލިބޭކަށް ވެސް ނެތް ކަމަށެވެ.

"އދ. އަށް ގޮސް އެ މީހުން ރުޅިއަރުވާފައި, ފާޑުކިޔާފައި, މި ކަންކަން ކުރީމައި ކިހިނެއްތޯ ދެކުނުން ގެއްލުނު ކަނޑު ވެސް ވަކި ހޯދޭނީ، މާ ނުފޫޒުގަދަ ބަޔަކު ކައިރިއަށް ދާއިރު އެއް މީހުނަށް އެންގޭޖުވެގެން ކުރަން ޖެހޭ ކަންކަން މި ހުންނަނީ،" ޔާމީން ވިދާޅުވި އެވެ.

އެ ކަން އެހެން އޮއްވައި، ކުރިން ދެއްކެވި ވާހަކަތަކާ ދެކޮޅަށް ވާހަކަ ދައްކާފައިވާ ކަން ވެސް ޔާމީން ފާހަގަ ކުރެއްވި އެވެ. އޭގެ ސަބަބުން ވެސް ރައީސަށް ބޭރުގެ ޑިޕްލޮމެޓުން މަލާމަތް ކުރާނެ ކަމަށް ވިދާޅުވި އެވެ. 

ޔާމީނަށް ރައްދު ދެއްވަމުން މިނިސްޓަރު ތޯރިގް ވިދާޅުވީ، ފަސްއަހަރުގެ ވެރިކަމެއްގައި ޔޫއެންޖީއޭގައި ދުވަހަކުވެސް ޔާމީން ބައިވެރިނުވާ ކަމަށާއި މަލްޓިލޭޓަރަލް ޑިޕްލޮމެސީއަށް ޝައުގުވެރިކަމެއް ވެސް ނުގެންގުޅުއްވާ ކަމަށެވެ.

މިނިސްޓަރު ތޯރިގް ވިދާޅުވީ ޤައުމުތަކުގެ ލީޑަރުން ވާންޖެހޭނީ ބައިނަލްއަޤުވާމީ މައިދާނުގައި އެ ޤައުމެއްގެ ރައްޔިތުން ތަމްސީލްކޮށް، އެބަޔަކަށް ބޭނުންވާ އެހީ ހޯދުމުގައި މަސައްކަތްކުރާނެ ބަޔަކަށް ކަމަށެވެ. އެހެންނަމަވެސް ރައީސް ޔާމީންގެ ކިބައިން ފެނުނީ ބައިނަލްއަޤުވާމީ މައިދާނުން ފިލަން އުޅުއްވި މަންޒަރުކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ރައީސް ޔާމީންގެ ލީޑަރޝިޕުގައި ފެނުނީ ބައިނަލްއަޤުވާމީ މައިދާނުން ރާއްޖެ ބާކީވެދިޔަތަން ކަމަށްވެސް މިނިސްޓަރު ތޯރިގް ވިދާޅުވި އެވެ.

ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކިބައިން ފެންނަނީ ތަފާތު މަންޒަރެއް ކަމަށެވެ. އެގޮތުން އެމަނިކުފާނު ގެންދަވަނީ ފުރަތަމަ ދިވެހިންގެ ސިޔާސަތު އިސްކުރައްވާ، ދިވެހިންނަށް ބޭނުންވާ ކަންކަން ބައިނަލްއަޤުވާމީ ގޮތުން ހޯއްދެވުމުގައި މަސައްކަތްކުރައްވަމުން ކަމަށް މިނިސްޓަރު ތޯރިގް ވިދާޅުވި އެވެ. އަދި ދޭދޭޤައުމުގެ މެދުގައި އޮންނަ ގުޅުންތައް ބަދަހިކުރައްވައި، އެހީ ހޯއްދެވުމުގައި ގިނަ މަސައްކަތްތަކެއް ރައީސް މުޢިއްޒު ކުރައްވަމުން ގެންދަވާކަން މިނިސްޓަރު ތޯރިގް ފާހަގަކުރެއްވި އެވެ. 

އަދި ރައީސް މުއިއްޒާއެކު ޚިދުމަތް ކުރެއްވުމަށް ފަޚުރުވެރި ވާ ކަމަށާއި ރައީސް ތަކުރާރުކޮށް އަންނަނީ ލީޑާޝިޕް ދައްކަވަމުން ކަމަށް ތޯރިގް ވިދާޅުވި އެވެ.

"އދގެ ސަލާމަތީ މަޖިލީހުގައި ވާހަކަފުޅު ދެއްކެވި ފުރަތަމަ ދިވެހި ރައީސްގެ ގޮތުގައި ރައީސް މުޢިއްޒު ވަނީ ތާރީޚުގައި ލިޔުއްވާފަ. އަދި ރައީސް ވަނީ އަޅުގަނޑުމެންނަކީ ދުނިޔެއަށް ހުޅުވިފައިވާ ބައެއްކަން ދައްކުވައިދެއްވާފަ. އަޅުގަނޑުމެން މަސައްކަތްކުރާނީ އެކުގައި ހައްލު ހޯދުމަށް. ގައުމީ މަސްލަހަތުގެ މައްޗަށް ބިނާކޮށް." ޔާމީން ސަރުކާރުގައި ވެސް މިނިސްޓަރުކަން ކުރެއްވި ތޯރިގުގެ ޕޯސްޓުގައި ވިދާޅުވި އެވެ.

މިނިސްޓަރު ތޯރިގް ވިދާޅުވީ ރާއްޖެއަކީ ކުޑަ ގައުމެއް ކަމުގައި ވިނަމަވެސް، ރައީސް މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ދިވެހީންނަށް ރަނގަޅު ގޮތް ހޯދައި ދިނުމަށް މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު