ޚަބަރު
ބިދޭސީން ގެންނަން އޮތް ލިމިޓް އުވައިލަން ސަރުކާރުން މަޖިލީހަށް ހުށަހަޅަނީ
ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، ރާއްޖެއަށް ބަންގްލަދޭޝްގެ ލޭބަރުން ގެނައުމަށް ގާނޫނުން މިހާރު ކަނޑައަޅާފައި އޮތް 100،000 މީހުންގެ ލިމިޓު އުވާލަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުުމަތްތަކާ ބެހޭ ކޮމިޓީ (240 ކޮމިޓީ) ގެ މިއަދުގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ރާއްޖެއަށް މި ވަގުތު މަސައްކަތު މީހުން ބޭނުންވާ މިންވަރާއި ކުރިއަށް އޮތް ތަނުގައި ބޭނުންވާނެ ކަަމަށް ލަފާކުރެވޭ އަދަދަށް ބަލާއިރު، އަވަށްޓެރި ބަންގްލަދޭޝުން މީހުން ގެނެވޭ އަދަދު އެއްލައްކައިގައި އޮތް އޮތުން އެއީ އުވައިލަން ޖެހޭ ކަމެއް ކަމަށެވެ. އެހެން ނަމަވެސް އެއީ އިތުރު ފިޔަވަޅުތަކެއް އަޅާފައި ނޫނީ ކޮށްގެން ވާނެ ކަމެއް ނޫން ކަން ގަބޫލުކުރައްވާ ވެސް އޭނާ ވިދާޅުވި އެވެ.

ބަންގްލަދޭޝުން މީހުން ގެނައުން ސަރުކާރުން މިހާރު އޮތީ ވަގުތީ ގޮތުން ހުއްޓާލައިފަ އެވެ. އެއީ އެ މީހުންގެ ރެކޯޑް ބެލެހެއްޓުން ނިޒާމީ ގޮތެއްގައި ވަރުގަދަ ކުރުމަށް އަޅާ ފިޔަވަޅުތަކެއް ނިމެންދެނެވެ. މިނިސްޓަރު މިއަދު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތިން ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެ ފިޔަވަޅުތަކުގެ މަސައްކަތް ނިމޭނެ އެވެ.

ނަމަވެސް އެ ލިމިޓު އުވާލަން ވާނީ އިތުރު ފިޔަވަޅުތަކެއް އެޅުމަށް ފަހުގައި ކަމަށާއި އެހެން ނޫން ނަމަ އެއީ ކުރަން ރަނގަޅު ކަމެއް ކަމަށް އޭނާ ގަބޫލު ނުކުރައްވާ ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.

"ފުރަތަމަ ކަމަކީ އަޅުގަނޑުމެން ސިސްޓަމަށް މި ގެންނަ ބަދަލުތައް ގެނެސް 100 ޕަސެންޓް ބަޔޮމެޓްރިކަލީ އެކައުންޓެބަލް ކުރެވޭ ގޮތަށް މިކަން ކުރެވުނީމަ އަޅުގަނޑުމެންނަށް އެއަށް އެލައުކުރަން ބޮޑަށް ގަބޫލުކުރަން ފަސޭހަވާނީ،" އިހުސާން ވިދާޅުވި އެވެ.

"ހަމައެއާ އެކު ރަށްރަށަށް ގެންދެވޭ މީހުންނަށް މިހާރު ވޯކް ޕާމިޓް މި ދެވެނީ މުޅި ރާއްޖެއަށް. އޭގެ ބަދަލުގައި ރަށްރަށަށް ގެންދާ މީހާ، ރަށު ކައުންސިލުން ވެސް އެންޑޯޒްކުރާ ޕާމިޓަކަށް ވުން އެއީ މީގެ ދާއިމީ ހައްލަކަށް ވާނީ."

އިހުސާން ވިދާޅުވި ގޮތުގައި، ބަންގުލަދޭޝް ލޭބަރުންގެ ލިމިޓު އުވާލުން ބަރޯސާވަނީ ދެ ކަމަކަށެވެ.

"އެއީ، ސިސްޓަމަށް ބަދަލުތައް ގެނައުން. އެކަން ކުރިއަށް އޮތް ތިން ހަފުތާގެ ތެރޭގައި ނިންމާނަން،" އޭނާ ވިދާޅުވި އެވެ. އިހުސާން ވިދާޅުވީ ގޮތުގައި ސައްހަ ލިޔެކިއުން ނެތި ބިދޭސީން ރާއްޖޭގައި އުޅޭ މައްސަލައަށް އޭރުން ދާއިމީ ހައްލެއް ލިބޭނެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު