ވިޔަފާރި
ހަރަދު ކުޑަކުރަން އާރްޑީސީ އިން ފިޔަވަޅުތަކެއް
މާލީ ގޮތުން ފައިދާވާ ކުންފުންޏަކަށް ހެދުމަށްޓަކައި ހަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅަން ރޯޑު ޑިވެލޮޕްމެންޓު ކޯޕަރޭޝަން އިން ނިންމައިފި އެވެ.

އާރްޑީސީގެ މުވައްޒަފުންނަށް އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަބީލް ފޮނުއްވި މެމޯއެއްގައި ބުނެފައިވަނީ މާލީ ގޮތުން ފައިދާވާ ކުންފުންޏަކަށް އެ ކުންފުނި ހެދުމަށް ހަރަދު ކުޑަކުރަން ނިންމާފައިވާ ކަމަށެވެ.

"ވީމާ ކުންފުނީގެ ހަރަދު ކުޑަކުރުމަށްޓަކައި މެނޭޖުމަންޓުން ނިންމާފައިވާ ފިޔަވަޅުތައް ތަންފީޒުކުރުމަށް އެއްމެހާ މުވައްޒަފުންގެ އެއްބާރުލުމާއި އެހީތެރިކަން ދެއްވުން އެދެމެވެ،" މެމޯގައި ބުނެފައިވެ އެވެ.

އާރްޑީސީގެ ހަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރޭގައި އިތުރު ގަޑީގައި މަސައްކަތް ކުރަންނުޖެހޭ ގޮތަށް މަސައްކަތް ރޭވުން ހިމެނެ އެވެ.

ދުރާލާ ހުއްދަ ނުހޯދައި އިތުރު ގަޑީގައި މަސައްކަތް ކުރި ނަމަވެސް، ދޭންޖެހޭ ފައިސާ އެޕްރޫވް ނުކުރުމަށް ވެސް ވަނީ އަންގައިފަ އެވެ.

މާލީ ގޮތުން ފައިދާ ހޯދަން ކަމަށް ބުނެ މި ފިޔަވަޅުތައް އެޅިއިރު، ކުންފުނީގެ ވިޔަފާރި އިތުރަށް ފުޅާކޮށް ފައިދާ ހޯދާނެ ގޮތްތަކެއް ހާމައެއް ނުކުރެ އެވެ.

ހަރަދު ކުޑަކުރަން އާރްޑީސީ އިން ފިޔަވަޅުތަކެއް އަޅާފައިވާއިރު ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް އޮފީސް ތަކުންނާއި ސަރުކާރު ކުންފުނިތަކުން އަންނަނީ ބައެއް ފިޔަވަޅުތައް އަޅަމުން ނެވެ. 


 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު