ޚަބަރު
ގާނޫނުއަސާސީ ބަދަލުކުރެވޭ ގޮތް ހަރުކަށި ކުރަން ޖެހޭ: ގާސިމް
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް
މިހާރު އޮންނަ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ހަތަރު ބައިކުޅަ ތިން ބައި އަޣުލަބިއްޔަތުން ގާނޫނުއަސާސީ އިސްލާހު ކުރެވޭ ގޮތަށް އޮތް އޮތުމަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ. 

ގާނޫނުއަސާސީގެ 261 ވަނަ މާއްދާގައި ބުނާ ގޮތުން ގާނޫނުއަސާސީ އަށް އިސްލާހެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތުން ފާސްކުރާ ގާނޫނަކުންނެވެ.

މި މަޖިލީހާއި މިދިޔަ 19 ވަނަ މަޖިލީހުގައި ވެސް ރައްޔިތުންގެ މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައި ގޮނޑި ކާމިޔާބު ކޮށްފައި ވަނީ އެއް ޕާޓީއަކުންނެވެ. އެހެންވެ އެއް ޕާޓީއަކަށް ގާނޫނުއަސާސީ ބަދަލު ކުރުމުގެ ފުރުސަތު އޮތީ ފަހިވެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގާސިމް ވިދާޅުވީ ގާނޫނުއަސާސީ އަށް މިއަދު 16 އަހަރު ފުރުނު އިރު މައިގަނޑު ދެ ބަދަލެއް ގެނެސްފައިވާ ކަމަށެވެ. އެ ދެ ފަހަރު ވެސް އެކަން ކޮށްފައި ވަނީ ވަރަށް ފަސޭހައިން ކަމަށް ވިދާޅުވި އެވެ.

"ގާނޫނު އަސާސީ އިސްލާހު ކުރުމަށްޓަކާ ރައްޔިތުންގެ މަޖިލީހަށް މިހާރު ލިބިފައިވާ ހުރިހާ ބާރުތަކެއް އެގޮތަށް އޮތުމުގެ ބަދަލުގައި ކޮންމެވެސް މެކޭނިޒަމެއް އެބަ ލާންޖެހެއޭ އަޅުގަނޑުމެން އެގޮތަށް އެހާ ފަސޭހައިން ބަދަލު ނުކުރެވޭނެ މެކޭނިޒަމެއް،" މި ސަރުކާރާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ ގާސިމް ވިދާޅުވި އެވެ.

އެކަން އެހެން ކުރަން ޖެހެނީ ބައެއްގެ ވިސްނުމަށް އަންނަ ހިޔާލާތެއްގެ ސަބަބުން ރައްޔިތުންގެ އަސާސީ ހައްގުތަކާއި އިސްލާމް ދީން ހިމާޔަތް ކުރުމަށް ގާނޫނު އަސާސީގައި ހިމަނާފައިވާ މާއްދާތަކަށް ހުރަސް އެޅިދާނެތީ ކަމަށެވެ.

ގާސިމްއަކީ މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީ އުފެދިގެން އައި މަޖިލީހުގައި ވެސް އިންނެވި ބޭފުޅެކެވެ.

ގާނޫނުއަސާސީ އުފެދިގެން އައީ 2008 ވަނަ އަހަރުއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު