ޚަބަރު
ލޭނު މަހަށް ހުއްދަ ނުދޭން ނިންމެވުމުން ނަޝީދުގެ މަރުހަބާ ރައީސަށް
ރާއްޖޭގައި ލޭނު އަޅައިގެން މަސްވެރިކަން ކުރުމަށް ހުއްދަ ދިނުމަށް ނިންމާފައިވ ނިންމުމަށް އަމަލު ނުކުރާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަމަޖެއްސެވުމާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު މަރުހަބާ ވިދާޅުވެއްޖެ އެވެ.

ނަޝީދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގައި ލޭނުގެ މަސްވެރިކަމަށް ހުއްދަ ދިން ނަމަ، ފަތުރުވެރިކަމަށާއި މަސްވެރިކަމުގެ ސިނާއަތަށް ގެއްލުން ލިބި، ދުނިޔޭގެ މައިދާނުގައި ރާއްޖޭގެ އަގު ވެއްޓިގެންދާނެ ކަމަށެވެ. އެހެންވެ، ރާއްޖޭގައި ލޭން މަސްވެރިކަމަށް ހުއްދަ ނުދޭން ނިންމި ނިންމެވުމަށް ރައީސް ޑރ. މުއިއްޒަށް މަރުހަބާ ދަންނަވާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި ދޮށީގެ މަސްވެރިކަން ކުރަމުން އައި ކަމުގައި ވިޔަސް، ބޮޑެތި ފެކްޓަރީ ބޯޓު ފަހަރުގައި ކޮންމެ އެއްޗެއް ބާނަމުން އަންނަ އީޔޫ އާއި އިނގިރޭސިވިލާތުން ރާއްޖޭގެ މަސް އިމްޕޯޓު ކުރަން ޑިއުޓީ ނަގާ ކަމަށެވެ.

އީސް އޮފީހުން މިއަދު ބުނީ ލޭނު އަޅައިގެން މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމަށް ކުރިން ނިންމުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް "ބޮޑު ކަންނެލި މަސްވެރީންގެ ޔޫނިއަން"ގެ ފަރާތުން ރައީސްއަށް ޝަކުވާތަކެއް ހުށަހެޅުމުން އެ ޝަކުވާތައް ރައީސް ބެއްލެވި ކަމަށެވެ. އަދި ކުރީގެ ނިންމުމަށް އަމަލުނުކުރަން ނިންމެވީވެސް އެ ޝަކުވާތަކާއި ކަންބޮޑުވުންތަކަށް ރިއާޔަތް ކުރުމަށްފަހު ކަމަށްވެސް ވިދާޅުވި އެވެ.

ރާއްޖޭގައި ލޭނު މަސްވެރިކަން ކުރަން ހުޅުވާނުލުމަށް ރައީސް މިއަދު ންމެވި ނިންމެވުމާ ގުޅިގެން އިތުރު މަޝްވަރާތައް ކުރުމަށް ބޮޑު ކަންނެލި މަސްވެރީންގެ ޔޫނިއަން އާއި އަދި ކަމާ ގުޅުންހުރި މުހިއްމު ހުރިހާ ފަރާތްތަކާވެސް، ވަގުތުވެވަޑައިގަތް އެންމެ އަވަހަށް ރައީސް މުއިއްޒު ބައްދަލުކުރައްވާނެ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

ސަރުކާރުން އަބަދުވެސް މަސައްކަތްކުރަމުންދާނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ އަޑުއަހައިގެން، ރައްޔިތުންގެ އެކި ކަންބޮޑުވުންތަކަށް ރަނގަޅު ހައްލު ހޯދައިދެވޭނެ ގޮތަށް، ސަރުކާރުގެ ސިޔާސަތުތައް އެކަށައަޅައި، ހެޔޮ ބަދަލުތައް ގައުމަށް ގެނެސްދިނުމަށް ކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު