ޚަބަރު
ގައުމިއްޔަތަށް ހިދުމަތްކުރުމުގެ އިނާމު ހުސައިން ސަލާހުއްދީންގެ ހަނދާނުގައި
ފަޟީލައްތުޝައިހު ހުސެއިން ސަލާހުއްދީން.
ދިވެހި ޤައުމިއްޔަތަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު، ފަޟީލަތުއްޝައިޚް އަލްމަރްހޫމް ހުސައިން ޞަލާހުއްދީންގެ ހަނދާނަށް އެރުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.

ރައީސް އޮފީހުން ބުނީ މި ޝަރަފު އެރުވުމަށް ރައީސް ކަނޑައެޅުއްވީ، ދިވެހި ގައުމިއްޔަތުގެ އެންމެ އިސް ބަހާތައް ކަމަށްވާ ދިވެހީންގެ ދީނާއި ދިވެހިބަހާއި ތަރިކަ އާއި ސަގާފަތުގެ ރޮނގުން ދިވެހީންގެ ވިސްނުމާއި ފިކުރީ ތަރައްގީއަށް މަގުފަހިކޮށްދެއްވުމަށް ކަމަށެވެ. އަދި އިލްމުގެ ނޫރު ފެތުރުއްވުމަށް ހުސައިން ސަލާހުއްދީން ކުރައްވާފައިވާ ގައުމީ ހިދުމަތަށްޓަކާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ދިވެހި އިލްމުވެރިންގެ އަރިހުން ސަލާހުއްދީން ހޯއްދެވި އިލްމު މި ގައުމުގައި ފެތުރުމަށް ކުރައްވާފައިވަނީ އަގުހުރި މަސައްކަތެކެވެ.

ގައުމިއްޔަތަށް ހިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފުގެ ގޮތުގައި ރައީސް ދެއްވާނީ ޝަރަފުގެ އައްޑަނަ އެވެ.

‎މި އިނާމު ދެނީ ދިވެހި ގައުމިއްޔަތަށް ފާހަގަކޮށްލެވޭ ފަދަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅުންނަށެވެ.

ޤައުމިއްޔަތަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު، ހުސައިން ޞަލާހުއްދީންގެ ހަނދާނަށް އެރުވުން އޮންނާނީ، މި އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި މާދަމާ ހެނދުނު 09:00ގައި ދަރުބާރުގޭގައި ބާއްވާ ރަސްމިއްޔާތުގައެވެ.

‎ޤައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވާ މި ޖަލްސާގައި، ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ދެއްވުން އޮންނާނެއެވެ. މި އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވަނީ ހަތް ބޭފުޅަކަށެވެ.

އެ ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކަށް އިނާމު އަރުވަނީ، ދެމިހުންނަނިވި ޚާއްސަ ޚިދުމަތެއް ކުރުމުގެ ދާއިރާއިން އެ ބޭފުޅެއްގެ ހަނދާނަށެވެ.

މި އަހަރު އެ އިނާމު އަރުވަނީ، ހެންވޭރު ހާޖަރާގޭ އަލްމަރްހޫމް މުހައްމަދު ތައުފީޤަށެވެ. މުހައްމަދު ތައުފީޤުގެ ހަނދާނަށް މި ޝަރަފު މި އަރުވަނީ، ކީރިތި ރަސޫލާގެ ސިޔަރަތު ގެނެސްދެއްވާފައިވާލެއް ފުރިހަމަކަމާއި، ސިޔަރަތު އަޑުއެހުމަށް ރައްޔިތުންގެ ހިތްތަކުގައި އޮންނަ ޝައުޤުވެރިކަން އިތުރުކުރެއްވުމަށް ކުރެއްވި ޤައުމީ ޚިދުމަތަށްޓަކައެވެ.

‎މި އަހަރު ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވަނީ 10 ބޭފުޅަކަށެވެ. ޤައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ، ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ.

ޝަރަފުވެރިކަމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސް ދެއްވާނީ، ޝަރަފުގެ އައްޑަނައާއި، ޝަރަފުގެ ބެޖާއި، ހަނދާނީ ލިޔުމެކެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމުގެ ގޮތުގައި ދެއްވާނީ، ހަނދާނީ ފިލައަކާއި، ހަނދާނީ ލިޔުމެކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު