ޚަބަރު
ބިޑު އުސޫލާ ޚިލާފަށް ހުޅުމާލޭން ބިން ވިއްކި ކަމަށް ކުރާ ތުހުމަތު އެޗްޑީސީން ދޮގުކޮށްފި
ހުޅުމާލެއިން ދިރިއުޅުމުގެ ބޭނުމަށް ވިއްކުމަށް އިއުލާނުކޮށްފައިވާ ބައެއް ބިންތައް ބިޑް އުސޫލާ ހިލާފަށް ވިއްކާފައިވާ ކަމަށް ކުރާ ތުހުމަތުތައް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދޮގުކޮށްފި އެވެ.

އެ ކޯޕަރޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ، ހުޅުމާލޭން ދިރިއުޅުމުގެ ބޭނުމަށް ބިން ވިއްކާފައި ވަނީ އާންމުކޮށް އިއުލާނުކޮށް، ބިޑިން ޕްރޮސެސްއަކަށް ހުޅުވާލުމަށް ފަހު ކަމަށެވެ. އެގޮތުން، ބިން ގަތުމުގެ ފުރަތަމަ މަރުހަލާއަކީ ކަނޑައެޅޭ ބިމަށް އީއޯއައި ހުށަހެޅުން ކަމަށާއި އީއޯއައި ހުށަހެޅި މީހަކަށް ބިޑު ކުރަން ހުޅުވާލުން ކަމަށް އެޗްޑީސީން ބުނެއެވެ.

އެ ބިމެއް ގަތުމަށް ފުރުސަތު ދީފައި ވަނީ ބިޑު ކުރުމަށް ކަނޑައަޅާފައިވާ ވަގުތު ނިމޭއިރު، އެންމެ މަތީ އަގު ހުށަހެޅި މީހަކަށް ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

އިތުރަށް އެކޯރަޕޭޝަނުން ބުނީ، ބިން ގަތުމަށް އީއޯއައި ހުށަހެޅޭނީ އިއުލާނުކުރި ބިމުގެ ބޭސް ރޭޓަށް ވުރެ ދަށް ނޫން އަގެއްގައި ކަމަށާއި ބޭސް ރޭޓަށް ކަނޑައަޅާފައި ވަނީ އެ ކޯޕަރޭޝަންގެ ބޯޑް އޮފް ޑައިރެކްޓަރުން އެންޑޯޒްކޮށްފައިވާ ރޭޓުތަކެއްގައި ކަމަށެވެ.

އެޗްޑީސީ އިން ބުނި ގޮތުގައި ބިން ގަތުމަށް އީއޯއައި ހުށަހެޅޭނީ އިއުލާނުކޮށްފައިވާ ބިމުގެ ބޭސް ރޭޓަށްވުރެ ދަށް ނޫން އަގެއްގަ އެވެ. ބޭސް ރޭޓްގެ ގޮތުގައި ކަނޑައަޅާފައި ވަނީ އެ ކޯޕަރޭޝަންގެ ބޯޑް އޮފް ޑައިރެކްޓަރުން އެންޑޯޒް ކޮށްފައިވާ ރޭޓް ކަމަށްވެސް އެޗްޑީސީން ބުނެފައިވެ އެވެ.

މި ގޮތުން އުސޫލުގެ ދަށުން އެޗްޑީސީ އިން ވިއްކާފައިވާ ބައެއް ބިންތަކުގެ ތަފުސީލުވެސް އެ ނޫސްބަޔާނުގައި ވަނީ ހިމަނާފަ އެވެ.

އެޗްޑީސީގެ ބަޔާނުގައި ވަނީ އެ ކޯޕަރޭޝަނުން ވިއްކާފައިވާ ބިންތަކާ ގުޅޭ ގޮތުން ހަގީގަތާ ހިލާފު މައުލޫމާތު ނުފެތުރުމަށް އިލްތިމާސްކޮށްފަ އެވެ. 

އެޗްޑީސީން މިހެން ބުނެފައިވަނީ، ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވި ނަމަވެސް ގޯތި ލިބިފައިވާ މީހުންގެ ތެރޭގައި، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލްގެ ބޭބެ އަދި އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ފަޒީލް ރަޝީދު ހިމެނޭ ކަމަށް ބުނާ ލިޔެކިޔުންތަކެއް ވަނީ އާންމުވެފައި ވަނިކޮށެވެ. އެ ގޯތީގައި ވަށައިފާރު ވެސް ވަނީ ރާނާފައެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފަޒުލް ވިދާޅުވީ، އެކަމުގައި އޭނާގެ މަސްލަހަތެއް ނެތް ކަމަށާއި، އެފަދަ މައްސަލައެއް ފެންމަތިވީ އޭނާގެ ބޭބެއާ ގުޅޭ ގޮތުން ކަމަށް ވުމަކީ އިއްތިފާގެއް ކަމަށެވެ.

ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވާ ބަޔަކަށް އެ ކުންފުނިން ބިންތަކެއް ދިން މައްސަލައެއް ވެސް މިފަހުން ވަނީ ފެންމަތިވެފަ އެވެ. އެ މައްސަލަ ހޫނުވެ، ފުލުހުންނާއި އޭސީސީން މިހާރު އަންނަނީ ތަހުގީގު ވެސް ކުރަމުންނެވެ. އެ ބިންތަކުގެ މައްސަލާގައި ތަހުގީގީ އިދާރާތަކުން ކުރާ މަސައްކަތަކަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ވިދާޅުވެ، އެ މައްސަލާގައި ސަސްޕެންޝަނުގައި ހުންނެވި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވަނީ ރޭ މަގާމުން އިސްތިއުފާ ވެސް ދެއްވައިފަ އެވެ. އެ ތަހުގީގަށް އޭނާ އާއި އެޗްޑީސީ އާއި ހައުސިން މިނިސްޓްރީގެ 20 މުވައްޒަފަކު ހިމެނޭ ގޮތަށް ބައެއް މީހުންގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓައިފަ އެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު