ޚަބަރު
އިސްލާހު ތަސްދީގުކުރުމާ އެކު ބާ ކައުންސިލުން އޭޖީ ވަކިވެއްޖެ
ބަންޑާރަ ނައިބު އުޝާމް
ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ބަންޑާރަ ނައިބަށް ނުހުންނެވޭ ގޮތަށް ގާނޫނީ ފަންނުގެ ގާނޫނަށް ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި މި ގާނޫނުގެ ސަބަބުން ގާނޫނީ ވަކީލުގެ ކަންކަން ތަންފީޒުކޮށް ހިންގަން އެ ވަކީލުންގެ ފަރާތުން އިންތިހާބުކުރާ މަންދޫބުން ކަމުގައި ހަމަޖައްސައި ބާ ކައުންސިލަށް ފުރިހަމަ މިނިވަންކަން ލިބިގެންދާނެ އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ޑްރާފްޓްކޮށް، ސަރުކާރުގެ ފަރާތުން ހުޅުމާލެ އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު ހުސައިން ޝަރީފް މަޖިލީހަށް ހުށަހަޅުއްވައި ފާސްކުރި ބިލްގައިވާ ގޮތުން، ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ތިއްބަވާނީ އެ ކައުންސިލްގެ ރައީސާއި ނައިބު ރައީސް އަދި އިތުރު ހަތް މެންބަރެކެވެ.

އޭގެ ތެރޭގައި ބަންޑާރަ ނައިބު ނުހިމެނެ އެވެ. ބާ ކައުންސިލްގައި ބަންޑާރަ ނައިބު އިންނެވުމަކީ ބަންޑާރަ ނައިބު އަހުމަދު އުޝާމް ވެސް ގަބޫލު ކުރައްވާ ކަމެއް ނޫނެވެ. ބާ ކައުންސިލަށް ފުރިހަމަ މިނިވަންކަން ލިބޭނީ، ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ގޮތަށް އެކްސްކޯ އިން ބަންޑާ ރަނައިބު އުނި ކުރުމުން ކަމަށް ބާ ކައުންސިލުން ވެސް ވަނީ ބުނެފަ އެވެ.

ރަސްމީ އިދާރާތަކުގައި ރަޖިސްޓްރީ ކޮށްގެން ކިޔަވައިދޭ މަރުކަޒުތަކުން ދޫކޮށްފައިވާ ލިޔުންތަކުގައި އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު ޖަހައި ދިނުމާއި ރައްޔިތުންނަށް ދޫކޮށްފައިވާ ރަސްމީ ލިޔުންތައް ނުވަތަ ތައުލީމީ ސަނަދުތައް ބޭރު ގައުމުތަކުގައި ބޭނުން ކުރުމަށް އެ ގައުމުތަކުގައި ހުންނަ ޑިޕްލޮމެޓިކް މިޝަންތަކުން ވެސް އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު ޖެހޭ ގޮތަށް ގާނޫނު ވަނީ އިސްލާހު ކޮށްފަ އެވެ.

ބާ ކައުންސިލް މިހާރު އެކުލެވިގެން ވަނީ ވަކީލުން އިންތިހާބު ކުރާ ކައުންސިލްގެ ރައީސް، ނައިބު ރައީސްގެ އިތުރުން ހިންގާ ކޮމިޓީއަށް އިންތިހާބުކުރާ ހަ މެންބަރުންނާއި ބަންޑާރަ ނައިބެވެ. ދެން ބާ ކައުންސިލުގައި ތިބޭނީ ބަންޑާރަ ނައިބު ނުލާ އިންތިހާބުކުރާ މެމްބަރުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު