ޚަބަރު
ތުހުމަތުތަކާއެކު ރިޒްނާ މަގާމުން އިސްތިއުފާ ދެއްވައިފި
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުން އިސްތިއުފާ ދެއްވި އައިޝަތު ރިޒްނާ
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާ އެކު މަސައްކަތް ކުރެވޭނެ މާހައުލެއް ނެތް ކަމަށް ވިދާޅުވެ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އައިޝަތު ރިޒްނާ މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ރިޒްނާގެ މައްސަލަތަކެއް ޖޭއެސްސީ އިން ބަލަން ފަށާފައިވީ ނަމަވެސް އެކަމުގެ އެއްވެސް ތަފްސީލެއް ޖޭއެސްސީއަކުން އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު ރިޒްނާގެ މައްސަލަތަކެއް ބަލަމުންދާކަން އިތުބާރު ހިފޭ މަސްދަރުތަކުން ވަނީ ކަށަވަރު ކުރެވިފަ އެވެ.

އެނގިފައިވާ ގޮތުގައި، ޑީޖޭއޭ ހިންގުމުގެ ގާނޫނީ އޮނިގަނޑާއި ސިޔާސަތުތަކާއި އުސޫލުތަކުގެ ތެރެއިން ޖޭއެސްސީއާ އެކު މަސައްކަތް ކުރެވޭނެ މާހަލެއް ނެތް ކަމަށް ރިޒްނާގެ އިސްތިއުފާ ދެއްވިކަން އަންގަވައި ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެ އެވެ.

އެ ކޮމިޝަނުން ޝަރުއީ ދާއިރާގެ އިދާރީ ހިންގުމާ ގުޅޭ ގޮތުން ޕޮލިސީ ލެވެލްގައި އީޖާބީ ތަސައްވުރެއް ހާމަކޮށްފައި ނެތް ކަމަށާއި އަދި އެއްވެސް ލަފައެއް އިރުޝާދެއް ވެސް ނުދޭ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ޖޭއެސްސީގެ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ކޮމެޓީން ނިންމަންޖެހޭ ކަންކަމުގައި ވެސް އެއްވެސް ނިންމުމެއް ނިންމާފައިނުވާކަން ފާހަގަކުރައްވާފައިވެ އެވެ.

"މިކަން ހައްލުކުރުމަށް މިހާތަނަށް ކުރެވުނު މަސައްކަތްތަކުގެ އެކަށީގެންވާ ނަތީޖާއެއް ލިބިފައިނުވާތީ، ޖުޑީޝަރީގެ އިދާރީ ހިންގުމާގުޅޭ މުހިންމު ކަންކަން ކުރިއަށްގެންދިޔުމަށްވަނީ ހުރަސްއެޅިފައެވެ." ރިޒްނާގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

އެނގިފައިވާ ގޮތުގައި ރިޒްނާއާ ގުޅޭ ގޮތުން އެ ޖޭއެސްސީން ބަލަމުންދަނީ ފަނޑިޔާރުންގެ ހެލްތު އިންޝުއަރެންސާ ގުޅޭ މައްސަލައަކާއި މުވައްޒަފުން ނެގުމުގައި އަމަލުކޮށްފައިވާ ގޮތުގެ މައްސަލަތަކެކެވެ.


ފާހަގަކޮށްލެވޭ ގޮތުގައި، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ރިޒުނާ ހަމަޖައްސަވާފައި ވަނީ 27 ސެޕްޓެމްބަރު 2020ގައެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު