ޚަބަރު
ބީއެމްއެލްގެ ޒިންމާދާރު މަގާމުތަކަށް ދިވެހިން ލާން ގޮވާލައިފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޒިންމާދާރު މަގާމުތަކަށް ބޭރު މީހުންގެ ބަދަލުގައި ދިވެހިން ލުމަށް ޓަކައި މަސައްކަތްކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ނާޒިމް މިފަދައިން ގޮވާލައްވާފައި ވަނީ މިއަދު ކުރިއަށްދާ ދައުރުން ބޭރު ދެވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މިއަދުގެ ޖަލްސާ ބާއްވާފައި ކުންފުނިތަކުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާ މެދު ބަހުސްކޮށް ގޮތެއް ނިންމުމަށެވެ. ސަރުކާރުގެ ފަރާތުން މު ބިލު މަޖިލީހަށް ހުށަހެޅުއްވީ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރެވެ.

އެ ބިލުގައި ހުށަހަޅާފައިވާ އިސްލާހުގައި ވަނީ، ހިއްސާދާރުންގެ ހާއްސަ އާންމު ޖަލްސާއަކަށް ނޯޓިސް ފޮނުވަން އޮންނަ 21 ދުވަހުގެ މުއްދަތު ތިން ދުވަހަށް ކުރު ކުރުމަށެވެ. މި އިސްލާހު ހުށަހަޅަން ޖެހުނީ ބީއެމްއެލްގައި ދާދިފަހުން ހިނގައިިދިޔަ ކަންކަމުގެ ސަބަބުން ކަމަށް ނާޒިމް ވިދާޅުވި އެވެ. 

ނާޒިމް ވިދާޅުވީ އެ ބަދަލުތައް އައިއިރު، އެ ކުންފުނީގެ އެންމެ ޒިންމާދާރު މަގާމުތަކުގެ ބޭފުޅުން ރާއްޖޭގައި ނެތް ކަމަށެވެ. އޭގެ ތެރޭގައި އޮޕަރޭޝަންސް ޑިރެކްޓަރާއި، ރޭޓް ކޮންޓްރޯލް މެނޭޖަރުގެ އިތުރުން ރިސްކް މެނޭޖަރު ވެސް ނެތް ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އެ މަގާމުތަކަށް ބޭރުގެ ބޭފުޅުން އައްޔަނުކޮށްފައި ތިބެނީ 15،000 ޑޮލަރުގެ ބޮޑު މުސާރަ ދެއްވާފައި ކަމަށެވެ. އެ އަގާއި އެއްވަރަށް މަސައްކަތްކުރަންޖެހޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.

"މި މަގާމުތަކަށް ދިވެހިން ލެވޭތޯ ބަލަން އެބަ ޖެހޭ. އަޅުގަނޑުމެންގެ ބޭންކު އަޅުގަނޑުމެންގެ އެއްވެސް ކޮންޓްރޯލެއް ނެތި މިގޮތަށް ހިނގަމުންދާ ކަމަށްވަންޏާ އެދުވަހު ދިމާވި ކަންތަކަށްވުރެ ސީރިއަސް ކަންކަން ކުރިމަތިވެދާނެ،" ނާޒިމް ވިދާޅުވި އެވެ.

އެ ގާނޫނަށް ދެން ހުށަހަޅާފައިވާ އަނެއް އިސްލާހަކީ، ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނާއި ޑިރެކްޓަރުންގެ މަގާމު ހުސްވެއްޖެނަމަ އެ މަގާމަށް 30 ދުވަސް ތެރޭގައި މީހުން އައްޔަން ކުރަން އެންގުމަށް ރަޖިސްޓްރާ އޮފް ކޮމްޕެނީސްއަށް ދީފައިވާ ބާރު 10 ދުވަހަށް ކުރު ކުރުމަށެވެ.
 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު