ޚަބަރު
ބީއެމްއެލްގެ އިތުބާރު ގެއްލޭ ކަމެއް ސަރުކާރުން ކޮށްގެން ނުވާނެ: ސޯލިހު
ސަރުކާރުންވިޔަސް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް އޮތް އިތުބާރު ގެެއްލޭފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބީއެމްއެލްއަކީ ވަރަށް ގިނަ އާންމުންނާއި ވިޔަފާރިވެރިންގެ ދިރިއުޅުމާ ގުޅިފައިވާ ތަނެއް ކަމަށާއި އަބަދުވެސް އެންމެންގެ ފުރިހަމަ އިތުބާރު އޮންނަންޖެހޭ ތަނެއް ކަމަށެވެ.

"ސަރުކާރުން ވިޔަސް ބީއެމްއެލްއަށް އޮތް އިތުބާރު ގެެއްލޭ ފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެ. ބީއެމްއެލް އަށް ކުރާ އިތުބާރު ގެއްލިއްޖެ ނަމަ އެއީ މުޅި މުޖަތަމައަށް ލިބޭނެ ބޮޑު ދެރައެއް،" މިދިޔަ ފަސް އަހަރު ވެރިކަން ކުރެއްވި ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު މިފަދައިން ލިޔުއްވާފައިވާއިރު މިދިޔަ މަހުގެ ފަހުކޮޅު ބީއެމްއެލްގެ ކާޑުތަކުން މުއާމަލާތް ކުރެވޭ މިންވަރަށް ގެނައި ބަދަލުތަކާއެކު އެއީ މާލީ ބަގާވާތެއްކޮށް ވެރިކަން ބަދަލުކުރަން ކުރި މަސައްކަތެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު ވަނީ ސިފަކުރައްވާފަ އެވެ. އެކަމުގެ ތަހުގީގެއްވެސް ފުލުހުން ފެށި އެވެ.

ތަހުގީގު ކުރިއަށް ދަނިކޮށް ބޭންކުގެ ސީއޯއޯ ކާލް ސްޓުމްކާ ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އެ ތަހުގީގުގައި މިހާތަނަށް އެއްވެސް މީހަކާ ސުވާލު ކޮށްފައި ނުވެ އެވެ.

އެއާއެކު ސަރުކާރުން އިއްޔެ ވަނީ ގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަންގެ މަގާމަށް ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ކެބިނެޓް އެފެއާޒްގެ މަގާމުގައި ހުންނެވި އަހްމަދު އަލީ ހަބީބު އައްޔަނުކުރަން ހުށަހަޅާފަ އެވެ.

ބީއެމްއެލްގެ ހިއްސާދާރުންނަށް ފޮނުވި ލިޔުމެއްގައިވާ ގޮތުގައި، މިހާރު ހުށަހަޅާފައިވާ ދެ މީހުންގެ އިތުރުން ހަބީބު އައްޔަނުކުރަން ސަރުކާރުން ހުށަހެޅީ ބޭންކުގެ ހިންގާ ގަވާއިދުގެ 49 ވަނަ މާއްދާގެ ދަށުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު