ޚަބަރު
ބީއެމްއެލްގެ ސީއީއޯ އިސްތިއުފާ ދެއްވައިފި
ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މެނޭޖިން ޑިރެކްޓަރު ކަމާއި ސީއީއޯގެ މަގާމުގައި ހުންނެވި ކާލް ސްޓުމަކް އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

އޭނާ އެ މަގާމުން އިސްތިއުފާ ދިނީ އިއްުޔެ ކަމަށް ބީއެމްއެލްގެ ވެބްސައިޓުގައި ޝާއިއުކުރި ދެންނެވުމެއްގައި ބުނެފައިވެ އެވެ.

އެކަމަކު، ކާލް މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް ބީއެމްއެލުން ނުބުނެ އެވެ.

ބީއެމްއެލަށް އާ ސީއީއޯއެއް އައްޔަންކުރަންދެން ސީއީއޯގެ ޒިންމާތައް އަދާކުރައްވާނީ ޑެޕިއުޓީ ސީއީއޯ ޢާއިޝަތު ނޫރައްދީން ކަމަށް ވެސް ބޭންކުން ބުންޏެވެ. ފާހަގަކޮށްލެވޭ ގޮތުގައި ނޫރައްދީން ވެސް މިދިޔަ މަހު 24 ގައި ވަނީ ބީއެމްއެލްގެ ބޯޑުން އިސްތިއުފާދެއްވައިފައެވެ. އެކަމަކު، ޑެޕިއުޓީ ސީއީއޯކަމުން އޭނާ އިސްތިއުފާއެއް ނުދެއްވަ އެވެ.

ސްޓުމްކަ ވަނީ މެދުއިރުމައްޗާއި، އެފްރިކާގެ އިތުރުން އިންޑިއާ ކަނޑުގެ ގައުމުތަކާއި އިނގިރޭސިވިލާތުގެ ރީޓެއިލް އަދި ކޯޕަރޭޓް ބޭންކުތަކުގައި އެގްޒެކްޓިވް އަދި ބޯޑުލެވަލްގައި 36 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހޯއްދަވާފަ އެވެ.

އޭނާ ބީއެމްއެލާ ގުޅުނީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ހުންނަ އަލް އަހްލީ ބޭންކް އޮފް ކުވައިތުގެ ސީއީއޯގެ މަގާމުގައި ހުންނެވުމަށްފަހު އެވެ.

ބީއެމްއެލްގެ ސީއީއޯގެ މަގާމަށް ކާލް އައްޔަނުކުރީ އޮކްޓޯބަރު 11, 2022 ގަ އެވެ. އަދި ބޭންކްގެ މެނޭޖިން ޑިރެކްޓަރަކަށް އޭނާ އައްޔަނުކުރީ ޑިސެމްބަރު 22, 2022 ގަ އެވެ.

ބީއެމްއެލްގެ ސީއީއޯގެ މަގާމުން އިސްތިއުފާ ދެއްވަން ބައެއް މިނިސްޓަރުންނާއި އެހެން ބައެއް އިސްވެރިން މީގެ ކުރިން ވަނީ ގޮވާލައްވައިފަ އެވެ.

ބީއެމްއެލް އިން ކާޑު ލިމިޓާ ގުޅޭ ގޮތުން ނިންމި ބޮޑު ނިންމުމާއި އެކަމާ ގުޅުވައި ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނެ ފުލުހުން އަންނަނީ ތަހުގީގެއް ހިންގަމުންނެވެ.

މައްސަލަ ހޫނުވީ މިދިޔަ މަހުގެ 25 ވަނަ ދުވަހު ބީއެމްއެލް އިން ޑެބިޓް ކާޑުގެ ޑޮލަރު ލިމިޓު އުވާލައި ކްރެޑިޓް ކާޑުގެ ޑޮލަރު ލިމިޓު މަހަކަށް 100 ޑޮލަރަށް ކުޑަކުރުމުންނެވެ. އެކަން އެގޮތަށް ކުރަން ޖެހުނީ، ބީއެމްއެލްގައި ނެތް ޑޮލަރު ގަންނަން ޖެހި އެ ބޭންކުގެ މާލީ ހާލަތަށް އެކަމުގެ ނޭދެވޭ އަސަރުތައް ކުރަމުން ދާތީ ކަމަށް އެ ދުވަހު ބޭންކުން ނެރުނު ބަޔާނުގައި ވެ އެވެ. އެ ނިންމުން ބީއެމްއެލް އިން ބަދަލު ކުރީ ސަރުކާރާއި އެމްއެމްއޭގެ ލަފާގެ މަތިންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
100%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު