ޚަބަރު
މާލޭގެ ބޭރު ތޮށި މަރާމާތުކުރަން ޖަޕާނާއެކު އެއްބަސްވެއްޖެ
މާލޭ އެއްގަމު ތޮށި މަރާމާތު ކުރުމަށާއި މާލޭގެ ފެންހިންދާ ނިޒާމް އަޕްގްރޭޑްކުރުމަށް ޖަޕާނު ސަރުކާރުން 140،000 ޑޮލަރު ދިނުމަށް ނިންމައިފި އެވެ.

ރައީސް އަލްއުސްތާޛު މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަމުގައި ޖަޕާނު ސަރުކާރުގެ އެހީގައި މާލޭގެ ބޭރު ތޮށިލައި ބޮޑު ހިލަޖަހައި މާލެއަށް އުދަ އެރުމުގެ މައްސަލަ ހައްލުކޮށްފައިވެ އެވެ. ޖަޕާނު ސަރުކާރުން ހިންގި އެ މަޝްރޫއަށްފަހު ތޮށި ބެލެހެއްޓުމަށްވެސް ޖަޕާނު ސަރުކާރުން ގެންދަނީ އެހީތެރިވަމުންނެވެ. 

މާލޭ ބޭރު ތޮށިގަނޑު މަރާމާތުކުރުމަށް ޖަޕާނު ސަރުކާރާއެކު މިއަދު ހެދި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ހާރިޖީވަޒީރު މޫސާ ޒަމީރެވެ. އަދި ޖަޕާނުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޓަކެއުޗީ މިޑޯރީ އެވެ.

ހާރިޖީވުޒާރާގައި މިއަދު އެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ކޮންސްޓްރަކްޝަން އެންޑް އިފްރަސްޓްރަކްޗާ މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބު ބައިވެރިވެވަޑައިގަތެވެ. 

ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޓަކެއުޗީ މިޑޯރީ ވިދާޅުވީ މާލޭ އެއްގަމު ތޮށި މަރާމާތު ކުރުމުގެ މަސައްކަތް އަންނައަހަރު ފަށާ 2027 ވަނަ އަހަރު މުޅިމަޝްރޫޢު ނިންމާލެވޭނެކަމަށް އުއްމީދުކުރައްވާކަމަށެވެ. އަދި މި މަޝްރޫޢުގެ ދަށުން މާލޭގެ ފެންހިންދާ ނިޒާމް އަޕްގްރޭޑްކުރުމަށް ބޭނުންވާ ސާމާނު ޖަޕާނު ސަރުކާރުން ފޯރުކޮށްދެއްވާނެކަމަށެވެ.

" ރާއްޖެއަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން އަސަރުކުރާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެއް. އެހެންކަމުން ޖަޕާނު ސަރުކާރުން ރާޢްޖެއަށް އެހީތެރިވުމަށް އަބަދުވެސް އޮންނާނީ ތައްޔާރަށް." ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޓަކެއުޗީ މިޑޯރީ ވިދާޅުވިއެވެ.

އެ އެއްބަސްވުމާ ގުޅޭ ގޮތުން އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި ޒަމީރު ވިދާޅުވީ މިއީ ރާއްޖޭގެ ވިލުންތެރިކަން އިތުރުކޮށްދީ، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލުމަށް އެހީތެރިވާނެ އެއްބަސްވުމެއް ކަމަށެވެ. 

އަދި އެއީ ޖަޕާނާއި ދިވެހިރާއްޖެއާ ދެމެދުގައި އޮތް ޒަމާންވީ އެކުވެރި ގުޅުން އިތުރަށް ދެމިގެންދާނެ ކަމެއްކަން ފާހަގަކުރައްވައި ޖަޕާނުން ރާއްޖެއަށް އަބަދުމެ ފޯރުކޮށްދެމުންދާ ދެގޮތެއްނުވާ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވި އެވެ. 


މި މަޝްރޫޢު ކުރިއަށްގެންދަނީ ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ، ޖައިކާގެ އެހީތެރިކަމާއެކުގައެެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު