ޚަބަރު
އިންޑިއާއެކު 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެގްރީމަންޓްގައި ސޮއިކޮށްފި
ރަައީސް ޑރ.މުހައްމަދު މުއިއްޒާއި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ފޮޓޯ: ރައީސް އޮފީސް
އިންޑިޔާއާއި ދިވެހިރާއްޖޭގެ މެދުގައި ދެ ގައުމުގެ ފައިސާއިން ވިޔަފާރިކުރަން ފަސޭހަވާނެ ކަރަންސީ ސްވޮޕް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދާ ދަތުރުފުޅުގައި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު ބޭއްވި ޕްރެސް ސްޓޭޓްމަންޓުގައި ރައީސް ވިދާޅުވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އިން މިއަދު ކަރަންސީ ސްވޮޕް އެގްރީމަންޓުގައި ސޮއިކޮށްފައިވާ ކަމަށެވެ.

އެގްރީމަންޓުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރެވެ. އަދި އިންޑިއާގެ ފަރާތުން ސޮއި ކުރެއްވީ އެ ގައުމުގެ ފިނޭންސް މިނިސްޓްރީގެ ސެކްރެޓަރީ ޝްރީ އަޖޭ ސެތް އެވެ.

މި އެގްރީމަންޓުގެ ސަބަބުން އެމެރިކާގެ ޑޮލަރު އަދި އިންޑިއާގެ ރުޕީސް ވިންޑޯ މެދުވެރިކޮށް އެމްއެމްއޭއަށް ސްވޮޕް ނެގޭނެ އެވެ. އެގޮތުން އެމްއެމްއޭއަށް އެކި ފަހަރު މަތިން 400 މިލިއަން ޑޮލަރާއި 30 ބިލިއަން އިންޑިއަން ރުޕީސްއާ ހަމައަށް ސްވޮޕް ނެގޭނެ އެވެ.

ކަރަންސީ ސްވޮޕް އެގްރީމަންޓުގެ ސަބަބުން އިންޑިއާއާއި ރާއްޖެއާ ދެމެދު ކުރެވޭ މުއާމަލާތްތަކުގައި އެ ގައުމެއްގެ ފައިސާ ދެ ގައުމަށްވެސް ބޭނުންކުރެވޭނެ އެވެ.

އިންޑިއާ އާއި އެކު ރާއްޖެއިން ސޮއި ކުރި ކަރަންސީ ސްވޮޕް އެގްރިމަންޓުގެ ސަބަބުން ރާއްޖެއަށް ދިމާވެފައިވާ ބޭރު ފައިސާ ލިބުން ދަތިވުމުގެ މައްސަލައަށް ވެސް ލުއިތަކެއް ލިބިގެންދާނެ އެވެ. 

އެމްއެމްއޭއިން ބުނެފައިވަނީ މިފަދައިން ދެ ގައުމުގެ މެދުގައި ރުފިޔާ/ރުޕީސް ބޭނުންކޮށްގެން ވިޔަފާރިކުރަން ފެށުމުން ވިޔަފާރި އިތުރުވެ ފުޅާވާނެ ކަމަށެވެ. 

އިންޑިޔާއާއެކު ހެދި ފަދަ ކަރަންސީ ސެޓްލްމެންޓު އެއްބަސްވުމެއް ޗައިނާއާއެކު ހެދުމަށްވެސް އެމްއެމްއޭއިން އަންނަނީ އެ ގައުމުގެ މަރުކަޒީ ބޭންކާ މަޝްވަރާކުރަމުންނެވެ.

މި ސަރުކާރު އައި ފަހުން ރާއްޖެ އާއި އިންޑިއާގެ ގުޅުން ކޮންމެވެސް ވަރަކަށް ވަނީ ހީނަރުވި އެވެ. އެއީ އިންޑިއާ އާއި މޯދީ އަށް ނިސްބަތްވާ ގޮތަށް މި ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ބަދު ބަސް ވިދާޅުވެ، ފުރައްސާރަ ކުރެއްވި މައްސަލައިގަ އެވެ. އެއާ އެކީގައި ދިވެހި ސަރުކާރުން ވެސް އަވަސް ފިޔަވަޅުތަކެއް އަޅައި ތިން ޑެޕިއުޓީ މިނިސްޓަރުން ސަސްޕެންޑް ކުރި އެވެ.

ނަމަވެސް ފަހަކަށް އައިސް ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ރަނގަޅުވާން ފަށައިފަ އެވެ. އެގޮތުން ކުރީ ސަރުކާރުން އިންޑިއާ މެދުވެރިކޮށް ނެގި 200 މިލިއަން ޑޮލަރުގެ ލޯނެއްގެ ތެރެއިން 100 މިލިއަން ދެއްކުން އެއް އަހަރަށް ދާދިފަހުން އިންޑިއާ އިން ވަނީ ފަސްކޮށްދީފަ އެވެ.

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު