ޚަބަރު
ރައީސްގެ މުސާރައިގެ %50 ނުނަންގަވާ ގޮތަށް ނިންމަވައިފި
‏އަންނަ އަހަރަށް ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު، ދައުލަތުގެ މުސާރަތަކަށް ގެންނަ ބަދަލުތަކުގެ ތެރޭގައި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މުސާރައިގެ 50 ޕަސެންޓާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ސިޔާސީ މަގާމުތަކުގެ މުސާރަ ކުޑަކުރަން ނިންމަވައިފިއެވެ.

ރައީސާއި ނައިބު ރައީސްގެ މުސާރަ އާއި އިނާޔަތްތައް ކަނޑައެޅުމުގެ ގާނޫނު ބުނާގޮތުން ރައީސްގެ މުސާރައަކީ މަހަކު 100،000 ރުފިޔާއެވެ. އެ އަދަދު 120،000އަށް ބޮޑުކުރަން މިދިޔަ ޑިސެމްބަރު މަހު، އޭރު އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް މަޖިލީހުގެ އާންމު ކޮމިޓީން ފާސްކުރި ނަމަވެސް ރައީސް ވަނީ މުސާރަ ބޮޑުކުރަން ބޭނުންފުޅުނުވާ ކަމަށް ވިދާޅުވެފައެވެ.

ރައީސް ނިންމަވައިފައިވާ ގޮތަށް، މުސާރަ 50 ޕަސެންޓް ކުޑަކޮށްފި ނަމަ އެ މަނިކުފާނަށް ލިބިވަޑައިގަންނަވާނީ 50،000 ރުފިޔާއެވެ.

މަޖިލިސް މެންބަރުންގެ މުސާރަތައް ކަނޑައަޅަނީ މެންބަރުން އަމިއްލަފުޅަށް ކަމަށްވާއިރު، މެންބަރުންގެ މުސާރައަކީ މިހާރު ކޮމެޓީ އެލަވަންސާއެކު 82،500 ރުފިޔާއެވެ.

ރައީސްގެ ނިންމެވުންތައް

• ސިޔާސީ ހުރިހާ މުވައްޒަފުންގެ މުސާރައިން 10 ޕަސެންޓް އުނިކުރުން.

• ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން 10 ޕަސެންޓް އުނިކުރުން. އަދި ކުންފުނިތަކުގެ ވެރީންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90،000ރ. ކަމަށް ކަނޑައެޅުން.

• މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މުސާރައިން 10 ޕަސެންޓް އުނިކުރުމަށް ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅުން.

• ޝަރުއީ ދާއިރާގެ އިސްވެރިން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން 10 ޕަސެންޓް އުނިކުރުމަށް އެ ފަރާތްތަކުގައި އެދުން.

ރައީސް ވިދާޅުވީ މި ފިޔަވަޅުތައް އެޅުމުގައި 12،000ރ. އަށް ވުރެ ދަށުން މުސާރަ ލިބޭ މުވައްޒަފުން އިސްތިސްނާވާނެ ކަމަށެވެ.

ދަރަނި ބޮޑުވެ، ރާއްޖޭގެ އިގުތިސާދީ ހާލަތު ދަށަށް ގޮސްފައި ވާތީ، ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ހަރަދުތައް ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި މިހާރު ތިބި 228 މުވައްޒަފަކު މަގާމުން ވަކިކުރަން ވެސް ރައީސް ވަނީ މިދިޔަ ހަފުތާގައި ނިންމަވައިފަ އެވެ. އެ ނިންމެވުމުގެ ސަބަބުން މަހަކު 5.7 މިލިއަން ރުފިޔާ ދައުލަތަށް ސަލާމަތްކުރެވޭނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު