ޚަބަރު
ސިޔާސީ މަގާމުތަކުގެ މުސާރަ ކުޑަކުރަނީ
‏އަންނަ އަހަރަށް ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު، ދައުލަތުގެ މުސާރަތަކަށް ގެންނަ ބަދަލުތަކުގެ ތެރޭގައި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މުސާރައިގެ 50 ޕަސެންޓާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ސިޔާސީ މަގާމުތަކުގެ މުސާރަ ކުޑަކުރަން ނިންމަވައިފި އެވެ.

އެކްސްގައި ރައީސް މުއިއްޒު މިއަދު ކުރެއްވި ޕޯސްޓެއްގައި ވަނީ އަންނަ އަހަރުގެ ބަޖެޓް ހުށަހަޅާއިރު، އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަން ހާމަކުރައްވައިފަ އެވެ. 

އެގޮތުން ރައީސް ވަނީ ކުރިއަށް އޮތް 2 އަހަރު ދުވަހުގެ މުއްދަތަށް މުސާރަތަކުގެ ހަރަދު ކުޑަކުރަން އަޅާނޭ ފިޔަވަޅުތައް އިއުލާން ކުރައްވައިފަ އެވެ. 

މުސާރައިގެ ހަރަދު ކުޑަކުރުމުގެ ގޮތުން އަންނަ އަހަރުން ފެށިގެން ތަންފީޒުކުރާނޭ ހަތަރު ކަމެއް ރައީސް ވަނީ މިއަދު އިއުލާން ކުރައްވައިފަ އެވެ. އެގޮތުން ރައީސްގެ ޕޯސްޓްގައި ވިދާޅުވެފައި ވަނީ: 

  • ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައިން %10 އުނިކުރުން

  • ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން %10 އުނިކުރުން. އަދި ކުންފުނިތަކުގެ ވެރީންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90،000 ރުފިޔާ ކަމަށް ކަނޑައެޅުން

  • ޝަރުއީ ދާއިރާގެ އިސްވެރިން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން %10 އުނިކުރުމަށް އެ ފަރާތްތަކުގައި އެދުން

އެ ފިޔަވަޅުތައް އަޅާއިރު 12،000ރ. އިން ފެށިގެން ދަށުގެ މުސާރަތައް ލިބޭ ފަރާތްތަކުގެ މުސާރައަށް އެއްވެސް ބަދަލެއް ނުގެނައުމަށް ނިންމާފައިވާކަމަށް ވެސް ރައީސް ވިދާޅުވި އެވެ. 

މީގެ އިތުރުން ރައީސް ވަނީ މިިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މުސާރައިން %10 އުނިކުރުމަށް އެ ފަރާތްތަކަށް ދަންނަވާނޭ ކަމަށް ވެސް ވިދާޅުވެފަ އެވެ. 

ޝަރުއީ ދާއިރާ އާއި މިނިވަން މުއައްސަސާތައް އަދި ރައްޔިތުން މަޖިލީހުގެ މެންބަރުންގެ މުސާރަ ކަނޑައަޅަނީ ރައްޔިތުން މަޖިލީހުންނެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު