ޚަބަރު
ތިން މިނިސްޓަރުންނަށް މަޖިލީހުން ރުހުން ދީފި
ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި މިދިޔަ މަހުގެ 30 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރެއްވި ތިން ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

އެ ތިން މިނިސްޓަރުންނަކީ ފޮރިން މިނިސްޓަރުކަމުން ފިނޭންސް މިނިސްޓަރަކަށް ބަދަލުކުުރި މޫސާ ޒަމީރާއި ހެލްތު މިނިސްޓަރުކަމުން ފޮރިން މިނިސްޓަރަކަށް ބަދަލުކުރި ޑރ. އަބްދުﷲ ހަލީލުގެ އިތުރުން ހެލްތު މިނިސްޓަރަކަށް އައްޔަން ކުރި އަބްދުﷲ ނާޒިމެވެ.

މި ތިން ވަޒީރުންނަށް ރުހުން ދޭން ފާސްކޮށްފައިވަނީ މަޖިލީހުގައި ވޯޓުގައި ބައިވެރިވި 86 މެންބަރުން އިއްތިފާގުންނެވެ.

ކެބިނެޓަށް ރައީސް ބަދަލުތަކެއް ގެންނެވީ މިދިޔަ މަހުގެ 30 ގަ އެވެ. އެގޮތުން ހެލްތު މިނިސްޓަރަކަށް އައްޔަންކުރި ނާޒިމު ކުރިން ހުންނެވީ ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީގެ މަގާމުގަ އެވެ. އޭނަ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ހެލްތު މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ.

މިއީ ރައީސް މުއިއްޒުގެ ކެބިނެޓަށް ބަދަލު ގެންނެވި ފުރަތަމަ ފަހަރެވެ. ނަމަވެސް މީގެ ކުރީން ސަރުކާރުގެ އެހެން މަގާމުތަކަށް ބަދަލުތައް ގެނެސްފައިވެ އެވެ. އެގޮތުން ސްޓޭޓް މިނިސްޓަރުންނާއި ނާއިބުންނާއި ކުންފުނިތަކުގެ ވެރީން އަދި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން މަގާމުތަކުން ވަކި ކުރައްވާފައިވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު