ޚަބަރު
އަތޮޅު ކައުންސިލްގެ ރައީސުން ވެސް އައްޔަނުކުރަންވީ ރައީސް: އިބްރާހީމް ދީދީ
ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ
މިނިވަން މުއައްސަސާތަކުގެ އިތުރުން އަތޮޅު ކައުންސިލްތަކުގެ ވެރިން ކަނޑައެޅުމުގެ ބާރު ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދެއްވަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

މެންބަރު އިބްރާހީމްދީދީ މިހެން ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް އާއި ނައިބުރައީސް އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ގޮތަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރު ހުށަހެޅުއްވި އިސްލާހު ގެނައުމުގެ ބިލްގެ ބަހުސްގައި މިއަދު ވާހަކަ ދައްކަވަމުންނެވެ.

އަތޮޅު ކައުންސިލްތަކުގެ ރައީސުންނަށް އަތޮޅު ހިންގޭތޯ ސުވާލު އުފައްދަވާ އިބްރާހީމްދީދީ ވިދާޅުވީ އަތޮޅު ވެރިންނާއި ކަތީބުން އައްޔަންކުރި ޒަމާނުގައި އަތޮޅުތަކުގެ ކަންކަން މާ ރަނގަޅަށް ހިނގި ކަމަށެވެ.

"މި ރާއްޖޭގަ މިތިބަ އަތޮޅު ކައުންސިލްތަކުގެ ރައީސުންވެސް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަން(ވީ)،" އިބްރާހީމްދީދީ ވިދާޅުވި އެވެ. 

ކޮމިޝަންތަކުގައި ތިބޭ މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ ތާއީދުކޮށް މަޖިލީހުން ރުހުން ލިބިފައިވާ މެންބަރުންކަން އޭނާ ފާހަގަކުރެއްވި އެވެ. އެހެންކަމުން ކޮމިޝަންގެ ރައީސްއަކު އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދިނުމަކީ މައްސަލައެއް ނޫން ކަމަށް ވިދާޅުވި އެވެ.

އޭސީސީ އާއި އިލެކްޝަ ކޮމިޝަން (އީސީ) ގެ ރައީސުން ކަނޑައެޅުމުގެ ބާރު ރައީސް ލިބިދޭ ގޮތަށް ހުށަހެޅި ބިލްތަކާ ގުޅިގެން ވަރަށް ގިނަ ބަޔަކު މިހާރު އަންނަނީ އެކަމަށް ފާޑުކިޔަމުންނެވެ. އެގޮތުން އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީން ވެސް އެކަން ބަލައިނުގަނެވޭނެ ކަމަށް އިއްޔެ ބުނެފައިވެ އެވެ.

މިހާރު ގާނޫނު އޮތް ގޮތުން ކޮމިޝަނަށް މެންބަރުން އައްޔަންކުރަނީ ވެސް ރައީސް ބޭނުންވާ ބޭފުޅުންގެ ނަންތައް މަޖިލީހުން ފާސްކޮށްގެން ކަމަށެވެ. އެހެންކަމުން އެ ކޮމިޝަންތަކުގެ މެންބަރުން، ކޮމިޝަނުގެ ރައީސުން ހޮވުމުގެ ބަދަލުގައި ރައީސް އެ މަގާމަށް ނަން ފޮނުވުމުން މަޖިލީހުން އެ ނަން ފާސްކުރުން އެއީ އެއްވެސް މައްސަލައެއް ނޫން ކަމަށް ވެސް އިބްރާހިމް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު