ޚަބަރު
އެއް ބިލިއަން ބަޖެޓަކާއެކު ގެދޮރުވެރިކަމުގެ ލޯނެއް
ގެދޮރުވެރިކަމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި، ކޮންމެ އަހަރެއްގެ ދައުލަތުގެ ބަޖެޓުން އެއް ބިލިއަން ރުފިޔާ ހައުސިން ލޯނަށް ހާއްސަ ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. 

އެ މަނިކުފާނު މިފަދައިން ވިދާޅުވީ ރައީސްގެ ރިޔާސީ ވައުދުފުޅެއްކަމަށްވާ ހިޔާވަހި ފައިނޭންސިން ސްކީމް ތައާރަފްކުރުމަށް މިއަދު އޮތް ހަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މިއަދު ތާއަރްފްކުރެވުނު ސްކީމަކީ ބޯހިޔާވަހިކަމަށް ދާއީމީ ހައްލެއް ގެނައުމުގެ ގޮތުން ފެށުނު އެންމެ މުހިންމު ކަންތައް ކަމަށެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި އެއް ބިލިއަން ރުފިޔާ ލޯނު ސްކީމަށް ހިމަނާފައިވާއިރު، ހައުސިންގެ އެހެން މަޝްރޫއުތަކަށް ޖުމްލަ 4.8 ބިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވެ އެވެ.

ރައީސް އިތުރަށް ވިދާޅުވީ، ވައުދުވެވަޑައިގެންނެވި ގޮތަށް މާލެ ސަރަހައްދުން ލިބިފައިވާ ގޯތިތައް އިމާރާތްކޮށްދިނުމަށް ސަރުކާރުގެ ކުންފުނިތަކުން އެހީވެދޭ ސްކީމެއް ތައާރަފްކުރެއްވުމަށް ވެސް މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.  

އަދި މިސްކީމުގެ ދަށުން ސަރުކާރު ކުންފުންޏަކާއެކު މަސައްކަތްކޮށްގެން ގޯތީގައި ގެ އިމާރާތްކުރެވޭނެ ލުއި ގޮތެއް ހޯދޭނެކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މިގޮތުން ގެދޮރުވެރިކަމުގެ ސްކީމުގެ ޓެކްނިކަލް މަސައްކަތް ފައިނަލް ވުމުން ވަރަށް އަވަހަށް އިއުލާނުކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

އަންނަ އަހަރުގައި އަލަށް ފަށާ ގިނަ މަޝްރޫއުތަކުގެ ގޮތުގައި ހިމަނާފައިވާނީ ވެސް ހައުސިން މަޝްރޫއުތަކެވެ. އެގޮތުން ގެދޮރު އަޅަން 1.5 ބިލިއަން ރުފިޔާ ހިމަނާފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު