ޚަބަރު
މީޑިއާ ކޮންޓްރޯލްކުރަން ރައީސަށް ބާރު ލިބޭ ބިލު އަނބުރާ ގެންގޮސްފި
ސަރުކާރަށް މީޑިއާތަކުގެ ކޮންޓްރޯލް ލިބޭ ގޮތަށް އޮތް މީޑިއާ ކޮމިޝަންގެ ބިލު އަނބުރާ ގެންދިއުމަށް މަޖިލިހަށް މިހާރު ހުށަހަޅުއްވާފައިވާ ކަމަށް، އެ ބިލު ހުށަހެޅުއްވި ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލްހަންނާން އަބޫބަކުރު މިއަދު ވިދާޅުވެއްޖެ އެވެ.

ހަންނާން ވިދާޅުވީ، އެ ބިލު އަނބުރާ މިހާރު ގެންގޮސްފައިވާ ކަމަށެވެ.

'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ގާނޫނު'ގެ ނަމުގައި އާ ގާނޫނެއް އުފައްދަން މެންބަރު ހަންނާން ހުށަހެޅުއްވި ބިލު މަޖިލީހަށް ތައާރަފުކުރީ 13 ނޮވެމްބަރުގައެވެ.

މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައިވާ ގޮތުން އެ ބިލު ތަސްދީގު ކުރުމާ އެކު، މީޑީއާތައް ރެގިއުލޭޓް ކުރުމަށް މިހާރު އޮތް އެމްއެމްސީ އާއި ބްރޯޑްކާސްޓިން ކޮމިޝަން އުވުނީ އެވެ. އަދި މުއްދަތެއް ނެތް ގޮތަށް އޮތް އިންތިގާލީ މަރުހަލާއަކަށް ފަހު، އަލަށް އުފައްދާ މީޑިއާ ކޮމިޝަނުން ނޫސްވެރިންނާއި މީޑިއާތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމުގެ ބާރު ދީފައިވެ އެވެ. އެ ކޮމިޝަންގެ މެޖޯރިޓީ ވެސް ލިބެނީ ސަރުކާރަށެވެ. 

"..ސަރުކާރު ހިންގާ ޕީއެންސީގައި 75 މެންބަރުން މި ތިބެނީ. ދެން ތިބެނީ 14 ވަރަކަށް މެންބަރުން. އެހެންވީމާ ސަރުކާރު މެންބަރުންގެ ތާއިދާ ނުލައި މިއީ ކުރިއަށް ގެންދެވޭނެ ބިލަކަށް ނުވާތީ އަނބުރާ ނަގަން ނިންމީ،" ހަންނާން ވިދާޅުވި އެވެ.

ބިލް މިހާރު އޮތީ ފުރަތަމަ ކިޔުން އިއްވައި، އިބްތިދާއީ ބަހުސް ފެށުމުގެ މަރުހަލާގަ އެވެ.

ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރަން މިިދިޔަ އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލަން ހުށަހެޅި އެ ބިލްގައި ވަނީ އެ މަނިކުފާނު ގަބޫލުފުޅު ކުރައްވާ ސިޔާސަތެއް ނޫން ކަމަށެވެ. މީޑިއާތައް ކޮންޓްރޯލް ކުރާ ހިތްޕުޅު ނުވާ ކަމަށާއި ބޭނުންފުޅުވަނީ މީޑިއާތަކަށް މިހާރަށް ވުރެ ބޮޑަށް މިނިވަންކަން ދޭން ކަމަށް ވެސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު