ޚަބަރު
ކްރެޑިޓް ކާޑު ލިމިޓް 1400 ޑޮލަރަށް، ދިވެހިން ބޭރަށް ފުރަން 1،000 ޑޮލަރު
ސަރުކާރުން މިހާރު އަޅަމުންދާ ފިޔަވަޅުތަކާއެކު ކްރެޑިޓް ކާޑުގެ ޑޮލަރު ލިމިޓް 1400 އަށް އަދި ރާއްޖެއަށް ބޭރަށް ފުރަންދާ މީހުންނަށް 1000 ޑޮލަރު ލިބޭނެ ގޮތް ހަދައިދޭން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެ ބަދަލުގެ އެންމެ މުހިންމު އެއް ފައިދާއެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ މިހާރު ރާއްޖެއިން ބޭރަށް ފުރާ ކޮންމެ ދިވެއްސަކަށް އެއާޕޯޓުން ދޫކުރަމުންދާ 500 ޑޮލަރު 1،000 ޑޮލަރަށް އިތުރުކުރެވުމެވެ. ގަވާއިދު ރަނގަޅަށް ތަންފީޒުކުރެވޭނަމަ 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާއިން ފެށިގެން ބޭރަށް ފުރާ ކޮންމެ ދިވެއްސަކަށް 1،000 ޑޮލަރު ދޫކުރެވޭނެ ކަމަށާއި، އެއީ އެކި ބޭނުންތަކަށް ރާއްޖެއިން ބޭރަށް ފުރާ ދިވެހިންނަށް ވަރަށް ބޮޑަށް ފައިދާވާނެ ކަމެއް ކަމުގައި ރައީސް ވިދާޅުވި އެވެ.  

"ޑޮލަރު މާރުކުރާ ގަވާއިދު ރަނގަޅަށް ތަންފީޒުވާނަމަ އަޅުގަނޑުމެން ބޭނުންވަނީ 2026 ގެ ފުރަތަމަ ކުއާޓާއަށް ދާއިރު މި 500 ޑޮލަރުގެ ބަދަލުގައި 1،000 ޑޮލަރުގެ ގަތުމުގެ ފުރުސަތު ދޭން. ދެން މިކަމަށް ހުރަސްއަޅަންވީ ކީއްވެތޯ؟،" ރައީސް ސުވާލު ކުރެއްވި އެވެ.  

އޭގެ އިތުރަށް އަންނަ ޖަނަވަރީން ފެށިގެން ދެމެހެއްޓެނެވި ގޮތަކަށް ޑޮލަރު މާރުކުރުމުގެ ކަންކަން ކުރެވޭނަމަ 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާއަށް އަންނަންވާއިރަށް ކްރެޑިޓު ކާޑުތަކުގެ ލިމިޓު 750 ޑޮލަރުން 1،400 ޑޮލަރަށް އިތުރުކުރެއްވޭނެ ކަމުގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.

"އަންނަ ޖަނަަވަރީން ފެށިގެންގޮސް 2026 ގެ ފުރަތަމަ ކުއާޓާގެ ނިޔަލަށް ސަސްޓައިނަބަލް ގޮތަކަށް ޑޮލަރު މާރުކުރުމުގެ ކަންތައް ކުރިއަށްދާނަަމަަ، 1،400 ޑޮލަރާ ހަމައަށް ކްރެޑިޓް ކާޑުގެ ލިމިޓު ބޮޑުކޮށްދޭނަން،" ރިޔާސީ ވައުދުފުޅު ފުއްދަވާނެ ކަން ފާޙަގަ ކުރައްވާ ރައީސް ވިދާޅުވި އެވެ.

ބޭރަށް ފުރާ ދިވެހީންނަށް މިހާރު ދޫކުރަނީ ޓިކެޓަކަށް 500 ޑޮލަރެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ތަންފީޒު ކުރަން ފެށި އެ ސިޔާސަތުގެ ސަބަބުން ދިވެހީންނަށް ބޮޑު ފަސޭހައަކާ ހިތްހަމަޖެހުމެއް ލިބިފައިވެ އެވެ. ބޮޑު އަގުގައި ޑޮލަރު ގަންނަން ޖެހުމަކީ އޮތް ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އަނެއްކޮޅުން ބޭރުގައި ކިޔަވަން ތިބޭ ކުދީންނާއި އާއިލާތަކަށް ކްރެޑިޓް ކާޑުގެ ލިމިޓް ކުޑަވުމަކީ އޮތް ގޮންޖެހުމެކެވެ. 

ބޭންކުން ރަސްމީކޮށް ޑޮލަރު ވިއްކާ ރޭޓަކީ އަދިވެސް 15.42 ރުފިޔާ ކަމަށްވީ ނަމަވެސް، ކަޅުބާޒާރުގައި ޑޮލަރުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. މިގޮތުން، މިހާރު ކަޅުބާޒާރުގެ ޑޮލަރު ވިއްކާ ރޭޓު ހުރީ 19 ރުފިޔާއަށް ވުރެ މަތީގައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު