ޚަބަރު
އާސަންދަ ޔަގީންކުރަން ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި
މެދުކެނޑުމެއްނެތި އާސަންދައިގެ ހިދުމަތް ރައްޔިތުންނަށް ލިބޭނެ ކަން ކަށަވަރު ކުރުމަށް ސަރުކާރަށް ގޮވާލައި އިދިކޮޅު އެމްޑީޕީ އިން ރައްޔިތުންގެ މަޖިލިހަށް މިއަދު ހުށަހެޅި ކުއްލި މައްސަލައިގެ ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅައި އެ ބަލައި ނުގަންނަން މަޖިލިހުގެ ރިޔާސަތުން ނިންމައިފި އެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެ މައްސަލަ މަޖިލީހުގެ ގަވައިދުގެ 197 ވަނަ މާއްދާއާ ހިލާފު ކަމަށެވެ. އެ މާއްދާއާ ހަވާލާ ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ، ކުއްލި މައްސަލައަކަށް ވާން ޖެހޭނީ ކުއްލިއަކަށް ހިނގައިގެން އުޅޭ ނުވަތަ މިދިޔަ ހަތް ދުވަސް ތެރޭގައި ހިނގާފައިވާ ކަމެއް ކަމަށެވެ.  

އާސަންދައާ ގުޅޭ ކުއްލި މައްސަލަ ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)  އެވެ.އެ ކުއްލި މައްސަލައިގައި ބުނެފައިވަނީ 2011 ވަނަ އަހަރު އާސަންދަ ތައާރަފުކުރީއްސުރެ އެ ސްކީމް ހިންގާފައިވަނީ ދައުލަތުގެ މާލިއްޔާއިން ޚަރަދުކޮށްގެން ކަމަށެވެ. އެކަމަކު، ބައެއް ކްލިނިކްތަކާއި ހޮސްޕިޓަލްތަކުން އާސަންދައަށް ޚިދުމަތް ދިނުން ހުއްޓާލައި ކަމަށް އެ މައްސަލައިގައި ވަނީ ފާހަގަކޮށްފައެވެ. 

ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ އަޣުލަބިއްޔަތު އޮތް މަޖިލީހުން އެ މައްސަލަ ބަލައިނުގަތް ކަމުގެ ކަންބޮޑުވުމާ އެކު، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވަނީ އެ ކުއްލި މައްސަލަ ސޯޝަލް މީޑިއާގައި އާންމު ކުރައްވައިފަ އެވެ. 

މިއީ މިފަހުން އައިސް ކުއްލި މައްސަލަ  ގޮތަށް ވޯޓަށް ނާހައި ބޭރުކޮށްލި 2 ވަނަ ފަހަރެވެ. އިޒްރޭލު ޕާސްޕޯޓު މަނާކުރުން ލަސްވާތީ، މެންބަރު މުހައްމަދު އިބްރާހިމް ކުރިން ހުށަހެޅުއްވި ކުއްލި މައްސަލަ ވެސް ވަނީ ބޭރުކޮށްލައިފަ އެވެ. 

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
100%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު