ޚަބަރު
މެންބަރުންނަކީ ބޮޓުން ކަމަށް ހަދައިގެން ވާހަކަ ނުދެއްކުމަށް އެދިއްޖެ
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ 'ބޮޓުން' ކަމަށް ދޭހަވާގޮތަށް މަޖިލީހުގެ ތަޅުމުގައި މެންބަރުން ވާހަަކަ ނުދެއްކެވުމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެދިވަޑައިގެންފި އެވެ. 

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަބްދުއްރަހީމް މިހެން ވިދާޅުވީ އިޒްރޭލް ޕާސްޕޯޓް މަނާކުރުމާ ގުޅޭ ގަރާރުގެ ބަހުސްގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ދެއްކެވި ވާހަކައަށް ރައްދު ދެއްވަމުންނެވެ.

އެ ގަރާރުގެ ބަހުސްގައި މީކާއީލް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ވަކިވަކި މެންބަރުން ކޮންޓްރޯލް ކޮށްގެން މަޖިލީހުގެ މުޅި އެޖެންޑާއަކީ ރައީސް އޮފީހުގެ ތެރެއިން ނެރޭ އެއްޗަކަށް ހެދުން ހުއްޓާލަން ޖެހޭ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގައި ޑރ. މުއިއްޒުގެ ފަރާތުން ޕީއެންސީގެ ފަރާތުން އިންތިހާބު ވެވަޑައިގެން ތިއްބެވި މެންބަރުން ކޮންޓްރޯލް ކުރެއްވުމުގެ ބޭނުމުގައި މި ރައްޔިތުންގެ މަޖިިލިސް އޮޕަރޭޓް ކުރެވިގެންދާ މަންޒަރު އަޅުގަނޑުމެންނަށް މިހާރު މި ފެންނަނީ. އިއްޒަތްތެރި ރައީސް. މިއީތޯ ރައްޔިތުންގެ މަންދޫބުން މިއަދު އެދޭ ގޮތަކީ މިއީތޯ ސިޔާސީ ޕާޓީއެއްގެ ޕަޕެޓުންނަށްވެގެން ބޮޓުންނަށްވެގެން މިތާ އުޅުއްވަންތޯ ރައްޔިތުންގެ މަންދޫބުން މިއަދު އެދިލައްވަނީ،" މީކާއީލް ވިދާޅުވި އެވެ. 

ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ސުޕަ މެޖޯރިޓީ މަޖިލީހުގައި އޮތް އިރު، ސަރުކާރުން ބޭނުންވާ ގޮތަށް ނޫނީ މެންބަރުން އަމަލު ނުކުރާ މައްސަލާގައި އިދިކޮޅު ފަރާތްތަކުން އަބަދުވެސް ފާޑުކިޔަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު