ޚަބަރު
އިންތިހާބުތަކާ ދިމާކޮށް ސޯލިހު 1،900 ކުށްވެރިން މިނިވަންކުރި: ރައީސް މުއިއްޒު
އެކިއެކި އިންތިހާބުތަކާއި ދިމާކޮށް މިދިޔަ ސަރުކާރުން ފަސް އަހަރުތެރޭގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް 1،900 ކުށްވެރިން މިނިވަންކުރި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ވަނީ މިދިޔަ ސަރުކާރުގައި މާފުދީ، މިނިވަންކުރި ކުށްވެރިންގެ އަދަދުތައް ހާމަކުރައްވައިފައެވެ.

އއ. އަތޮޅާއި ކ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ތޮއްޑޫ ރައްޔިތުންނާ މުހާތަބުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެ މަނިކުފާނުގެ ވެރިކަމުގައި ކްލެމެންސީއާއި އަދި ރައީސަށް ލިބިދީފައިވާ ބާރުގެ ތެރެއިން އަދަބު ލުއިކޮށްދީގެން ވެސް މާފުދީ މިނިވަންކޮށްފައިވާނީ 86 ކުށްވެރިން ކަމަށެވެ.

އެކަމަކު، މިދިޔަ ސަރުކާރުގައި ކޮންމެ އިންތިހާބަކާ ދިމާކޮށް އެތައް ސަތޭކަ ކުށްވެރިންނެއް ދޫކުރި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެގޮތުން، ސޯލިހު ސަރުކާރުގައި:

  • ރިޔާސީ އިންތިހާބާ ދިމާކޮށް މިދިޔަ އަހަރު 429 ކުށްވެރިން ދޫކޮށްލި
  • 2022 ވަނަ އަހަރު 256 ކުށްވެރިން ދޫކޮށްލި
  • ކައުންސިލް އިންތިހާބާ ދިމާކޮށް 2021 ވަނަ އަހަރު 458 ކުށްވެރިން ދޫކޮށްލި
  • 2019 ވަނަ އަހަރު 762 ކުށްވެރިން ދޫކޮށްލި
"އެކި އިންތިހާބުތަކާ ދިމާކޮށް ޖަލުތަކުގައި ތިބޭ ކުށްވެރިން އެއްވެސް ވަރެއްގެ ރިހެބްލިޓޭޝަނެއްގެ ތެރެއަށް ނުގޮސް މަގުމައްޗަށް ދޫކޮށްލާތަން [ކުރިން ފެނުނު]. އޭގެ ސަބަބުން ވަރަށް ގިނަ އެކި ކަހަލަ ނުރައްކާތެރި ކަންތައް އަނިޔާވެރި ކަންކަން މަގުމަތީ ހިނގާ،" ރައީސް ވިދާޅުވި އެވެ.

މިދިޔަ ސަރުކާރުގައި މާފުދިން ކުށްވެރިންގެ މައްސަލަ ކުރިން ވެސް ފެންމަތިވިއެވެ. އެ ގޮތުން، ހޯމް މިނިސްޓަރު އަލީ އިހުސާން ވެސް ވަނީ ޑުރަގު ޓްރެފިކްކޮށްގެން އުމުރަށް ބަންދުކޮށްފައި ތިބި 314 ކުށްވެރިން މިދިޔަ ސަރުކާރުގައި މިނިވަންކުރި ކަމަށް ވިދާޅުވެފަ އެވެ.

އެ ތުހުމަތުތަކާ ގުޅިގެން ސޯލިހު މިހާތަނަށް ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.

ރައީސް މުއިއްޒު އއ. އަތޮޅަށް ކުރައްވާ ކުރައްވާ ދަތުރުފުޅުގައި ތޮއްޑު އަށް ފަހު ވަޑައިގަންނަވާނީ އެ އަތޮޅު ރަސްދުއަށެވެ. އެ ރަށު އެ ރަށު ކައުންސިލާ ބައްދަލު ކުރައްވައި، އުކުޅަހު ކައުންސިލާ ވެސް އެ އިދާރާގައި ބައްދަލު ކުރައްވާނެ އެވެ.

މިއަދު ހަވީރު މަތިވެރިއަށް ވަޑައިގެން އެ ރަށު ކައުންސިލްގެ އިތުރުން ހިމަންދު އާއި މާޅޮހާއި ފެރިދޫ އަދި ބޮޑުފޮޅުދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއާ ވެސް ބައްދަލު ކުރައްވާނެ އެވެ.

ރައީސް މުއިއްޒުގެ މި ދަތުރުފުޅުގައި މާދަމާ ކ. އަތޮޅުން ގާފަރާއި ހުރާ އަދި ހިންމަފުއްޓަށް ވަޑައިގަންނަވާއިރު، އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު