ޚަބަރު
އަމީނަށް ހެދިގޮތް ދިފާއުކުރުމުން މަޖިލީހަށް ކުއްލި މައްސަލައެއް
ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހައްދަވަން ޖެހޭނީ ކުރީގެ ރައީސް މުހައްމަދު އަމީން ދީދީއަށް ހެއްދެވި ގޮތް ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުން އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނެސް މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލަ ބަލައިގެންފިއެވެ.


މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މިލަންދޫ ދާއިރާގެ ޕީއެންސީ މެންބަރު ހަސަން މުފީދު އަބްދުލްގާދިރު އެވެ.

މި މައްސަލައަށް މަޖިލީހުގައި ބަހުސް ކުރަން ފެންނަ ކަމަށް 44 މެންބަރުން ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް އަށް މެންބަރުން ވޯޓު ދެއްވި އެވެ. އަދި ވަކި ގޮތަކަށް ވޯޓު ދެއްވަން ބޭނުންނުވާ ކަމަށް އެއް މެންބަރު ވޯޓު ދެއްވި އެވެ. 

އެ ކުއްލި މައްސަލައިގައި ބުނެފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދީ އެކިއެކި ޕޯޑިއަމްތަކުގައި އެމްޑީޕީން ވާހަކަދައްކަމުންދާ ކަމަށެވެ.

އަދި ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ނުސީދާކޮށް ނަމަވެސް، ޓެރަރިޒަމްގެ އަމަލެއް ކުރުމަކީ ކުށެއް ކަމުގައި ބަޔާންކޮށްފައިވާ ކަމަށާއި އަދި އެފަދަ އަމަލެއްކުރުން ގާނޫނުގެ ދަށުން މަނާވާނެކަން އެ މައްސަލާގައި ވަނީ ފާހަގަކޮށްފައެވެ.

އަދި އެފަދަ ވާހަކައެއް ފެތުރުމަކީ ވަކި ސިޔާސީ ފިކުރެއް ކުރިއަރުވަން ކުރާ ކަމެއް ކަމަށް އެ މައްސަލާގައި ވަނީ ފާހަގަކޮށްފައެވެ. ހަމައެއާއެކު އާންމުންގެ ތެރެއިން ބައެއްގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށާއި އެހެން މީހެއްގެ ފުރާނައަށް ނުރައްކާވާ ފަދަ އެ އަމަލު، ކުށްވެރިކުރައްވާކަމަށް އެ މައްސަލައިގައިވެއެވެ.

މި ކުއްލި މައްސަލަ ހުށަހެޅިއިރު ހދ. ކުޅުދުއްފުށީގައި މިދިޔަ ހަފްތާގައި ބޭއްވި އެމްޑީޕީގެ ޖަލްސާގައި ވާހަކަ ދެއްކި އެ ޕާޓީގެ އެކްޓިވިސްޓަކު ވަނީ ރައްޔިތުން ނިކުމެ ރައީސް އަމީން ހަވަރަށްދީ އަނިޔާކޮށް އަވަހާރަކޮށްލި ހާދިސާ ސިފަކޮށް އެގޮތް ރައީސް މުއިއްޒަށްވެސް ހަދަންވީ ކަމަށް ދޭހަވާ ގޮތަށް ވާހަކަދައްކާފަ އެވެ.

އެ ވާހަކަތަކާ ގުޅިގެން ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުގެ ފާޑުކިޔުން އެމްޑީޕީއަށް ވަރަށް ބޮޑަށް އަމާޒުވެފައި ވަނިކޮށް ފައްޔާޒު އިއްޔެ ނޫސްވެރިންނާ ބައްދަލުކުރައްވާ ވަނީ އެ ވާހަކަތައް ދިފާއުކުރައްވާފަ އެވެ.

އެގޮތުން ފައްޔާޒު ވިދާޅުވީ "ރައްޔިތުންނަށް ދެރަ ދިނީމަ ހަދަން ޖެހޭނީ އަމީނަށް ހެދި ގޮތް" ކަމަށެވެ. ނަމަވެސް ފައްޔާޒު ވިދާޅުވީ އެ ވާހަކަ ދެއްކި މީހާ އެ ވާހަކަ ދެއްކީ ރައީސް މުއިއްޒަށް ނަސޭހަތެއް ދިނުމުގެ ގޮތުން ކަމަށް އޭނާ ގަބޫލުކުރައްވާ ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު