ދީން
މުސްލިމުން ކްރިސްމަސްގެ އިހުތިފާލުތަކުގައި ބައިވެރިވުމަކީ ދީން ހުއްދަކުރާ ކަމެއް ނޫން: ހުތުބާ
މުސްލިމުން ކްރިސްމަސް ފާހަގަކުރުމާއި މި އިޙުތިފާލުތަކުގައި ބައިވެރިވުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫންކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ. 

މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައި ވަނީ "ޣައިރު ދީންތަކުގެ ޝިޢާރުތައް ފާޅުކުރުން" މި މައުޟޫއުގެ މައްޗަށެވެ.

ޝަޢީރާއަކީ ދީނުގެ ކަންތައްތަކުގެ ތެރެއިން އެ ކަންތަކުގައި ހިފަހައްޓާން މާތްﷲ އަމުރުކުރައްވައިފައިވާ އެންމެހައި ކަންތައްތަކެވެ. މާތްﷲ ގެ ޝަޢީރާތަކަށް މާތްކޮށް ހިތުމަކީ އެ ޝަޢީރާތަކަށް އަހުރެމެންގެ ހިތްތަކުގައި މަތިވެރި މަގާމު ދިނުމާއި، އެ ކަންތައްތައް ޝައުގުވެރިކަމާއި ލޯތްބާއެކު ކުރުމެވެ.

ޚުތުބާގައި ބުނީ އަހުރެމެންގެ އިސްލާމްވަންތަކަމާއި ދީނީ ޝަޚްސިއްޔަތު ދެމެހެއްޓުމަކީ، އިސްލާމީ ޝަޢީރާގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އަދި ހުރިހާ ދަންނަބޭކަލުން އެއްބަސްވެވަޑައިގަންނަވާ ގޮތުގައި މުސްލިމުން އެއްވެސް ކަމެއްގައި ޣައިރު ދީންތަކުގެ މީހުންނާ އެއްގޮތަށް އުޅެގެންނެއް ނުވާނެ ކަމަށާއި އެއީ އަގީދާގެ ކަމެއްކަމުގައި ވިޔަސް، އަޅުކަމުގެ ކަމެއް ކަމުގައި ވިޔަސް، އަހުލާގުގެ ކަމެއް ކަމުގައި ވިޔަސްމެއެވެ.

ރަސޫލާ ޙަދީޘެއްގައި ވަނީ ބަޔަކާ އެއް ގޮތަށް އުޅޭ މީހަކީ އެބަޔެއްގެ ތެރެއިން ވާ މީހެއް ކަމަށެވެ. އެފަދަ ހުރިހާ ބަސްފުޅުތަކަކުން ވެސް އެނގެނީ ޣައިރު ދީނުގެ އީދުތައް ފާހަގަކުރުމުގައި އަހުރެމެން މުސްލިމުން ބައިވެރިވުމަކީ ހަރާމްކަމެއްކަން ކަމަށް ބުނެ ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. ޚާއްސަކޮށް މިފަދަ އަމަލުތަކުން އަހުރެމެން ރާއްޖޭގެ މުޖުތަމައުތައް ސަލާމަތްވާންޖެހޭނެ ކަމަށް ހުތުބާގައި ބުންޏެވެ.

"އަޅުކަމުގެ ގޮތުން ކުރެވޭ ކަންކަމުގައި އެހެން ބަޔަކު ކޮޕީކުރުމަކީ ނުވަތަ އެހެން ބަޔަކާ އެއް ގޮތަށް އަމަލުކުރުމަކީ އިސްލާމީ އުންމަތުގެ ޝަހްސިއްޔަތު ފުނޑުފުނޑުވެ މި ދީނުގެ އަމިއްލަވަންތަކަން ގެއްލޭނެ ކަމެކެވެ. މުސްލިމުން ކްރިސްމަސް ފާހަގަކުރުމާއި މި އިހްތިފާލުތަކުގައި ބައިވެރިވުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫނެވެ. ކްރިސްމަސްގަހާއި ސެންޓަ ކްލޯސް ފަދަ ނަޞާރާއިން އެ މީހުންގެ ދީނަށް ނިސްބަތްކޮށް ކުރާ ކަންތައްތައް މި އީދުގެ ތެރޭގައި ހިމެނެއެވެ." ހުތުބާގައި ބުނެފައިވެ އެވެ.

ދީނާ ހިލާފު ފިކުރުތަކުގެ އަހުލުވެރިން މުސްލިމުންގެ ހިތްތަކަށް ވެރިވެގަތުމަށްޓަކައި ތަފާތު ދަޅަތަކާއި މަޅިތައް ޖަހައިގެން މުސްލިމުން އެ މީހުންގެ އަގީދާއާއި ދީން މަނާކުރާ ކަންތައްތަކުގެ ތެރެއަށް ވައްޓައިލުމަށް މަސައްކަތް ކުރާނެ ކަމަށް ހުތުބާގައި ވަނީ ހަނދާންކޮށްދީފަ އެވެ. އަދި އެ މީހުންނަށް ތަބާވެއްޖައުމަށް ދާންދެން އެ މީހުން އެ މަސައްކަތް ހުއްޓައިނުލާނެކަން މާތްﷲ ވަނީ އަންގަވައިފަ އެވެ.

ޚުތުބާގައި ބުނީ ހެޔޮ ލަފާ އިސްލާމީ މުޖުތަމައެއް ބިނާކުރެވޭނީ އިސްލާމީ ސަގާފަތް ފަތުރައިގެން ކަމަށާއި އިސްލާމީ އަގީދާއާއި އަޚުލާގުގެ މަތީގައި އާއިލާ ބިނާކުރެވިގެން ކަމަށެވެ. އިސްލާމީ މުޖުތަމައުގެ ބިންގަލަކީ އަގީދާ ކަމަށް ވާއިރު، ޣައިރު މުސްލިމުންގެ އީދުތަކާއި އެމީހުންގެ އަގީދާއާ ގުޅިފައިވާ ކަންކަމުގައި ބައިވެރިވުން ހަރާމްވުމަކީ، އެމީހުންނާ މެދު އިހުސާންތެރިވެ އަދުލުވެރި ނުވާންވީ ސަބަބެއް ނޫން ކަމަށް ވެސް ޚުތުބާގައި ވަނީ ބުނެފައެވެ. އަދި ދިނާއި އަގީދާއާ ގުޅުން ހުރި ކަންކަމަކީ ވަކި މައްސަލައެއް ކަމަށް ބުންޏެވެ.

ކީރިތި ގުރުއާނުން ދަލީލު ދައްކަމުން ހުތުބާގައި ފާހަގަކުރީ ސުލްހަވެރިކަމާއެކު އުޅޭ ޣަައިރު މުސްލިމުންނަށް އިހުސާންތެރިކޮށް އަދަލުވެރިވުމަކީ އިސްލާމްދީނުގެ ތެރެއިންވާ ކަމެއް ކަމަށެވެ. އިސްލާމީ ހަޟާރަތުގައި ޣައިރު މުސްލިމުން އުޅެމުންދިޔައީ ރައްކާތެރިކަމާއެކު އަމާންކަމުގައި ކަމަށް ހުތުބާގައި ފާހަގަކުރި އެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު