ޚަބަރު
ކުރިއަށް އޮތީ ނާމާން ދުވަސްތަކެއް: ސޯލިހު
މި ވެެރިކަމުގެ ދަށުގައި ކުރިއަށް އޮތީ ނާމާން ދުވަސްތަކެއް ކަމަށާއި އަނިޔާވެރިކަމާ ދެކޮޅަށް މިއަދުން މިއަދަށް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

އިދިކޮޅު އެމްޑީޕީން ކާނިވާ ސަރަހައްދުގައި ބޭއްވި ބޮޑު ޖަލްސާގައި އިބޫ ވާހަކަ ފެއްޓެވީ، އެ ޖަލްސާ ބޭއްވުމުގެ ކުރިން މާލެތެރެއިން ފެނިވަޑައިގެން ބައެއް ކަންކަން ހިއްސާ ކުރައްވަމުންނެވެ.

މާލެ އާއި ހުޅުމާލޭގައި ކުއްލިއަކަށް ސްޓޭޖުތައް ބަހައްޓައި، މިޔުޒިކް ޝޯތައް ބާއްވަމުންދާ ކަމަށާއި ސަރުކާރުގެ ބައެއް ކުންފުނިތަކުން ހުރިހާ މުވައްޒަފުން ގޮވައިގެން މަސް ބާނަން ފުރާފައިވާއިރު، ފާއިތުވި ދެ ތިން ދުވަހުގެ ތެރޭގައި މި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދާނެކަމުގެ ވައުދު އަލުން ވާން ފަށާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"މި ޖަލްސާގެ މަގުސަދު ޖަލްސާ ފެށުނުއިރު މި އޮތީ ހާސިލުވާން ފަށާފައި،" އިބޫ ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ސޯލިހު ވަނީ ފެހި ގާނޫނުއަސާސީ އެކުލަވައިލި އިރު ކުރިމަތިވި ގޮންޖެހުންތަކުގެ ވާހަކަ ދައްކަވައިފަ އެވެ. އެމަނިކުފާނު ވިދާޅުވީ، އެއިރުގެ ވިސްނުމަކީ ހުރިހާ ބާރެއް ރައްޔިތުންގެ އަތުގައި ބޭއްވުން ކަމަށެވެ.

"ގާނޫނުއަސާސީގައި އަޅުގަނޑުމެން ހައްގުތަކެއް ލިޔުނިން. މިއަދު އަޅުގަނޑުމެން އެއްވެ މި ތިބީ އެކަންތައްތައް ދިފާއު ކުރަން. ބަސް ބުނުމުގެ މިނިވަންކަން އަޅުގަނޑުމެން ހޯދިން. މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ މިނިވަންކަން އަޅުގަނޑުމެން ކަށަވަރު ކުރިން. ޕެންޝަން ލިބުމުގެ ހައްގު އޭގައި އަޅުގަނޑުމެން ލިޔުނިން. ހިލޭ ބޭސް ފަރުވާ ސަރުކާރުން ދޭންޖެހޭނެކަން ކަށަވަރު ކުރިން. އެހެން ނަމަވެސް އަޅުގަނޑުމެންނަށް މިިދިޔަ ދުވަސްތަކުގެ ތެރޭގައި މި ފެނިގެންދަނީ މި ހުރިހާ ހައްގުތަކެއް އަޅުގަނޑުމެންގެ ކިބައިން މި ސަރުކާރުން ނިގުޅައިގަންނަން މަސައްކަތް ކުރަމުންދާ ތަން،" އެމަނިކުފާނު ވިދާޅުވި އެވެ.

އެމްޑީޕީގެ މިރޭގެ ޖަލްސާ ފެށުމުގެ ކުރިން ވަނީ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފަ އެވެ. އެމްޑީޕީއަށް ސޮއިކޮށްގެން ނުވަތަ ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށްގެން މަޖިލިސް މެންބަރެއްގެ ގޮނޑި ގެއްލިއްޖެ ނަމަ އެ މެންބަރަކު އަލުން އިންތިހާބު ކުރަން އެހީތެރިވެދިނުމަށް އެ ބައްދަލުވުމުގައި ވަނީ ފާސްކޮށްފަ އެވެ.

މި ޖަލްސާގެ ކުރިން ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވަނީ މުޅި ރާއްޖޭގައި އިހުތިޖާޖު ކުރަން ފާސްކޮށްފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން ވެސް މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު އިސްލާހު ބާތިލުކުރުމަށް މަޖިލީހަށާއި ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ވަނީ ގޮވާލާފަ އެވެ.

މީގެއިތުރުން އެ އިސްލާހާ ދެކޮޅުވުމުން ގޮނޑި ގެއްލިއްޖެ ނަމަ އެ މެންބަރަކު އަލުން ހޮވަން އެމްޑީޕީން އެހީވާނެ ކަމަށްވެސް ބުނެފައިވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު