ޚަބަރު
މިރޭ 12:00 ގެ ފަހުން ވޭޕްކުރުން މަނާ ވާނެ
ވޭޕާއި ވޭޕު ކުރުމަށް ބޭނުން ކުރާ ތަކެއްޗާއި އޭގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރެ ކުރުމާއި ބޭނުން ކުރުމާއި ވިޔަފާރި ކުރުން މަނާކުރުމަށްޓަކައި ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި ބަދަލާ އެކު މިރޭ 12:00 ގެ ފަހުން ވޭޕްކުރުން މަނާ ވާނެ އެވެ.

މީގެ 14 އަހަރު ކުރިން 2010 ވަނަ އަހަރު އެކުލަވާލައި ތަންފީޒުކުރަން ފެށި ދުންފަތް ކޮންޓްރޯލްކުރުމުގެ ގާނޫނަށް ގެނައި ފުރަތަމަ އިސްލާހާއެކު އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އެފަދަ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި، ވިއްކުމާއި، ހިލޭ ބެހުމާއި، އެ ތަކެތި ބޭނުންކުރުން މަނާކޮށްފައިވެ އެވެ. ގާނޫނަށް އޮކްޓޯބަރު މަހުގެ ތެރޭގައި ގެނައި އިސްލާހުތަކާ އެކީ ފާސްކުރި ބިލް ރައީސް ތަސްދީގު ކުރެއްވީ މިދިޔަ މަހުގެ 13 ގަ އެވެ.

އެ ގާނޫނުގައި ވަނީ ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތްތަކާއި އެ އެއްޗެއްސަށް ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް އެތެރެކޮށްފި ނަމަ، 50،000ރ. އިން ޖޫރިމަނާ ކުރަން ކަނޑަައަޅައިފަ އެވެ. އަދި އެތެރެކުރި ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓެއް ނުވަތަ ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތަކަށް 10،000ރ.ގެ މަގުން ޖޫރިމަނާ ކުރެވޭނެ އެވެެ.

މީގެ އިތުރުން އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ވިއްކައިފި ނަމަ، 20،000ރ. އިން ޖޫރިމަނާކޮށް ވިއްކި ކޮންމެ އެއްޗަކަށް 10،000ރ.ގެ މަގުން ޖޫރިމަނާ ކުރެވޭނެ އެވެ.

ހަމައެހެންމެ އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ހިލޭ ބަހައިފި ނަމަ، 10،000ރ. އިން ޖޫރިމަނާކޮށް، އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ވިއްކީ ނުވަތަ ހިލޭ ބެހީ ކުޑަކުއްޖަކަށް ކަމަށްވާ ނަމަ، އިތުރު 50،000ރ. އިން ޖޫރިމަނާ ކުރެވޭނެ އެވެ.

މީގެ އިތުރުން އެފަދަ އުފެއްދުމެއް ބޭނުންކޮށްފި ނަމަ، 5،000ރ. އިން ޖޫރިމަނާ ކުރެވޭނެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު