ޚަބަރު
ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި ޒަކިއްޔާގެ ދަރިފުޅު ދޫކޮށްލައިފި
ނ. ހޮޅުދޫގައި ޒަހަމްތަކާއެކު މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގައި އެ ރަށުގައި ހިންގި މާރަމާރީއަކާ ގުޅިގެން ހައްޔަރުކުރި އޭނާގެ ދަރިފުޅު ދޫކޮށްލައިފި އެވެ.

ފުލުހުން ބުނީ ޒަކިއްޔާގެ ދަރިފުޅު މޫސާ ރިމްޒީގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ޝަރުތު ކުރުމަށް ފަހު ދޫކޮށްލާފައިވާ ކަމަށެވެ. އޭނާ ހައްޔަރުކުރީ މިދިޔަ ބުރާސްފަތި ދުވަހު ހިންގި ހަމަނުޖެހުމެއްގެ ތެރެއިން މާރާމާރީއެއް ހިންގާފައިވާތީ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އޭނާ ހައްޔަރު ކުރަން ނެރެފައިވާ ކޯޓު އަމުރުގައި ބުނެފައިވާ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރިމްޒީ ވަނީ އަހުމަދު ޝުޖާއު ނަމަކަށް ކިޔާ މީހެއް ގައިގައި ޖަހައި މާރާމާރި ހިންގައިފަ އެވެ. އެހެންވެ، ރިމްޒީގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށާއި އަދި އެ މައްސަލައާ ގުޅިގެން ހެކި ފޮރުވުމަށް މަސައްކަތް ކޮށްފާނެ ކަމަށް އެ އަމުރުގައިވެ އެވެ.

އެ މާރާމާރީ ހިންގާފައިވަނީ ޒަކިއްޔާގެ މަރާ ގުޅޭގޮތުން ކެފޭއެއް ތެރޭ އިނދެ ޝުޖާއު ވާހަކަތަކެއް ދައްކަން ފެށުމުން އެކަމާ ރިމްޒީ ހިތްހަމަނުޖެހިގެން ކަމަށް މައުލޫމާތު ލިބެ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ހުރި ގުދަނުގެ ދޮރު ކައިރިންނެވެ. އަދި އޭނާގެ ކަރަށް ފުން ޒަހަމްތަކެއް ލިބިފައިވާއިރު ހަށިގަނޑު ކައިރީގައި ވަޅިއެއް އޮތެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު