ޚަބަރު
އާ އަހަރު ފާހަގަކުރަން ފުޑް ފެސްޓިވަލަކާ އެކު، ކުލަގަދަ ހަރަކާތްތަކެއް
އާ އަހަރު ފެށުން ފާހަގަކުރުމަށް ފުޑް ފެސްޓިވަލަކާ އެކު، ހުޅުމާލޭގައި މިރޭ ހާއްސަ ހަރަކާތްތަކެއް އޮންނާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެފި އެވެ.

އެމްއެމްޕީއާރްސީ އިން ބުނީ މީލާދީ އާ އަހަރުގެ ފެށުމާ ދިމާކޮށް "މޯލްޑިވްސް ކަލްޗާ އެންޑް ފުޑް ފެސްޓިވަލް" ގެ ނަމުގައި ދެ ދުވަހުގެ މުއްދަތަށް ހާއްސަ ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ހަރަކާތްތައް ކުރިއަށްދާނީ މިއަދާއި މާދަމާ ހުޅުމާލޭ ސެންޓްރަލް ޕާކްގަ އެވެ. މިއީ ދިވެހިންނާއި ފަތުރުވެރިންނަށްވެސް ތަފާތު ތަޖުރިބާއެއް ލިބިގެންދާނެ ފެސްޓިވަލްއަކަށް ވާނެ ކަމަށް އެމްއެމްޕީއާރްސީ އިން ބުނެފައިވެ އެވެ.

ފުޑް ފެސްޓިވަލް އޮންނާނީ މިރޭގެ އިތުރުން މާދަމާގެ ހަވީރު 4 އިން ރޭގަނޑު 10 އަށެވެ. އާއިލާތަކަށް ހާއްސަ ކޮށްގެން ފެސްޓިވަލް ކުރިއަށް ގެންދާއިރު، ކާބޯތަކެއްޗާއި ސަގާފީ ސްޓޯލްތައް ހުންނާނެ އެވެ. އަދި ފުލުހުންނާއި ފަޔާ ޓްރަކްގެ ހުށަހެޅުމަކާއި ކްލައިމްބިން ވޯލް އާއި ބައުންސް ހައުސް އަދި ޓްރާންސްފޯމާސް ޑިސްޕްލޭއެއް ވެސް ހުންނާނެ ކަމަށް އެމްއެމްޕއާރުސީން ބުންޏެވެ.

"މީގެ އިތުރުން ބޮޑުބެރު ހުށަހެޅުންތަކާއި ފޯރިގަދަ ރޮބޯމޭން ޝޯކޭސް އެއް ވެސް ކުރިއަށް ދާނެ އެވެ،" އެމްއެމްޕީއާރުސީގެ ބަޔާނުގައި ވެ އެވެ.

އެމްއެމްޕީއާރުސީގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީ ވިދާޅުވީ އެ ފެސްޓިވަލަކީ ޓޫރިސްޓުންނާއި އާއްމުންނަށް ތަފާތު ތަޖުރިބާތަކެއް ހޯދައިދިނުމުގެ ގޮތުން އެ ކޯޕަރޭޝަނުން ރާވާ ހަރަކާތެއް ކަމަށެވެ.

"މި ހަރަކާތުގައި މި އަހަރު ރާއްޖޭގެ ކާމިޔާބީތައް ފާހަގަކުރުމާއި ރާއްޖޭގެ ތަފާތު ސަގާފީ ތަރިކަ ޕްރޮމޯޓް ކުރާނެ. މިއީ ދިވެހިންނާއި ފަތުރުވެރިންނަށް އާ ތަޖުރިބާއެއް ހޯދައިދިނުމަށް ކުރިއަށް ގެންދާ މުހިންމު ހަރަކާތެއް. މިކަމުގައި ބައިވެރިވުމަށް އަޅުގަނޑުމެން އެންމެންނަށް ދައުވަތު އަރުވަން،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން މާދަމާ ހަވީރު 4:00 އިން ރޭގަނޑު 8:00 އަށް މި ފެސްޓިވަލްގައި އާއިލާތަކަށް ހާއްސަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. 

ހަވާއެރުވުން އޮންނާނީ މިރޭ 23:59 ކުން ފެށިގެން ފަސްވަރަކަށް މިނެޓަށް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު