ދުންފަތް އޮޅާ ސާމާނު ވެސް ހެލްތު މިނިސްޓްރީން މަނާކޮށްފި
މަރިޔަމް އަނާ
02 ޖެނުއަރީ 2025 - 20:07
0 comments
ހެލްތު މިނިސްޓްރީ ހިންގާ ރޯޝަނީ ބިލްޑިން.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގެ ދަށުން ރާއްޖޭގައި ދުންފަތް އުފެއްދުމަކީ މަނާކަމަކަށް ވާތީ، ދުންފަތުގެ އެއްވެސް ބާވަތެއް އުފެއްދުމަށް ބޭނުންކުރާ ތަކެތި އެތެރެކުރާ ނަމަ ހިފަހައްޓަން ހެލްތު މިނިސްޓްރީން ކަސްޓަމްސް އަށް އަންގައިފި އެވެ.ރާއްޖޭގައި ވޭޕް އެތެރެކުރުމާއި ބޭނުން ކުރުން މަނާކޮށް، ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް މިދިޔަ ނޮވެމްބަރު މަހު ވަނީ އިސްލާހު ގެނެސްފަ އެވެ.ލަފާއެއްގެ ގޮތުން މިނިސްޓްރީއިން ކަސްޓަމްސްއަށް ފޮނުވާފައިވާ ސިޓީގައި ވަނީ ރާއްޖޭގައި އެއްވެސް މިންވަރަކަށް ދުންފަތާއި ދުންފަތުގެ ބާވަތްތައް އުފެއްދުމަކީ މަނާކަމެއް ކަމަށް ގާނޫނުގައި ބުނާއިރު، ދުންފަތާއި ދުންފަތުގެ ތަނޑިއާއި ނިކޮޓިން ހިމަނައިގެން، އޭގެ މާއްދާއެއް ހަށިގަނޑަށް ވާސިލުވާ ގޮތަށް ތައްޔާރުކޮށްފައިވާ ކޮންމެ އެއްޗަކީ ދުންފަތުގެ ބާވަތެއް ކަމަށެވެ.އެހެންވެ، ދުންފަތުގެ ބާވަތެއް އުފެއްދުމަކީ މަނާކަމެއް ކަމުގައިވާތީ، ދުންފަތުގެ އެއްވެސް ބާވަތެއް އުފެއްދުމަށް ބޭނުންކުރާ އެއްޗެއް ނުވަތަ އާލާތެއް އެއްވެސް ފަރާތަކުން އެތެރެކޮށްފި ނަމަ އެތަކެތި ހިފަހައްޓައި ނައްތާލުމަށް ހެލްތު މިނިސްޓްރީން ވަނީ އަންގައިފަ އެވެ.އަމިއްލައަށް ހަދާ ސިނގިރޭޓުގައި ބޭނުންކުރާ ތަކެތީގެ ތެރޭގައި ސިނގިރޭޓަށް ހާއްސަ ދުންފަތާއި އޮޅާ ކަރުދާހާއި ފިލްޓަރު ހިމެނެ އެވެ."ވީމާ، ދުންފަތުގެ ބާވަތެއް އުފެއްދުމަކީ މަނާކަމެއް ކަމުގައި ވާތީ، ދުންފަތުގެ އެއްވެސް ބާވަތެއް އުފެއްދުމަށް ބޭނުންކުރާ އެއްޗެއް ނުވަތަ އާލާތެއް އެއްވެސް ފަރާތަކުން އެތެރެކޮށްފި ނަމަ، އެ ތަކެތި ހިފަހައްޓައި ނައްތާލުމަށް ދަންނަވަމެވެ،" ހެލްތުން ކަސްޓަމްސް އަށް ފޮނުވި ސިޓީގައި ބުންޏެވެ.ގާނޫނުގެ 10ވަނަ މާއްދާއަށް ގެނައި ބަދަލުގައި ބުނަނީ ދުންފަތުގެ އެއްވެސް ބާވަތެއް އުފެއްދުމަކީ ރާއްޖޭގައި މަނާ ކަމެއް ކަމަށެވެ. އެގޮތުން:- ދުންފަތުގެ އެއްވެސް ބާވަތެއްގެ ގަހެއް އެއްވެސް މިންވަރަށް ހެއްދުމަކީ ނުވަތަ ދުންފަތުގެ އެއްވެސް ބާވަތެއް އުފެއްދުމަކީ މަނާ ކަމެއް
- ދުންފަތް ގަހާއި ދުންފަތް ގަހުގެ އޮށް ހިމެނޭހެން ދުންފަތް ގަސް ހެއްދުމަށް ބޭނުންކުރެވިދާނެ އެ ގަހުގެ އެ ނޫން ވެސް ބައެއް ރާއްޖެއަށް އެތެރެކުރުން ވެސް މަނާ
ސަރުކާރުން ވަނީ ދުންފަތް ކޮންޓްރޯލް ކުރުމުގެ ގޮތުން ގާނޫނަށް އިސްލާހު ގެނެސް ދުންފަތުން ނަގަމުން ދިޔަ ޓެކްސް ވެސް ބޮޑުކޮށްފަ އެވެ. މިއާ އެކީ ސިނގިރެޓް ފޮއްޓެއްގެ އަގު ވެސް ވަނީ 100ރ. އިން އަށް 240ރ. އަށް ބޮޑުވެފަ އެވެ.ދިވެހި ދުންފަތާ ދުރުކޮށް ދުޅަހެޔޮ ސިއްހަޔަށް މަގުފަހި ކުރުމުގެ ގޮތުން މިދިޔަ މަހުގެ 15 އިން ފެށިގެން ވޭޕް ކުރުން ވެސް ވަނީ މުޅިން މަނާކޮށްފަ އެވެ. އެހެންވެ އެކަމާ ހިލާފުވާ ފަރާތްތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ވެސް ކުރެވޭނެ އެވެ.
ކިޔުންތެރިންގެ ޝުއޫރު