ޚަބަރު
ވިއްސާރައިގައި ލިބުނު ގެއްލުންތައް ވަޒަންކުރުމަށް އެންޑީއެމްއޭގެ ޓީމުތައް ގޭބިސީތަކަށް ޒިޔާރަތްކުރަނީ
އިއްޔެ މާލެ އަށް ކުރި ގަދަ ވިއްްސާރާގައި ގެތަކަށް ލިބުނު ގެއްލުންތައް ވަޒަންކުރުމުގެ މަސައްކަތް މާދަމާ ފަށާނެ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު މުޅި ރާއްޖެއަށް ކުރި ވިއްސާރައިގައި އެންމެ ބޯކޮށް ވާރޭވެހުނުކަމަށް ރިކޯޑުކުރެވިފައިވަނީ މާލެއަށެވެ. ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގައި ފެންބޮޑުވެ އާއްމުންގެ ގޭބިސީތަކަށާއި ފިހާރަތަކަށްވެސްވަނީ ބޮޑެތި ގެއްލުންތަކެއްވެފަ އެވެ.

އެ އިދާރާ އިން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އިއްޔެ މާލެއަށް ކުރި ވިއްސާރާގައި ފެންބޮޑުވުމުގެ ސަބަބުން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިން މީހުން، އެމީހުން ދިރިއުޅެމުން އައި ތަން އާންމު ހާލަތަށް ގެނައުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

އެންޑީއެމްއޭ އިން އެ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނީ ދެ ދުވަހަށް ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ. އެންޑީއެމްއޭ އިން ބުނީ ގެއްލުންތައް ރިޕޯޓް ކުރި މީހުން ދިރިއުޅޭ ގެތަކުގެ ގެއްލުންތައް ދެނެގަތުމުގެ އެސެސްމަންޓް މާދަމާ ހަދާނެ ކަމަށެވެ.

އެއޮތޯރިޓީން ބުނީ، ވިއްސާރައިގައި އަތޮޅުތަކުގެ ރަށްތަކުން ގެއްލުންވެގެން ރިޕޯޓުކޮށްފައިވާ ރަށްރަށުގެ ކައުންސިލްތަކުން ގޭބިސީތަކަށް ލިބުނު ގެއްލުން ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. މޫސުމީ ވިއްސާރައިގައި ޢާއްމު ރައްޔިތުންގެ ގޭބިސީތަކަށާއި މުދަލަށް ލިބެމުންދާ ގެއްލުން އަހަރުން އަހަރަށް އިތުރުވަމުންދާކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

ހަފްތާ ބަންދާއި ދިމާކޮށް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށްފައިވަނީ ރާއްޖެ ހިމެނޭ ސަރަޙައްދުގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުންކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެ އެވެ. އަދި މިވިއްސާރަ އަލިކުރާނެކަމަށް ބެލެވެނީ އަންނަ ހޯމަ ދުވަހުން ފެށިގެންކަމަށް މެޓު އޮފީހުން ލަފާކުރެ އެވެ.

މި ވިއްސާރައިގައި އެންމެ ބޮޑު ގެއްލުމެއް ލިބުނީ ފ. ނިލަންދޫ އަދި ކ. ހިންމަފުއްޓަށް އެންޑީއެމްއޭ އިން ބުނެ އެވެ. އެގޮތުން ނިލަންދޫގެ 80 ޕަސެންޓުގައި ފެން ބޮޑުވިއިރު ހިންމަފުށީގެ 60 ޕަސެންޓަށް ފެން ބޮޑުވި އެވެ. އަދި ކ. ގުރައިދޫގެ 60 ގެއަކަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.

މީގެއިތުރުން ވިއްސާރައިގައި ށ.ނަރުދޫ އާއި ރ. އިނގުރައިދޫ އަށް އުދަ އަރައި ގެއްލުންތަކެއް ލިބިފައިވެ އެވެ.

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު