ޚަބަރު
މާލޭ މަގުމަތިން 30،500 ޓަނުގެ ފެން ހިންދައިފި
މާލެ އިން ފެން ހިންދުމުގެ މަސައްކަތް ކުރަނީ.
ފާއިތުވި 24 ގަޑިއިރަށް ބަލާއިރު މުޅި ރާއްޖެއިން އެންމެ ގިނައިން ވާރޭވެހުނީ މާލެ އާއި ހުޅުލެ އާއި ހުޅުމާލެއަށެވެ.

އެ އޮފީހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެންމެ ބޯކޮށް ވެހުނު ހުޅުލެއަށް 144 މިލިލީޓަރުގެ ވާރޭވެހުނެވެ. އަދި މާލެއަށް 142.6 މިލިމީޓަރުގެ ވާރެވެހުނުއިރު ހުޅުމާލެއަށް ވެހުނީ 122 މިލިމީޓަރުގެ ވާރޭ އެވެ.

މެޓް އޮފީހުން ބުނެފައިވާ ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި މާލެއަށް 142.6 މިލިލީޓަރުގެ ވާރޭ ވަނީ ވެހިފަ އެވެ. މި ވިއްސާރައިގެ ސަބަބުން ގޭގެއަށާއި ވިޔަފާރިތަކަށް ފެންވަދެ، ބޮޑެތި ގެއްލުން ވަނީ ލިބިފަ އެވެ. މަގުތަކުގައި ކަކުލާ ހިސާބަށް ފެން ހެދިފައި ހުއްޓެވެ.

މިއަދު ހެނދުނު އެމްއެންޑީއެފް އިން ވަނީ މާލޭގެ ވެސްޓްޕާކް ސަރަހައްދުގައި ފެން ހިންދުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފަ އެވެ. މި އޮޕަރޭޝަން ފަށާފައި ވަނީ އިއްޔެ 11:37 ހާއިރު އެވެ. މިއަދު ހެނދުނު 8:30 ގައި މި އޮޕަރޭޝަން ނިންމާލާފައިވާއިރު، 30،569 ޓަނުގެ ފެން މާލޭން ހިންދާފައިވާ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ.

ރޭގައި އެ އިދާރާއިން ބުނެފައި ވަނީ ފެން ހިންދުމަށް ޖުމްލަ 17 ޕަމްޕް ބޭނުންކޮށްފައިވާ ކަމަށެވެ.  

ބޯވާރޭގައި އިއްޔެ ލިބުނު ގެއްލުން:

- ހާލުގައި ޖެހުނު 36 ގެއެއްގެ 226 މީހަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއުންބުއިމުގެ އެހީތެރިކަން ފޯރުކޮށްދޭން ޖެހުނު.

- މާލޭގައި ފެންބޮޑުވެގެން އެހީތެރިކަމަށް 774 ތަނަކުން ރިޕޯޓްކުރި.

- 554 ތަނަކުން ރިޕޯޓުކުރީ ވެލި ބަސްތާ ޖަހައިދޭން.

- ފިހާރަތަކާއި ގެތަކަށް ފެން ވަދެ، އެކި ސާމާނަށް ގެއްލުންވި.

- ގިނަ އަދަދެއްގެ ވެހިކަލްތަކަށް ގެއްލުންވި.

- ބޯކޮށް ވާރޭވެހި ފ. ނިލަންދޫ އާއި ކ. ހިންމަފުށި، ކ. ގުރައިދޫގެ ގެތަކަށް ވެސް ފެންވަދެ ގެއްލުންވި.

- ށ. ނަރުދޫ އާއި ރ. އިނގުރައިދޫއަށް އުދަ އަރައި ގެއްލުންވި.

ރާއްޖެއަށް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މޫސުން ގޯސްވިޔަސް ކުރިއަށް އޮތް 48 ގަޑިއިރު ތެރޭ މޫސުން މަޑުމަޑުން ރަނގަޅުވާނެ ކަމަށް މެޓު އޮފީހުން މިއަދު ވަނީ ބުނެފަ އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނީ މޫސުން ރަނގަޅުވަމުން އަޔަސް އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ގުގުރުމާ އެކު ބޯކޮށްވާރޭވެހޭނެ ކަމަށެވެ.

އެ ހިސާބުތަކަށް ވިލާގަނޑުގައި 35 މޭލަށް ވައި ބާރުވުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު