ވިޔަފާރި
ސަރުކާރަށް ބަރޯސާ ނުވެ ފެނަކަ ހިންގޭނެ: އެމްޑީ
ސަރުކާރަށް ބަރޯސާވެގެން ފެނަކަ ހިންގުން ރަނގަޅު ނޫން ކަމަށާއި ކުންފުންޏަށް ލިބޭ އާމްދަނީން އެ ކުންފުނި ފައިދާވާ ގޮތަށް ހިންގޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ނަޖާހު ވިދާޅުވީ ފެނަކަ ކުންފުންޏަކީ ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ދަރަންޏެއް ދައްކަން ޖެހިފައިވާ އެއްކުންފުންޏެވެ. އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނަޖާހު ވިދާޅުވީ މިދަރަނި ދެއްކުމުގައި ސަރުކާރުގެ އެއްބާރުލުން ލިބެމުންދާކަމަށެވެ. އެހެންނަމަވެސް ދާއިމަށް ސަރުކާރުން ފައިސާ ދީގެން ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނި ނުހިންގޭނެ ކަމަށް ޤަބޫލްކުރައްވާކަމަށް ނަޖާހް ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ މިވަގުތު ކުންފުނީގެ ދަރަނިތައް ދެއްކުމަށް ސަރުކާރުގެ އެހީތެރިކަން ބޭނުންވި ނަމަވެސް، ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނި ހިންގަން އަމިއްލައަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

"މިހާރުވެސް ޚާއްސަ ޕްރޮޖެކްޓެއްގެ ތެރެއިން އަޅުގަނޑުމެންގެ ޕްރޮކިއުމެންޓް ނިޒާމު ހަރުދަނާ ކުރުމުގެ މަސައްކަތް ފަށައިފިން. އަޅުގަނޑުމެން މިބަލަނީ ޕްރޮކިއުމެންޓް ނިޒާމުގެ ތެރެއިން އެކަނިވެސް ކުންފުނީގެ ހަރަދު %40 ކުޑަކުރެވޭނެ ކަމަށް. އަޅުގަނޑުމެން އަންދާޒާ ކުރާނީ." ނަޖާހު ވިދާޅުވި އެވެ.

މީގެ އިތުރުން ފެނަކަ ކުންފުނީގެ މުވައްޒަފުންނަށާއި ސްޓްރަކްޗަރ ހަރުދަނާ ކުރެވޭ ގޮތްތައް ބަލަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މިމަސައްކަތަކީ މުސާރައަށް ބަދަލު ގެނައުމަށް ނުވަތަ މުވައްޒަފުން މަދުކުރުމަށް ކުރެވޭ މަސައްކަތެއް ނޫންކަމަށާއި، އޭގެ ބަދަލުގައި ހިންގުން ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށް ވިދާޅުވި އެވެ. އަދި މިކަމުގައި ލަފާ ހޯދަން ޖެހޭ ފަރާތްތަކުގެ ލަފާވެސް ހޯއްދަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ ފެނަކައިގެ އަމާޒަކީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް ދަރަނިތައް ދައްކައި، ޚިދުމަތްތައް ފުޅާކޮށް، ފެނަކަ އަކީ ފައިދާވާ ކުންފުންޏަކަށް ހެދޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ފެނަކައިގެ އެމްޑީގެ މަގާމަށް ނަޖާހު އައްޔަންކުރީ މިދިޔަ މަހުގެ 23 ގަ އެވެ. އެއީ ކުރިން އެ މަގާމުގައި ހުންނެވި މުއާޒު މުހައްމަދު ރަޝީދު ހަމަ އެ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު