ޚަބަރު
އަނގޮޅިތީމުގެ ފެނާ ނަރުދަމާގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި
އަނގޮޅިތީމުގެ ފެނާ ނަރުދަމާގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުހައްމަދު މުއިއްޒު ދެއްވައިފި އެވެ. އެ މަނިކުފާނު މި ޔަޤީންކަން ދެއްވީ، މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ޒިޔާރަތުގެ ތެރެއިން، އަނގޮޅިތީމު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ. އެ މަނިކުފާނުގެ ވާހަކަފުޅުގައި، އަނގޮޅިތީމުގެ ފެނާ ނަރުދަމާގެ މަސައްކަތް ހައްލުކުރައްވާއިރު، އެ މަސައްކަތް ހަވާލުކުރި ކުންފުނިން ހަމަ އެ އަތޮޅުގެ އެހެން ރަށްރަށުގައިވެސް ނަރުދަމާގެ މަސައްކަތާއި ހަވާލުވެ އެ މަސައްކަތް ނުނިމި ހުއްޓިފައި ހުރިކަން ފާހަގަކުރައްވައި ރައީސް ވަނީ އެ ރަށްރަށުގައިވެސް ފެނާ ނަރުދަމާގެ މައްސަލަ ހައްލުކޮށްދެއްވުމަށް ވައުދުވެވަޑައިގެންފަ އެވެ.

ރައީސް ގެ ވާހަކަފުޅުގައި، އެ މަނިކުފާނުގެ ދަތުރުފުޅުތަކުގައި ރަށްރަށުގެ މަޝްރޫޢުތަކާއި އެންމެ ގުޅުންހުރި ދާއިރާތަކުގެ ވަޒީރުން ބައިވެރިކުރައްވަނީ ރަށްރަށުގައި ވަރަށް އަވަހަށް މަސައްކަތްތައް ހިނގައިގަންނަން ބޭނުންފުޅުވާތީ ކަމަށާއި އެ ގޮތުން ރަށްރަށުގެ ކައުންސިލާއި އެހެނިހެން މުއައްސަސާތަކާއި ވަޒީރުންނާއި ބައްދަލުވެ، ވާހަކަ ދެކެވިގެން، މައްސަލަތައް ހައްލުކުރެވި، އަވަހަށް ކުރިއަށް ދެވޭނެގޮތާއި ނަތީޖާއާ ހަމައަށް ދެވޭނެގޮތް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވުމަކީ އެ މަނިކުފާނު އެދިވަޑައިގަންނަވާގޮތްކަން ހާމަކުރެއްވި އެވެ. 

އަދި ސަރުކާރުގެ ނިޒާމުގެ ތެރޭގައި ވަރަށް ގިނަ ފަހަރަށް، ސިޓީބިޓީ ބަދަލުކުރުމާއި ބިއުރޯކްރަސީގެ ތެރެއިން ކަންކަން ތާށިވާކަމަށާއި، މިއީ ސަރުކާރުތަކުގައި ދިވެހިރާއްޖެ ނޫނަސް އެކަން ހިނގާ އާންމު އުސޫލުކަން އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. އެހެން ނަމަވެސް އެ މަނިކުފާނު ބޭނުންފުޅުވަނީ ރަށްރަށަށް ވަޒީރުންނާއެކު ވަޑައިގެން، މަސައްކަތްތައް ހަލުވިކުރުވަން ކަމުގައި ވިދާޅުވި އެވެ.

އަނގޮޅިތީމުގެ ބަނދަރުގެ މަސައްކަތް ނުނިމި ދިގުލައިގެންގޮސްފައިވާ ކަމަށާއި އެ މަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް އެރަށުގެ ބަނދަރުގެ މަސައްކަތްވެސް، ޖެޓީގެ މަސައްކަތްވެސް ނިމޭއިރު މޫދަށް އެރޭނެ ސަރަޙައްދަކާއެކު ތަރައްޤީ ކުރެވިގެންދާނެ ކަމުގައި ވިދާޅުވި އެވެ. އަދި ސިއްހީ އަދި ތައުލީމީ ދާއިރާއަކީ ކޮންމެ ރަށެއްގައިވެސް އަޅާނުލެވި ހުރި ދާއިރާތަކެއްކަން ފާހަގަކުރައްވައި، ރައީސް ދެއްކެވި ވާހަކަފުޅުގައި، މި އަހަރުގެ ބަޖެޓުގެ ތެރޭގައި މި ދެ ދާއިރާއަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމުގައި ވިދާޅުވި އެވެ. އެ ގޮތުން އަނގޮޅިތީމުގެ ސްކޫލަށް ބޭނުންވާ ކަންތައްތައް ފަހިކޮށްދެއްވާނެ ކަމަށާއި ރަށުގެ ސިއްހީ މަރުކަޒުގެ ތަރައްގީއަށް ބޭނުންވާ ކަންކަން ކޮށްދެެއްވާނެކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވި އެވެ.

އެ މަނިކުފާނުގެ ވާހަކަފުޅުގައި، ސިއްހީ ދާއިރާގެ ތަރައްގީއަށް ސަރުކާރުން ގެންގުޅުއްވާ ބައެއް ވިސްނުންފުޅުތައް ހިއްސާކުރެއްވި އެވެ. އެ ގޮތުން ސިއްހީ މަރުކަޒުތަކުގައި ހުންނަ އިކުއިޕްމަންޓްތަކަކީ ނުހުއްޓި ހިންގޭނެ ގޮތަށް އޭގެ ބޭނުން ހިފޭނެ ތަކެތިކަމަށް ހެއްދެވުމަށްޓަކައި އެތަކެއްޗަށް ބޭނުންވާ ރިއޭޖަންޓްސް ނުވަތަ އެހެން ވަސީލަތްތައްވެސް ހުސްނުވެ ބަރާބަރަށް ލިބޭނެ ގޮތަށް އިންތިޒާމުތައް ރާއްވަވާނެކަމުގައި ވިދާޅުވި އެވެ. އެންމެ ކޮލިޓީ ބޭސް ހެޔޮ އަގުގައި ބަލްކުކޮށް ގެނެސް، އަގުހެޔޮކޮށް، އެންމެ ރަނގަޅު ފެންވަރުގެ ބޭސް ރާއްޖޭގެ ރައްޔިތުންނަށް ލިބޭނެގޮތަށް ސަރުކާރުން މިހާރު މަސައްކަތް ކުރައްވާ ފަދައިން، ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގެ ވަސީލަތްތަކާއި އިކުއިޕްމަންޓްތަކަކީވެސް ދުނިޔޭގެ އެންމެ ރަނގަޅު ބްރޭންޑްތަކުގެ ވަސީލަތްތަކަށް ހެދުމަށް މިހާރު ނިންމާފައިވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ. އެ ގޮތުން އެ މަސައްކަތްވެސް ކުރައްވާނީ ބަލްކް ޕްރޮކިއުމަންޓް އުސޫލުން ކަމަށާއި އެފަދަ ބްރޭންޑްތަކުން ތަކެތި ހޯދުމުން އެ އިކުއިޕްމަންޓްތައް ހިންގުމަށް ބޭނުންވާނެ ރިއޭޖެންޓްސް ހޯދުމަށްވެސް ފަސޭހަވާނެކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

ފެނާ ނަރުދަމާގެ މަސައްކަތް ނުނިމި މަގު ނުހެދޭނެ ކަމަށާއި، ފެނާ ނަރުދަމާގެ މަސައްކަތް ނިމުނުހާ އަވަހަކަށް އަނގޮޅިތީމުގެ މަގުތައް ތަރައްޤީކުރަން ފައްޓަވާނެކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ކުޅިވަރު ކުޅުމަކީ ޒުވާނުންނަށާއި އަންހެން ބޭފުޅުންނަށްވެސް ބޭނުންވާ ކަމެއް ކަމަށާއި އެ ގޮތުން މި އަހަރުގެ ބަޖެޓުގެ ތެރެއިން ޒުވާނުންނަށް ބޭނުންވާ ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެކަމުގައި ރައީސް ވިދާޅުވި އެވެ. އެ ގޮތުން ހޭންޑްބޯލްއަކީ އަންހެން ބޭފުޅުން ވަރަށް ގިނައިން ކުޅުއްވާ ކުޅިވަރެއް ކަމުގައި ވިދާޅުވެ، ހޭންޑްބޯލް ކޯޓެއް އެރަށުގައި އަޅައިދެއްވުމަށް އެ މަނިކުފާނުގެ ވާހަކަފުޅުގައި ވަޢުދުވެވަޑައިގެންނެވި އެވެ. އަދި މި އަހަރަށް ކުރައްވަން ކަނޑައަޅުއްވާފައިވާ ކަންކަމަށްފަހުގައި އަނގޮޅިތީމުގައި ހުއްޓިފައިހުރި ވިޒިޓަރ ސެންޓަރުގެ މަޝްރޫއަށް ހައްލެއް ހޯއްދެވުމަށް މަސައްކަތް ކުރައްވާނެކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

މި ރަސްމިއްޔާތުގައި ވަނީ، ބޭންކް އޮފް މޯލްޑިވްސް އިން ރަށުގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ރަސްމީ ގޮތުން ރަށު ކައުންސިލާ ހަވާލުކުރައްވާފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު