
މެންދުރު ފަހުގެ ވަގުތެއްގައި ރައީސް މުއިއްޒާއި މަޖިލިހުގެ ރައީސް އަބްދުއްރަހީމް ބޭއްވެވި ބައްދަލުވުމާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ، އެއީ ރައްޔިތުންގެ މަޖިލިހުގެ މި ދައުރަށް ސަރުކާރުން ފޮނުވި ބިލްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވުމުގެ ބައްދަލުވުމެއް ކަމަށެވެ."މި ބައްދަލުކުރެއްވުމަކީ، މިދިޔަ އަހަރު ވެސް ކޮންމެ ދައުރެއްގެ ކުރީކޮޅު ކުރިއަށް ގެންދަވާފައިވާ ފަދަ މަޝްވަރާ ބައްދަލުވުމެއް،" ހީނާ "އެކްސް" ގައި ވިދާޅުވި އެވެ.އެ ބައްދަލުވުމުގައި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށް ހީނާ ވިދާޅުވި އެވެ. އަދި މިއީ، ކޮންމެ ދައުރެއްގެ ވެސް ކުރީކޮޅު ބާއްވާފަ ފަދަ މަޝްވަރާ ބައްދަލުވުމެއް ކަމުގައި އޭނާ ވިދާޅުވި އެވެ.ރައީސް މުއިއްޒާއި މަޖިލިހުގެ ރައީސް އަބްދުއްރަހީމާ ދެމެދުގައި ނުތަނަވަސްކަމުގެ އަޑުތައް ގަދަވެފައިވަނިކޮށް މިދިޔަ މަހުގެ 28 ގައި ރައީސް ވަނީ އަބްދުއްރަހީމްގެ ދަރިކަލުން އަދި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މަގާމުން ވަކި ކުރައްވައިފަ އެވެ. މިއީ އޭގެ ފަހުން ރައީސާއި އަބްދުއްރަހީމް ބައްދަލުކުރައްވާ ފުރަތަމަ ފަހަރެވެ.އެ ދުވަސްވަރު ވަނީ މަޖިލިހުގެ ރައީސްގެ މަގާމުން އަބްދުއްރަހީމް ވަކި ކުރަން އުޅޭ ކަމުގެ އަޑުތައް ވެސް ގަދަވެފަ އެވެ. އެކަމަކު އެފަދަ އެއްވެސް މަސައްކަތެއް ޕީޖީގެ ތެރޭގައި ނުހިނގާ ކަމަށް ޕީއެންސީން ބުނެފައި ވެ އެވެ.