
އެ މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ފޭރުމުގެ ދައުވާ އުފުލި އެވެ. އެއީ ތ. ވިލުފުށި، އެހީވާގެ، އަހުމަދު މާހިދާއި ސ. ހިތަދޫ، ވަށަގުލިމާގެ، އަލީ އަފްޒަލް އާއި ގއ. ވިލިނގިލި، ބިނާ، އަބްދުލްއައްވަލް އިބްރާހީމް އަބޫބަކުރެވެ.އޭގެ އިތުރުން، ތޫނު އެއްޗަކުން ބިރު ދެއްކުމުގެ ކުށުގެ ދައުވާ އާއި މަގުބޫލު ސަބަބެއް ނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ދައުވާ ވެސް ދައުލަތުން އެމީހުންގެ މައްޗަށް އުފުލި އެވެ.އޭގެ އިތުރުން، ފަސް މީހަކަށް ދައުލަތުން ވަނީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އުފުލައިފަ އެވެ. އެއީ ކ. ގުރައިދޫ، އަޅިވިލާގެ، ހުސައިން ޝަހުދު އާއި ލ. މާވައް، ރޭޝަމް، މާޒިން މޫސާ އާއި މ. ކޯރަސް، އަހުމަދު ރައިހާން ނައީމް އާއި ކ. ގުރައިދޫ، އަޅިވިލާގެ، އިބްރާހީމް އަނޫފް އާއި ރ. މަޑުއްވަރި، މީޒާން، އިސްމާއިލް ސިރްހާން އެވެ.ޓެކްސީއެއްގައި ބަޔަކު އެއާޕޯޓަށް ގޮސް ޑޮލަރު ހުރި ސޫޓުކޭސްތައް ފޭރިގަނެގެން ފިލީ ލޯންޗެއްގައެވެ. އެ ލޯންޗު އަތުލައިގަތްކަން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިޙްސާން އެ ދުވަހު ވިދާޅުވި ނަމަވެސް، ގެއްލުނު ފައިސާއަށްވީ ގޮތް އަދިވެސް ފުލުހުން ހާމަކޮށްފައި ނުވެއެވެ.ގެއްލުނީ ސީދާ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ވެސް ފުލުހުން ނުބުނެ އެވެ. އެކަމަކު، އިތުބާރު ހުރި މަސްދަރަކުން 'ހޯރަ'އަށް އޭރު ބުނި ގޮތުގައި އެ މީހުން ވަގަށް ނެގި ކަމަށް ބުނާ ސޫޓް ކޭހުގައި ލައްކައެއްހާ ޑޮލަރު ހުންނާނެއެވެ.އެއީ، ފުރާ މީހުންނަށް ފައިސާ މާރުކުރާ ކައުންޓަރަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ގެންދިޔަ ފައިސާކަން ވަނީ އެނގިފައެވެ. އަދި، ޑޮލަރުގެ އިތުރުން ވެސް ޔޫރޯއާއި އެ ނޫން ވެސް ފައިސާ ހުންނާނެ ކަމަށް އޭނާ ބުނެފައިވެ އެވެ.