
ޓޮރޮންޓޯ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ 30 މިނެޓްގައި އައިވަރީ ކޯސްޓުން ވަނީ ލީޑު ނަގައިފަ އެވެ. މިއީ އަރިމަތިން ޔެން ޑިއޮމާންޑޭ ނެގި ހުރަހަކުން އޭރިއާތެރެއިން އަމަދު ޑިއާލޯ ފޮނުވާލަން އުޅުނު ބޯޅަ، އެޓީމުގެ ކެޕްޓަން ފްރޭންކް ކެސިއޭ އަށް ލިބުނު ވަގުތު އޭނާ ގޯލަށް ވައްދާލައިގެން ކާމިޔާބުކުރި ގޯލެކެވެ.ދެ ވަނަ ހާފުގެ ކުރީކޮޅު ލީޑު ފުޅާކޮށްލަން އައިވަރީ ކޯސްޓަށް ރަނގަޅު ތިން ފުރުސަތެއް ލިބި ބޭކާރުވެފައިވެ އެވެ. އޭގެ ނަތީޖާއަކަށްވީ މެޗުގެ 68 ވަނަ މިނިޓްގައި ޖަރުމަނުން ނަތީޖާ އެއްވަރުކުރުމެވެ. މިއީ، ބަދަލު ކުޅުންތެރިންގެ ގޮތުގައި ނުކުމެ، ނަޑިއެމް އަމީރީ އާއި ޑެނިސް އުންޑާވް ގުޅިގެން ކާމިޔާބުކުރި ގޯލެކެވެ. އަމީރީ ބަލާލާފައި އޭރިއާތެެރެއަށް ނަގައިދިން ބޯޅަ އުންޑާވް ވަނީ ހަމަޖެހިލައިފައި ބޮލުން ގޯލަށް ފޮނުވާލައިފަ އެެވެ.އޭގެ ފަހުން، ކައުންޓަ އެޓޭކުގައި އައިވަރީ ކޯސްޓު މޮޅުކޮށްދޭން ބަދަލު ކުޅުންތެރިޔާ ސިމޯން އަޑިންގްރާ އަށް ހުސް ފުރުސަތެއް ލިބި ބޭކާރުވެފައިވެ އެވެ.ގްރޫޕް އީގައި 2-1 އިން ޖަރުމަން މި ހޯދި ކާމިޔާބުން ވަރަށް ހިތި ހަނދާނަކުން ސަލާމަތްވެވުނީ އެވެ. ވޯލްޑް ކަޕްގެ ތަށި 2014ގައި ނެގި ފަހުން ދެން ކުޅުނު ދެ މުބާރާތް، 2018 އާއި 2022 ގައި، ޖަރުމަން ކެޓީ ގްރޫޕް ސްޓޭޖުންނެވެ. ފުޓްބޯޅައިގެ ގަދަ ބާރަކަށް ބަލާއިރު ބޮޑު ހިތާމައެކެވެ.ނަމަވެސް ގްރޫޕްގެ ފުރަތަމަ ދެ މޮޅާ އެކު ހަ ޕޮއިންޓް ލިބުމުން މިހާރު އެ ވަނީ އެއްވަނަ ކަށަވަރުވެފަ އެވެ. ގްރޫޕްގައި ދެން ހިމެނޭ ކިއުރަސާއޯ އާއި އިކުއަޑޯ މިއަދު ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.