ހަތިޔާރަށް ކުރާ ހޭދައިން ހުރިހާ ޤައުމެއްވެސް ބިރުވެރިކަމެއްގައި!
ޢަބްދުﷲ ޖުނައިދު(ޢޖ)
20 ޖެނުއަރީ 2024 - 19:11
0 comments
ނިއުކްލިޔަ ހަތިޔާރުގެ ޓެސްޓެއް ކުރަނީ
ސްޓޮކްހޯމް އިންޓަނޭޝަނަލް ޕީސް ރިސާޗް އިންސްޓިޓިއުޓް (އެސްއައިޕީއާރުއައި) ގެ އެންމެ ފަހުގެ ރިޕޯޓުގައިވާ ގޮތުން ޔޫކްރޭން ހަނގުރާމަ ފެށުނު ފަހުން ދުނިޔޭގައި ހަތިޔާރަށް ކުރާ ޚަރަދު ވަނީ އާދަޔާ ޚިލާފަށް އިތުރު ވެފަ އެވެ. ޔޫރަޕްގައި ދިފާއީ ޚަރަދުތައް އިތުރުވެފައިވަނީ މިދިޔަ 30 އަހަރު ތެރޭގައި އިތުރުނުވާހާ މިންވަރަށެވެ. ދުނިޔޭގެ ގައުމުތަކުން 2022 ވަނަ އަހަރު އަސްކަރިއްޔާއަށް 2.2 ޓްރިލިއަން ޑޮލަރު ޚަރަދުކޮށްފައިވާއިރު، ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވި އިގްތިޞާދީ ދަތިތަކާ އެކު ވެސް ޤައުމުތަކުން މަސައްކަތްކުރީ ދިފާޢީ ޤާބިލްކަން ވަރުގަދަ ކުރުމަށެވެ.
ހަތިޔާރަށް ކުރާ ޚަރަދުގެ ގޮތުން އަދިވެސް ލިސްޓުގެ އެންމެ ކުރީގައި އޮތީ އެމެރިކާ އެވެ. އެމީހުން ވަނީ އަސްކަރިއްޔާއަށް 877 ބިލިއަން ޑޮލަރު ހޭދަކޮށްފައެވެ. ދެން އޮތީ 292 ބިލިއަން ޑޮލަރާއެކީ ޗައިނާ އެވެ. ތިންވަނައިގައި އޮތީ ރަޝިޔާ ކަމަށް ސްޓެޓިސްޓާގެ އެންމެ ފަހުގެ މަޢުލޫމާތުން އެނގެއެވެ. އެމެރިކާ، ޗައިނާ އަދި ރަޝިޔާ އެންމެ ކުރީގައި އުޅޭއިރު މިއީ މުޅި ދުނިޔެއިންވެސް ދިފާޢީ ދާއިރާއަށް ކުރާ ޖުމްލަ ޚަރަދުގެ 56 ޕަސެންޓެވެ. އިންޑިޔާ އޮތީ ހަތަރު ވަނައިގަ އެވެ. ޑިފެންސް ދާއިރާއަށް މިދިޔަ އަހަރު އިންޑިއާއިން ވަނީ 8،140 ކްރޯޑް ޑޮލަރު ހަރަދުކޮށްފަ އެވެ.އެހެންކަމުން އެމެރިކާގެ ބޮޑު ޑިފެންސް ބަޖެޓާއި، ޗައިނާގެ އަސްކަރީ ޚަރަދުތައް އިތުރުވުމާއި، އިންޑިއާ ސިފައިންގެ އަސްކަރީ ހޭދައާއި ގުޅޭގޮތުން ޚުލާސާކޮށް ބަލާލާނަމެވެ.އެންމެ ބޮޑު ހޭދައެއްކުރި 4 ޤައުމު 1. އެމެރިކާ:މިއީ މުޅި ދުނިޔޭގައިވެސް އަސްކަރިއްޔާއަށް އެންމެ ބޮޑު ހޭދައެއްކުރާ ޤައުމެވެ. 2024 ވަނަ އަހަރު 886 ބިލިއަން ޑޮލަރު ކަނޑައަޅާފައިވާއިރު، މިއީ ކުރީ އަހަރާއި އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ. މި އަދަދަކީ ދުނިޔޭގެ ޖުމްލަ އަސްކަރީ ހަރަދުގެ ގާތްގަނޑަކަށް %40 އެވެ. އެމެރިކާގެ ބަޖެޓުގައި ބާރުއަޅާފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެމީހުންގެ ބާރު ގަދަކުރުމަށެވެ. އެގޮތުން އިންޑޯ ޕެސިފިކް ސަރަހައްދުގައި އޮޕަރޭޝަންތައް ފުޅާކުރުމާއި ނިއުކްލިއާ ހަތިޔާރު ޒަމާނީކުރުމާއި، ހައިޕަރސޮނިކް މިސައިލް އުފެއްދުމަށް އެމެރިކާގެ މިއަހަރުގެ އަސްކަރީ ބަޖެޓް ގައި ހިސާބު ޖަހާފައި ވެއެވެ.ތިރީގައި މިވަނީ އެމެރިކާގެ އަސްކަރީ ޚަރަދުތަކާއި، ޚަރަދުކުރާ ދާއިރާތަކާއި، 2024 ވަނަ އަހަރުގެ ބަޖެޓާއި، ދިފާޢީ ޚަރަދުތަކުގެ ޖުމްލަ ޓްރެންޑާ ބެހޭ ކުރު ޚުލާސާއެވެ.ސިފައިންގެ މުސާރައާއި އިނާޔަތްތަކަށް ބޮޑު ބަޖެޓެއް ކަނޑައަޅައި ސިފައިންގެ މުސާރަ %5.2 އިތުރުކޮށް، ހައިޕަރސޮނިކް މިސައިލް ފަދަ ޒަމާނީ ހަތިޔާރު އުފެއްދުމަށް ބޮޑު ބަޖެޓެއް ކަނޑައަޅާފައިވާއިރު، ދުނިޔޭގެ އެކިކަންކޮޅުތަކުގައި ޚާއްސަކޮށް ރަޝިއާ އިނދަޖައްސައި ނޭޓޯ ފުޅާކުރުމަށް ހިންގާ އަސްކަރީ މިޝަންތަކަށްވެސް އެމެރިކާއިން ވަނީ ބޮޑު ބަޖެޓެއް ހިމަނާފައެވެ. 2. ޗައިނާ:ޗައިނާއަކީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އަސްކަރީ ޚަރަދުކުރާ ޤައުމެވެ. 2024 ވަނަ އަހަރުގެ ބަޖެޓަކީ ގާތްގަނޑަކަށް 292 ބިލިއަން ޑޮލަރެވެ. މިއީ ޗައިނާގެ އަސްކަރީ ޤާބިލްކަން ފުޅާކޮށް ޒަމާނީ ކުރުމަށް ދޭ ސްޓްރެޓެޖިކް ފޯކަސް ދައްކުވައިދޭ ކަމެކެވެ.ތިރީގައި މިވަނީ މިއަހަރު ޗައިނާގެ އަސްކަރީ ޚަރަދުތައް ކުރުމަށް ރާވާފައިވާ ގޮތުގެ ކުރު ޚުލާސާއެވެ.ހަނގުރާމަމަތީ ބޯޓުތަކާއި ސަބްމެރިންތައް ހިމެނޭ ގޮތަށް ކަނޑުގެ ސިފައިން ވަރުގަދަ ކުރުމަށް ބޮޑު ޚަރަދެއް ކުރާއިރު، އެއާފޯސް މޮޑަނައިޒޭޝަން އާ ފަޔަރ ޖެޓްތަކާއި، ޑްރޯންތަކާއި، ވައިގެ ދިފާޢީ ދާއިރާއަށް ވަރަށް ބޮޑަށް އިންވެސްޓްކުރާނެއެވެ. އަދި މިސައިލްތައް ތަރައްޤީކުރުމާއި ) އޭގެ ތެރޭގައި އަޑަށްވުރެ ބާރަށް ދަތުރުކުރާ މިސައިލްތައް ހިމެނޭ( ސައިބަރ އެންޑް ސްޕޭސް އިތުރަށް ފޯކަސް ކުރަނީ ސައިބަރ ހަނގުރާމައާއި ޖައްވީ މިޝަންތަކަށެވެ. ޗައިނާއިން އަސްކަރީ މަރުކަޒުތަކުގެ އިންފްރާސްޓްރަކްޗަރ އަޕްޑޭޓްކޮށް، އެފްރިކާ އަދި ދެކުނު ޗައިނާ ކަނޑު ފަދަ ތަންތަނުގައި އަސްކަރީ ހަރަކާތްތައް އިތުރުކުރާނެއެވެ. މި އަސްކަރިއްޔާއަކީ ދުނިޔޭގެ އެންމެ މޮޅު އެއް އަސްކަރިއްޔާއަށް ހެދުމަށް އަމާޒު ހިފާފައިވާއިރު، ޗައިނާއިން އެންމެ ބޮޑަށް ބާރުއަޅަނީ ޚާއްސަކޮށް ޓެކްނޮލޮޖީގެ ރޮނގުން ދުނިޔޭގެ އެއްވަނަ ޤައުމަށް ވުމަށެވެ. 3. އިންޑިއާ:ސަރަހައްދީ ގަދަ ބާރަށް ވުމަށް މަސައްކަތްކުރަމުންދާ އިންޑިއާއިން މިއަހަރު 74 ބިލިއަން ޑޮލަރު އަސްކަރިއްޔާއަށް ހޭދަކުރާނެ ކަމަށް ޑޭޓާ އެންޑް އެނަލިޓިކްސް ކުންފުންޏެއް ކަމަށްވާ ގްލޯބަލްޑޭޓާއިން ލަފާކުރެއެވެ. އަދި މި 5 އަހަރުތެރޭގައި )2024 އިން 2028 އާހަމަޔަށް( ޑިފެންސް ޚަރަދު 445.7 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވޭއިރު، އޭގެ ތެރެއިން އެކްވިޒިޝަން ބަޖެޓް ހިއްސާ ގާތްގަނޑަކަށް %28 އަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ގްލޯބަލްޑޭޓާއިން ލަފާކުރެއެވެ.ދުނިޔޭގެ މިލިޓަރީ ހޭދައާބެހޭގޮތުން އީކްސްފޯގީކްސް ރިޕޯޓުގައި ބުނަނީ؛ އިންޑިއާއިން ބޯޑަރ ސެކިއުރިޓީއަށް، ޚާއްޞަކޮށް ސަމާލުކަމެއްދީ އަސްކަރީ ސާމާނު ޒަމާނީ ކުރުމަށް މިއަހަރު އިންވެސްޓް ކުރާނެއެވެ. އޭގެ ތެރޭގައި މަތިންދާބޯޓުތަކާއި ކަނޑުގެ ސިފައިންގެ ފްލީޓްތައް އަޕްގްރޭޑް ކުރުން ހިމެނެއެވެ. މިސައިލް ސިސްޓަމްތަކާއި ނިއުކްލިއާ ކެޕޭސިޓީ އިތުރުކުރުން ފަދަ މުހިންމު މަޝްރޫއުތަކަށް ފައިސާ ޚަރަދުކޮށް ބައިނަލްއަޤްވާމީ ޕާޓްނަރުންނާއެކު ޖޮއިންޓް އަސްކަރީ ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ކަނޑައަޅާފައިވެ އެވެ.ފާހަގަކޮށްލެވޭ ކަމަކީ، 2022 ވަނަ އަހަރު ޗައިނާއިން ޑިފެންސް އަށް ކުރި ޖުމްލަ ހަރަދާ އަޅާބަލާއިރު އިންޑިއާ ހަރަދު ހުރީ އެންމެ 28 ޕަސެންޓް އެވެ. ނަމަވެސް އިންޑިއާ ކަންބޮޑުވާ ސަބަބަކީ ޔޫރަޕްގައި ހިނގަމުންދާ ހަނގުރާމައެއް ނޫނެވެ. އިންޑިއާގެ އަވަށްޓެރި ދެ ގައުމު ޗައިނާ އާއި ޕާކިސްތާނާ މެދު ކަންބޮޑުވެ އެވެ. ވޯލް ސްޓްރީޓް ޖާރނަލަލްގެ ރިޕޯޓުގައިވާ ގޮތުން ޗައިނާ އާއި ޕާކިސްތާނާ ކުރިމަތިލުމަށް އިންޑިއާ ސިފައިން ވަނީ 42 ބޯޓާއި ގާތްގަނޑަކަށް 750 މަތިންދާބޯޓުގެ ފްލީޓެއް ޑިމާންޑްކޮށްފަ އެވެ. ރިޕޯޓްތަކުގައިވާ ގޮތުން 2032 ވަނަ އަހަރުގެ ނިޔަލަށް އިންޑިއާއަށް ލިބޭނީ އެންމެ 22 ބޯޓުގެ ފްލީޓެކެވެ. 4. ރަޝިއާ:ރަޝިޔާގެ އަސްކަރީ ޚަރަދުތައް ވަނީ 2011 އާއި 2016 އާ ދެމެދު 50 ޕަސެންޓް އިތުރުވެފަ އެވެ. 2017 ވަނަ އަހަރު އެކަން ދަށްވި ނަމަވެސް، 2018 ވަނަ އަހަރުން ފެށިގެން ރަޝިޔާގެ އަސްކަރިއްޔާ ކޮންމެ އަހަރަކުވެސް އިތުރުވަމުންދެއެވެ. ރަޝިޔާގެ "ޤައުމީ ދިފާޢީ" ބަޖެޓް ލައިން 2021 ވަނަ އަހަރު އެތައް ފަހަރަކު އިސްލާހުކޮށްފައިވެ އެވެ. މިކަމުގެ ސަބަބަކީ ޔޫކްރޭނާއެކު ކުރިއަށްދާ ކޯޅުންތަކެވެ. 8 ޑިސެމްބަރު 2020 ގެ ބަޖެޓް ޤާނޫނުގައި 2021 ވަނަ އަހަރުގެ މިދެންނެވި ދިފާޢީ ބަޖެޓަށް 3118 ބިލިއަން ރޫބަލް (42.3 ބިލިއަން ޑޮލަރު) ކަނޑައެޅި އެވެ. 2021 ވަނަ އަހަރުގެ އަސްލު ޚަރަދާ ގުޅޭ ގޮތުން ލިބުނު މަޢުލޫމާތުތަކުން ދައްކާ ގޮތުގައި މި ބަޖެޓް ލައިންގެ ދަށުން 3573 ބިލިއަން ރޫބަލް (48.4 ބިލިއަން ޑޮލަރު) ޚަރަދުކޮށްފައިވެ އެވެ. ރަޝިޔާއިން އިތުރުކުރި އަސްކަރީ ޚަރަދުތަކަށް ފައިނޭންސް ކުރީ ތެލާއި ގޭހުގެ އެކްސްޕޯޓް ޢާމްދަނީގެ ތެރެއިންނެވެ.މިކަމުން ސާފުކޮށް ފެންނަނީ މިހާރުވެސް މުޅި ހުޅަނގާއި ދެކޮޅަށް ތެދުވެ އޮތް ރަޝިއާއިން ދުނިޔޭގެ ނުފޫޒަށް ދޭ ސްޓްރެޓެޖިކް ފޯކަސް އެވެ. 2024 ވަނަ އަހަރަށް ލަފާކުރާ އަސްކަރީ ބަޖެޓް ރަޝިއާ ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފަ އެވެ. 2022 ވަނަ އަހަރުގެ ބަޖެޓާ އަޅާބަލާއިރު (ގާތްގަނޑަކަށް 65.9 ބިލިއަން ޑޮލަރު) އެވެ.ޚުލާސާކޮށް ރަޝިއާއިން އިންވެސްޓް ކުރަނީ ސޯވިއެޓް ޔޫނިއަންގެ ދުވަސްވަރުގެ މުސްކުޅި ހަތިޔާރުތައް ޒަމާނީ ކުރުމަށެވެ. މިސައިލް ސިސްޓަމް ހިމެނޭގޮތަށް ނިއުކްލިއަރ ހަތިޔާރު ތަރައްގީ ކުރުމަށެވެ. ސައިބަރ ސެކިއުރިޓީ ވަރުގަދަ ކުރުމާއި ޖައްވީ އިދާރާއަށް އަހައްމިއްޔަތުކަން ދޭއިރު ސަބްމެރީންއިން ފެށިގެން ކަނޑާއި ވައިގެމަގުން ބޭނުންކުރާ ހަނގުރާމަމަތީ އުޅަނދުތަކަށް ފޯކަސް ކުރާނެއެވެ.އެހެން ގައުމުތައް:ސައުދީ އަރަބިއްޔާ: އެންމެ ފަހުގެ އަހަރީ މައުލޫމާތުން، ގާތްގަނޑަކަށް 20 ބިލިއަން ޑޮލަރު އިންވެސްޓްކޮށްފައިވަނީ ޒަމާނީ ވައިގެ ދިފާއީ ނިޒާމުތަކާއި މިސައިލް ޓެކްނޮލޮޖީއަށެވެ. ޒަމާނީ ހަތިޔާރު ގަތުމަށް 12 ބިލިއަން ޑޮލަރަށް ވުރެ ގިނައިން ޚަރަދުކުރިއިރު، އާ ބޯޓުތަކާއި ސަބްމެރިންތައް ހިމެނޭ ގޮތަށް ކަނޑުގެ ސިފައިންގެ އަޕްގްރޭޑްތަކަށް ގާތްގަނޑަކަށް 10 ބިލިއަން ޑޮލަރެވެ. އީރާނުގެ ނުރައްކާތަކަށް ވިސްނައި، އެތެރޭގެ ސަލާމަތީ ފިޔަވަޅުތަކާއި ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތަށް ގާތްގަނޑަކަށް ފަސް ބިލިއަން ޑޮލަރު ޚާއްސަކުރިއެވެ.އިނގިރޭސިވިލާތް:އަސްކަރިއްޔާއަށް މިދިޔަ އަހަރު 68.5 ބިލިއަން ޑޮލަރު ހޭދަކުރިއިރު ރަޝިއާއާ ދެކޮޅަށް ނޭޓޯއިން ކުރާ ހަނގުރާމައަށް ނޭޓޯގެ ގައުމުތަކަށް އިނގިރޭސިވިލާތުން 5 ބިލިއަން ޑޮލަރު ހަރަދުކޮށްފައިވާކަން ފާހަގަކުރެވެއެވެ.ފްރާންސް އަދި ޖަރުމަން:ފްރާންސްގެ ޑިފެންސް ބަޖެޓަކީ 2023 ވަނަ އަހަރަށް ގާތްގަނޑަކަށް 53.6 ބިލިއަން ޑޮލަރެވެ. ފާއިތުވި އަހަރުތަކުގައި ފްރާންސުން ވަނީ ހަތިޔާރު އެޅި ސިފައިން އަޕްގްރޭޑްކޮށް ދިފާއީ ގާބިލްކަން އިތުރުކޮށްފަ އެވެ. ޖަރުމަންވިލާތުން 2023 ވަނަ އަހަރު ވަނީ އަސްކަރީ ކަންތަކުގައި ގާތްގަނޑަކަށް 55.8 ބިލިއަން ޑޮލަރު ޚަރަދުކޮށްފައެވެ. 30 ބިލިއަން ޑޮލަރަކީ ހަތިޔަަރަށް ކުރި ހޭދަ އެވެ.ދެކުނު ކޮރެއާ އަދި ޖަޕާން:2023 ވަނަ އަހަރު ދެކުނު ކޮރެއާގެ ޑިފެންސް ބަޖެޓަކީ ގާތްގަނޑަކަށް 46.4 ބިލިއަން ޑޮލަރެވެ. މި ޢަދަދަކީ ކުރީ އަހަރުތަކާ އަޅާބަލާއިރު ވަރަށް ބޮޑު ހޭދައެކެވެ. މި ބަޖެޓުން ދައްކުވައިދެނީ ސަރަޙައްދީ ނުރައްކާތަކަށް ރައްދުދީ، ޚާއްސަކޮށް އުތުރު ކޮރެއާއާމެދު ސަމާލުވެ ދެކުނު ކޮރެއާއިން އެގައުމުގެ އަސްކަރިއްޔާ ބާރުވެރިކުރުމެވެ.ޖަޕާނުން 30 ބިލިއަން ޑޮލަރުގެ ހަތިޔާރާއި ހަތިޔާރު އުފުލާ އުޅަނދުތަކަށް ހޭދަކުރިއިރު 46 ބިލިއަން ޑޮލަރު މުޅި އަސްކަރިއްޔާއަށް ހޭދަކުރިއެވެ.ނިންމުން: ހަތިޔާރަށް ކުރާ ހޭދަ އިތުރުވުމަކީ، ޗައިނާ އާއި އެމެރިކާ ފަދަ ޤައުމުތައް ސްޓްރެޓެޖިކް ވާދަވެރިކަމުގައި އުޅޭ އޭޝިއާ ޕެސިފިކް ސަރަހައްދުގައި އުފެދިފައިވާ ކޯޅުން އިތުރުވުމެވެ. މިކަމުން ކުރިމަތިވެދާނެ ނުރައްކާތަކަށް ރައްދުދީ ޖަޕާނާއި ދެކުނު ކޮރެއާ ފަދަ ޤައުމުތަކުން ވަނީ ހަތިޔާރު އެޅި ސިފައިން ޒަމާނީކޮށް އަސްކަރީ ޤާބިލްކަން އިތުރުކުރުމަށް ދިފާއީ ބަޖެޓް ވަރަށް ބޮޑަށް އިތުރުކޮށްފަ އެވެ. މީގެ އިތުރުން ސައިބަރ ހަނގުރާމައާއި ޓެރަރިޒަމް ފަދަ ނުރައްކާތައް ދުނިޔޭގެ ފެންވަރުގައި އިތުރުވުމުން ޤައުމުތަކުން ވަނީ އަސްކަރީ އިންވެސްޓްމަންޓްތަކަށް އިސްކަންދީފައެވެ. މިއީ އުފެދިފައިވާ ގޮންޖެހުންތަކަށް ސްޓްރެޓެޖިކް ޖަވާބެއް ދިނުމެވެ.އެހެންކަމުން، ކުރިޔަށް އޮތްތަނުގައި ދުނިޔޭގެ ސުޕަރޕަވަރ ގެ ގޮތުގައި ދެމިއޮތުމަށް އެމެރިކާއިން ކުރާ މަސައްކަތް ނާކާމިޔާބުވެ، އެއް ބާރަށްވުރެ ގިނަ ބާރުތަކަށް ދުނިޔެ ބެހިގެންދާނެ އެވެ. އެއްވެސް ބަޔަކަށް ރައްކާތެރިކަމުގެ ޔަޤީންކަމެއް ނެތެވެ. ރައްކާވެ ތިބިއްޔާ ދަތުރެވެ.
ކިޔުންތެރިންގެ ޝުއޫރު